ads
މެމްބަރު އަބްދުﷲ ޖާބިރު-- ފޮޓޯ: ރައްޔިތުންގެ މަޖިލިސް
ބަރުލަމާނީ ނިޒާމަށް ބަދަލުކުރަން ހުށަހެޅި އިސްލާހު ބޭރުކޮށްލައިފި
ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު ޤާނޫނުއަސާސީއަށް ހުށަހަޅާފައިވާ އިސްލާހު ބޭރުކޮށްލައިފި އެވެ.

ޖާބިރު ގާނޫނުއަސާސީއަށް ހުށަހަޅާފައިވާ އިސްލާހަކީ ވެރިކަމުގެ ނިޒާމު ބަރުލަމާނީ ނިޒާމަށް ބަދަލުކުރުމަށް ހުށަހަޅާފައިވާ އިސްލާހެކެވެ.

އެ އިސްލާހު މަޖިލީހަށް ބަލައިގަތުމާއި މެދު އެހި ވޯޓުގައި އެ ބިލު ބަލައިގަތުމަށް ވޯޓު ދެއްވާފައިވަނީ ޖާބިރު އެކަންޏެވެ. އަދި އެ ބިލު ބަލައިނުގަތުމަށް 51 މެމްބަރުން ވަނީ ވޯޓު ދެއްވާފަ އެވެ.

ޖާބިރު ހުށަހެޅި އިސްލާހުގައި ވަނީ 2008 ވަނަ އަހަރު ތަސްދީގު ކުރެވުނު ރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނު އަސާސީ އެކުލަވާ ލުމުގެ މަސައްކަތް ކުރަމުންދިޔަ ދުވަސްވަރު "ރާއްޖޭގައި އޮންނަން ފެންނަނީ "ރިޔާސީ ނިޒާމެއްތޯ ނުވަތަ "ބަރުލަމާކީ ނިޒާމެއްތޯ ކަނޑައެޅުމަށްޓަކައި ނެގި ރައްޔިތުންގެ "ފެންނަ" "ނުފެންނަ ވޯޓުގައި ވޯޓުދިން މީހުންގެ އަގުލަބިއްޔަތުން ރާއްޖޭގައި އޮންނަން ފެންނަނީ ރިޔާސީ ނިޒާމެއް ކަމުގައި ކަނޑައެޅިފައި ވީނަމަވެސް، ގާނޫނު އަސާސީގެ އެއްވެސް ހިސާބެއްގައި ރާއްޖޭގައި ވެރިކަންކުރާ ނިޒާމަކީ "ރިޔާސީ ނިޒާމެއް" ކަމުގައި ކަނޑައަޅައި ބަޔާން ކޮށްފައިނުވާ ކަމަށެވެ. 

އަދި ގާނޫނު އަސާސީ ތަސްދީގު ކުރެވުނު ފަހުން ބޭއްވުނު ރިޔާސީ އިންތިހާބުތަކުގެ މައްޗަށާއި، އަދި ރާއްޖޭގައި ވެރިކަން ހިންގަމުން އަންނަ ގޮތަށް ބަލައި ވިސްނާއިރު، ރާއްޖޭގައި ވެރިކަން ހިންގަމުން އަންނަނީ "ބަރުލަމާނީ ނިޒާމުގެ" ސިފަތަކުގެ މައްޗަށްކަން އެނގެން އޮތް ކަމަށެވެ. 

އަދި ރާއްޖޭގައި ހިންގަމުން އަންނަ ވެރިކަމަކީ "ރިޔާސީ ނިޒާމެއްގެ" ފުރިހަމަ ސިފައިގައި ހިންގަމުން އަންނަ ވެރިކަމަކަށް ނުވާތީ އެކަމުގެ ސަބަބުން ދިވެހި ރައްޔިތުންނަށް ލިބިގެންދާ ގެއްލުމާއި ނިކަމެތިކަން ދުވަހުން ދުވަހަށް ބޮޑުވަމުން އަންނައިރު، ރައްޔިތުންނަށް އެލިބޭ ގެއްލުމުން ރައްޔިތުން ސަލާމަތްވާނީ ރާއްޖޭގެ ވެރިކަމުގެ ނިޒާމް "ބަރުލަމާނީ ނިޒާމް" އަކަށް ބަދަލުވެގެން ދިއުމުން ކަމަށް ގަބޫލުކުރެވޭ ކަމަށެވެ. 

އޭގެ އިތުރުން އެ ހުށަހެޅުމުގައި ބުނީ ދިވެހިރާއްޖޭގެ ވެރިކަން ހިންގުމުގެ ނިޒާމު ބަރުލަމާނީ ނިޒާމަކަށް ބަދަލު ކުރުމަކީ ރައްޔިތުންގެ އަސާސީ ހައްގުތަކާއި މިނިވަންކަމަށް އެއްވެސް އުނިކަމެއް އަންނާނެ ކަމެއް ކަމަށް ނުވާތީއާއި، އަދި ބަރުލަމާނީ ނިޒާމެއްގައި ވެސް ރައީސުލްޖުމްހޫރިއްޔާގެ މަގާމަށް މީހަކު އިންތިހާބު ކުރުމާއި ރައްޔިތުން އިންތިހާބުކުރާ ރައްޔިތުންގެ މަޖިލީހެއް ވެސް އޮންނާނެތީ އާއި، އަދި ގާނޫނު އަސާސީ އަށް އެ އިސްލާހު ގެނައުމަކީ ގާނޫނުއަސާސީ އާއި ތައާރުޒުވާނެ ކަމަކަށް ވެސް ނުބެލެވޭ ކަމަށް ޖާބިރު ހުށަހެޅި އިސްލާހުގައިވެ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް