ads
ރިލްވާން އާއި އޭނާގެ މަންމަ--
ރިލްވާންގެ މައްސަލާގެ ތަހުގީގުތަކަށް ބޭރުގެ މާހިރަކު ރާއްޖެ ވަޑައިގެންފި
ގެއްލުވާލާފައިވާ ނޫސްވެރިޔާ އަހުމަދު ރިލްވާންގެ މައްސަލާގެ ތަހުގީގުތަކަށް ބޭރުގެ މާހިރަކު ރާއްޖެ ވަޑައިގެން، މަރު ކޮމިޝަނާއިއެކު މަސައްކަތް ފަށައިފިއެވެ.

ރިލްވާން ގެއްލުވާލާފައިވާ މައްސަލައިގެ ތަހުގީގަށް، މަރާލާފައިވާ މީހުންނާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތަށް ތަހުގީގުކުރާ ކޮމިޝަނަށް ބޭރުގެ މާހިރަކު އައްޔަން ކުރުމުގެ މަސައްކަތް ފަށާފައިވަނީ މިއަހަރުގެ ސެމްޓެމްބަރު މަހުގެ ތެރޭގައެވެ. 

ކޮމިޝަނަށް ބޭރުގެ މާހިރަކު އައްޔަން ކުރަން ނިންމަވާފައިވާކަން ރައީސް ނިންމަވާފައިވަނީ، ޖުލައި މަހުގެ ދެވަނަ ދުވަހު ރިލްވާން އާއި މަރާލާފައިވާ ބްލޮގަރު ޔާމީން ރަޝީދު ގެ އާއިލާތަކާއި އެމަނިކުފާނު ބައްދަލުކުރެއްވުމަށްފަހުއެވެ. 

މަރާލާފައިވާ މީހުންނާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތަށް ތަހުގީގުކުރާ ކޮމިޝަންގެ މެމްބަރު މިސްބާހު އައްބާސް ވަނީ، ކޮމިޝަނަށް ބޭރުގެ މާހިރަކު އައްޔަންކޮށް މިހާރު ރާއްޖެ ވަޑައިގެން ކޮމިޝަނާއިއެކު މަސައްކަތް ފަށާފައިވާކަން ސީއެންއެމްއަށް ކަށަވަރުކޮށްދީފައެވެ. 

ނަމަވެސް ތަހުގީގުކުރަމުންދާ މައްސަލައަކަށްވާތީ އިތުރު މައުލޫމާތު ހާމަކޮށްފައެއް ނުވެއެވެ. 

ސީއެންއެމް އާއި ވާހަކަ ދައްކަމުން ރިލްވާންގެ ދައްތަ ފާތިމަތް ޝެހެނާޒް ބުނީ، ރިލްވާންގެ މައްސަލަ ތަހުގީގު ކުރުމަށް ބޭރުގެ މާހިރަކު ބޭނުންވާކަމަށް ރައީސްގެ އަރިހުގައި އެދިފައިވާނީ، އާއިލާއިން ފުލުހުންނަށް އިތުބާރު ނުކުރެވޭތީ ކަމަށާއި، ދެވަނަ ކަމަކަށް މިމައްސަލަ ވީއެންމެ އަވަކަށް ތަހުގީގުކޮށް އިންސާފުހޯދަން ބޭނުންވާތީ ކަމަށެވެ. 

އިތުރަށް ވާހަކަ ދައްކަމުން ޝެހެނާޒް ބުނީ، އެންމެ ފަހުން ކޮމިޝަނުން އާއިލާއަށް ދިން މައުލޫމާތަށް ބަލާފައި، ތަހުގީގު ކުރިއަށްދާ ގޮތާއިމެދު ހިތްހަމަޖެހޭ ކަމަށާއި، ކޮމިޝަނުންވެސް ވަރަށް ބުރަކޮށް މަސައްކަތް ކުރައްވަމުން ގެންދަވާކަމަށެވެ. އަދި މިމައްސަލާގައި އިންސާފު ހޯދައިދޭނެކަމުގެ ޔަގީންކަން ރައީސް އިބްރާހިމް މުހައްމަދު ސާލިހު ދެއްވާފައިވާކަމަށެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް