ads
ޑިފެންސް މިނިސްޓަރު މާރިޔާ ދީދީ--
ސިފައިންގެ މަސައްކަތަށް މިނެއް ނެތް ތައުރީފް ހައްގު: މިނިސްޓަރު މާރިޔާ
މީގެ 32 އަހަރު ކުރިން ސްރީލަންކާގެ ހަނގުރާމަވެރި ޖަމާއަތަކާ ގުޅިގެން ރާއްޖެއަށް ދިން އުދުވާނީ ހަމަލާގައި ދިވެހި ސިފައިން ކުރި މަސައްކަތަށް މިނެއް ނެތް ތައުރީފް ހައްގު ކަމަށް ޑިފެންސް މިނިސްޓަރު މާރިޔާ އަހްމަދު ދީދީ ވިދާޅުވެއްޖެ އެވެ.

މިއަދު ފާހަގަކުރަމުންދާ ނަސްރުގެ ދުވަހާ ގުޅިގެން ފޮނުއްވި ހިތޯބުގައި މާރިޔާ ވަނީ ދިވެހި ސިފައިންގެ އިތުރުން އާއްމު ރައްޔިތުން ކުރި މަސައްކަތަށް ތައުރީފް ކުރައްވާފަ އެވެ. އޭގެ އިތުރުން ދިވެހި ސަރުކާރުގެ އެދުމަކަށް އިންޑިއާއިން ފޯރުކޮށްދިން އެހީތެރިކަމަށް ވެސް ޝުކުރު އަދާ ކުރެއްވި އެވެ. 

މާރިޔާ ވިދާޅުވީ އޭރު ސިފައިންގެ އަސްކަރީ ތަމްރީނާއި ވަސީލަތްތައް މަދު ނަމަވެސް ފެނިގެން ދިޔެއީ ނަމޫނާ ހިތްވަރެއް ކަމަށެވެ. އަދި ސިފައިންގެ ގާބިލްކަން އިތުރު ކުރަން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު އިސްކަމެއް ދެއްވާ ކަން ފާހަގަކުރެއްވި އެވެ.

"މިއަދު ދިވެހި ގައުމީ ދިފާއީ ބާރުގެ ގާބިލުކަމާއި ވަސީލަތްތައް މިވަނީ އެތައް ގުނައެއް ފުޅާވެފައި، ހަމައެއާއެކު ރައްޔިތުންގެ ހިތްތަކުގައި ސިފައިންނާމެދު އޮންނަ އިތުބާރާއި ލޯތްބާއި މަގުބޫލުކަންވެސް ވަނީ އިތުުރުވެފައި،" މާރިޔާ ވިދާޅުވި އެވެ.

"އެ ދުވަހު ޝަހީދު ކޯޕްރަލް ހުސައިން އާދަމް ފަދަ އަބްތޯލުން ދެއްކެވި ހިތްވަރާއި ކެރުމުގެ މަތިވެރި ނަމޫނާއަށް މިނެއް ނެތް ހައުރީފު ހައްގު،" މާރިޔާ ވިދާޅުވި އެވެ.

ކޮންމެ އަހަރެއްގެ ވެސް ނޮވެމްބަރު 3 ނަސްރުގެ ދުވަހުގެ ގޮތުގައި ފާހަގަކުރަނީ ސްރީލަންކާގެ ހަނގުރާމަވެރި ޖަމާއަތަކާއި ރާއްޖޭގެ ބައެއް މީހުން ގުޅިގެން 1988 ވަނަ އަހަރު ރާއްޖޭގެ ގާނޫނީ ވެރިކަން ބަދަލުކޮށްލަން ދިން އުދުވާނީ ހަމަލާގައި ޝަހީދުވި 19 ދިވެހިންގެ ހަނދާނު ގައެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް