ads
ބިދޭސީންތަކެއް ހިދުމަތް ހޯދުމަށް ކިއު ޖެހިފައި--
ވިޔަފާރި އުސޫލުން ބިދޭސީންގެ ހުރުން ހަމަޖައްސާނަމަ ރަޖިސްޓްރީކުރުން ލާޒިމްކޮށްފި
ބިދޭސީ މުވައްޒަފުންގެ އެކަމަޑޭޝަންގެ ހިދުމަތް ދިނުމުގެ ވިޔަފާރި ހަރަކާތް ރަޖިސްޓަރީ ކުރުމަށް ލާޒިމުކޮށް، އެފަދަ އެފަދަ ވިޔަފާރި ރަޖިސްޓަރީ ކުރުމުގެ ގަވާއިދު އާންމުކޮށްފި އެެވެ.

އިކޮނޮމިކް މިނިސްޓްރީން އާއްމުކޮށްފައިވާ "ބިދޭސީ މުވައްޒަފުންގެ އެކަމޮޑޭޝަންގެ ހިދުމަތް ދިނުމުގެ ވިޔަފާރި ހަރަކާތް ރަޖިސްޓަރީ ކުރުމުގެ ގަވާއިދު"ގެ މައިގަނޑު މަގުސަދަކީ ބިދޭސީ މުވައްޒަފުންގެ އެކަމޮޑޭޝަން ހިދުމަތް ދިނުމަށް ހިންގާ ވިޔަފާރި ހަރަކާތް ރަޖިސްޓަރީ ކުރުމަށް ލާޒިމުކުރުމާއި އެފަދަ ވިޔަފާރި ހިންގުމާ ގުޅޭ އުސޫލުތައް ކަނޑައެޅުމެވެ. 

އެ ގަވާއިދުގައި ވާގޮތުން، ވަޒީފާ ދޭ ފަރާތުގެ އަމިއްލަ ތަންތަނުގައި، އެ ފަރާތުގެ ނަމުގައި ރާއްޖެ ގެންނަ ބިދޭސީ މުވައްޒަފުންނަށް އެކަމޮޑޭޝަން ހަމަޖައްސައިދޭ ފަރާތްތަކާއި އަދި ވަޒީފާ ދޭ ފަރާތުގެ ނަމުގައި ރާއްޖެ ގެންނަ ބިދޭސީ މުވައްޒަފުންނަށް ހާއްސަކޮށްގެން، ހަމައެކަނި ވަޒީފާ ދޭ ފަރާތުގެ މުވައްޒަފުން ބޭތިއްބުމަށް ކުއްޔަށް ހިފައިފައިވާ ތަންތަނުގެ އިތުރުން ޕްރޮފެޝަނަލް ގިންތީގެ ބިދޭސީ މުވައްޒަފުން ކުއްޔަށް ދޭ ތަންތަން ރަޖިސްޓްރީކުރުން މި ގަވާއިދުގެ ދަށުން ލާޒިމުކޮށްފައެއް ނުވެ އެވެ. 

އެހެންނަމަވެސް ވިޔަފާރި އުސޫލުން ބިދޭސީ މުވައްޒަފުންގެ އެކަމޮޑޭޝަން ހިދުމަތް ދޭ ފަރާތްތަކުންކުރެ އަމިއްލަ ފަރުދުންގެ ވިޔަފާރިއެއް ނުވަތަ ކުންފުންޏެއް ނުވަތަ ޕާޓްނާޝިޕެއް ނުވަތަ ކޯޕަރޭޓިވް ސޮސައިޓީއެއްނަމަ ރަޖިސްޓްރީކުރުން މި ގަވާއިދުގެ ދަށުން ލާޒިމުކޮށްފައިވެ އެވެ.

ބިދޭސީ މުވައްޒަފުންގެ އެކަމަޑޭޝަން ހިދުމަތް ދިނުމުގެ ވިޔަފާރި ހަރަކާތް ރަޖިސްޓަރީ ކުރުމަށް ހުށަހަޅާނީ، އެ މިނިސްޓްރީގެ ބިޒްނަސް ޕޯޓަލްގެ "ބިޒްނަސް އެކްޓިވިޓީ ރަޖިސްޓްރޭޝަން"ގެ ހިދުމަތް މެދުވެރިކޮށެވެ. އަދި ވިޔަފާރި ރަޖިސްޓްރީ އެ ޕޯޓަލް މެދުވެރިކޮށް ހުށަހަޅާއިރު، ވިޔަފާރި ހަރަކާތުގެ ކްލެސިފިކޭޝަންގެ ގޮތުގައި އިހްތިޔާރުކުރާނީ، "އެކްސްޕެޓްރިއޭޓް އެކޮމޮޑޭޝަން" ވިޔަފާރި ހަރަކާތް ކަމަަށް އިކޮނޮމިކް މިނިސްޓްރީން ބުނެއެވެ.

ގަވާއިދުގައި ވާގޮތުން ވިޔަފާރި ހަރަކާތް ރަޖިސްޓަރީ ކުރުމަށް އެދޭ ކޮންމެ ފަރާތަކުން 500 ރުފިޔާގެ އިދާރީ ފީއެއް ދައްކަންޖެހެއެވެ. އަދި ރަޖިސްޓްރީކޮށްފައިވާ އެކަމަޑޭޝަނުގައި ހުންނަންޖެހޭ ވަކި މިންގަނޑުތަކެއްވެސް އެ ގަވާއިދުގައި ހިމަނާފައިވާއިރު އެ މިންގަނޑުގައިވާ ކަމެއް ފުރިހަމަވެފައި ނުވާކަން އެ މިނިސްޓްރީން ހިންގާ އިންސްޕެކްޝަނަކުން ފާހަގަކުރެވިއްޖެ ނަމަ، އެ ފަދަ ކޮންމެ ފަރާތެއް، 5000 ރުފިޔާއިން ޖޫރިމަނާކުރެވޭނެކަމަށް ބުނެފައިވެ އެވެ.

ގަވާއިދުގެ ދަށުން ރަޖިސްޓަރީ ކުރުމަށް ލާޒިމުވާ ފަދަ ބިދޭސީ މުވައްޒަފުންގެ އެކަމަޑޭޝަން ހިދުމަތް ދޭ ހުރިހާ ފަރާތްތަކުން ވެސް، އިއްޔެއިން ފެށިގެން 30 ދުވަހުގެ ތެރޭގައި، އެ ގަވާއިދުގައި ބަޔާންކޮށްފައިވާ ގޮތަށް ވިޔަފާރި ހަރަކާތް ރަޖިސްޓަރީކޮށް ދަފުތަރު ކުރުމަށް ހުށަހަޅަންވާނެކަމަށް ބުނެފައިވެއެވެ.

އަދި އޭގެ ފަހުން ގަވާއިދުގައި ބަޔާންކޮށްފައިވާ ގޮތަށް ރަޖިސްޓަރީނުކޮށް ހިންގާނަމަ އިންސްޕެކްޓް ކުރުމަށްފަހު، ވިޔަފާރި ރަޖިސްޓަރީ ކުރުމުގެ ގާނޫނާ ހިލާފުވިކަމަށް ބަލައި، އެފަދަ ކޮންމެ ފަރާތެއް 10،000 ރުފިޔާއިން ޖޫރިމަނާ ކުރެވޭނެކަމަށް ބުނެފައިވެއެވެ.  

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް