ސީއެންއެމްއަށް މައުލޫމަތު ދެއްވަމުން ވަންދޫ ކައުންސިލުގެ ރައީސް މުހައްމަދު ގިޔާސް ވިދާޅުވީ އެ ދޯނި ފަރަށް އެރުމުގެ ސަބަަބުން ދޯންޏަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ ކަމަށެވެ.
އެގޮތުން ދޯނީގެ ހަލް ފަޅައިގެން ދިޔުމާއެކު ދޯނީގެ ބޭރުން 15 ފޫޓް ފަޅައިގެން ގޮސްފައި ހުރި ކަމަށާއި އަދި އިންޖީނަށާއި ބުރަފަށްޗައް ވެސް ގެއްލުންތަކެއް ލިބިފައި ހުރުމުގެ ސަބަބުން ވަރަށް ބޮޑު މަރާމާތުތަކެއް ކުރަން ޖެހުނު ކަމަށް ގިޔާސް ވިދާޅުވި އެވެ.
ގިޔާސް ވިދާޅުވީ ދޯނީގެ މަރާމާތަށާއި ދޯނި ފުންކުރުމަށް ކުރަން ޖެހުނު މަސައްކަތްތަކަށް ގާތްގަނޑަކަށް 1.5 މިލިއަން ރުފިޔާ ހަރަދުވި ކަމަށެވެ.
ދެމަހާއި އަށް ދުވަސް ފަހުން ދޯނީގެ މަރާމާތުގެ މަސައްކަތް ނިންމާ އިއްޔެ އެ ދޯނި މަހަށް ފުރާފައި ވާއިރު ކުރު މުއްދަތެއްގެ ތެރޭގައި މަރާމާތުގެ މަސައްކަތްތައް ނިންމާލެވުނީ ގިނަ ބައެއްގެ އެހީތެރިކަމާއެކު ކަން ގިޔާސް ފާހަގަކުރެއްވި އެވެ.
ޖުމްލަ 25 މީހުންނާއެކު މަސްވެރިކަމަށް ނިކުމެ އުޅުނު އެ ދޯނި ފަރަށް އަރާފައި ވަނީ ވ. ރަކީދޫގެ އިރުން ދެ ނޯޓިކަލް މޭލު ބޭރުން އޮގަސްޓު 16 ވަނަ ދުވަހު އެވެ.
އެ ދޯނި މަރާމާތަށް ފަހު އަލުން އަނބުރާ މަސްވެރިކަމަށް ނިކުތުމުން ފިޝަރީޒް މިނިސްޓަރު ޒަހާ ވަހީދު ވެސް ވަނީ މަރުހަބާ ކިޔުއްވާފަ އެވެ.