ads
ޕްލޭނިން އެންޑް ހައުސިން މިނިސްޓަރު މުހައްމަދު އަސްލަމް--
ބަޖެޓުގައި ނުހިމެނޭ މަޝްރޫއުތައް ކުރިއަށް ގެންދާ ކަމުގެ ތުހުމަތު!
މަޝްރޫއުތައް ހިންގުމަށް ގާނޫނު އަސާސީ އާއި ގަވާއިދުތަކާ ހިލާފަށް ބަޖެޓުގެ ބޭނުން ކުރަމުންދާ ކަމުގެ ތުހުމަތު ޕްލޭނިން އަދި ހައުސިން މިނިސްޓަރު މުހައްމަދު އަސްލަމަށް ކޮށްފި އެވެ.

އަސްލަމް ވަނީ މިއަދުގެ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއަށް ހާޒިރުވެ ވަޑައިގެން މެމްބަރުންގެ ސުވާލުތަކަށް ޖަވާބު ދެއްވާފަ އެވެ. މިއަދުގެ މައިގަނޑު ސުވާލަކީ ފޮނަދޫ ދާއިރާގެ މެމްބަރު މޫސާ ސިރާޖު ކުރެއްވި ދެ ސުވާލެކެވެ. 

ސިރާޖް އައްސަވާފައި ވަނީ ކޮވިޑް-19 އާ ގުޅިގެން މަޝްރޫއުތަކުގައި ސޮއިކުރުން މަޑުޖައްސާލާފައިވާ ދަނޑިވަޅެއްގައި ބަޖެޓުގައި ހިމެނިފައި ނުވާ 37.8 މިލިއަން ރުފިޔާއަށް ރ. ދުވާފަރު މަގުތައް ހެދުމުގެ އެއްބަސްވުމުގައި ސޮއިކުރަން ޖެހުނު ސަބަބެވެ. އަދި ބަޖެޓުގައި ނެތް ކަންކަމުގައި ސޮއި ކުރުމުގައި އަމަލު ކުރާ އުސޫލަކީ ކޮބާ ތޯ ސާފު ކުރަން ވެސް ސުވާލުކުރެއްވި އެވެ. 

"އެ މަސައްކަތް ކުރިއަށް ގެންދަނީ އާ ޕްރޮޖެކްޓެއް ގޮތުގައެއް ނޫން. އޮރިޖިނަލީ ޕްރޮޖެކްޓުގައި 13 މަގެއްގެ މަގު ހެދުމަށް ކަނޑައެޅިފައި އޮތީ،" ޖަވާބުގައި އަސްލަމް ވިދާޅުވި އެވެ. 

އޭނާ ވިދާޅުވީ އެ މަޝްރޫއުގެ ތެރެއަށް އިތުރު ނުވަ މަގެއް ހެދުމުގެ މަސައްކަތް އިތުރު ކުރީ ކަމަށާއި އެއީ އާ މަޝްރޫއެއް ނޫން ކަމަށެވެ. އަދި ބަޖެޓުގައި ނުހިމެނި ކުރާ މަސައްކަތެއް ނަމަ އެ ވެގެން ދާނީ އާއްމު އުސޫލުގެ ދަށުން އެމެޖެންސީ މަސައްކަތަކަށް ކަމަށް އަސްލަމް ވިދާޅުވި އެވެ. 

ނަމަވެސް ސިރާޖު ވިދާޅުވީ އެ މަޝްރޫއުގައި އަމަލު ކުރި ގޮތާއި މީގެ ކުރިން އަމަލު ކުރަމުން ދިޔަ ގޮތާ ދިމާ ނުވާ ކަމަށެވެ. އެކަމާ ގުޅިގެން އަސްލަމް ވިދާޅުވީ އެ މަޝްރޫއަށް ކަނޑައެޅި މިންވަރަށް ވުރެ އިތުރަށް އަދި ފައިސާ ހޭދަ ނުވާ ކަމަށެވެ.

އެ މައްސަލާގައި ވިލުފުށި ދާއިރާގެ މެމްބަރު ހަސަން އަފީފް ވެސް ވަނީ ކަންބޮޑުވުން ފާޅުކުރައްވާފަ އެވެ. 

"ގާނޫނު އަސާސީގައި އޮންނާނެ ބަޖެޓުގައި ފައިސާ ކަނޑައެޅިފައި އޮތް ކަމަކަށް އެ ފައިސާ ހަރަދު ކުރަން ޖެހޭނީ ކަނޑައެޅިފައި އޮތް ގޮތަށޭ. އޭގެ މާނައަކީ އެ ނޫން ގޮތަކަށް އެއްވެސް ފައިސާއެއް ހަރަދެއް ނުކުރެވޭނެއޭ... އެމެޖެންސީ އާއި ވަރަށް މުހިއްމު ކަންކަމަށް އެ ނޫން ގޮތަކަށް ކުރެވޭނީ. ދައުލަތުން މުހިއްމު ކަން ދެއްވާ ކަންކަމަކީ ކޮބައިތޯ؟ ރަށް ގިރުން މުހިއްމު ނުވާއިރު މަގު ހެދުން މުހިއްމު ވަނީ ކިހިނެއް ތޯ؟،" އަފީފް ވިދާޅުވި އެވެ. 

ނަމަވެސް އަސްލަމް ވިދާޅުވީ ގާނޫނު އަސާސީއާ ހިލާފަށް ކަމެއް ކުރަމުން ނުދާ ކަމަށެވެ.

"އަޅުގަނޑު ވަރަށް ކަށަވަރު ގާނޫނު އަސާސީގައި އޮތް ގޮތާ ހިލާފަށް އަޅުގަނޑު ކަމެއް ކުރަމުން ނުދާ ކަން،" އަސްލަމް ވިދާޅުވި އެވެ.

މެދު ހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް ވެސް ވަނީ އެ މައްސަލާގައި ކަންބޮޑުވުން ފާޅުކުރައްވާފަ އެވެ.

"ބަޖެޓު ބަހުސްގައި ކޮންމެ އަހަރަކު ވެސް ދެކެވޭ ވާހަކައެއް ބަޖެޓުގައި ނުހިމެނޭ ކަންކަން ކުރާ މައްސަލަ،" އާޒިމް ވިދާޅުވި އެވެ. އަދި ދުވާފަރުގައި މިހާރު ކުރަމުންދާ މަސައްކަތަށް ވާ 37.8 މިލިއަން ރުފިޔާ ބަޖެޓުގައި ލިޔެފައި ވޭތޯ ސުވާލުކުރެއްވި އެވެ. 

އެ ކަންބޮޑުވުންތަކުގެ ރައްދުގައި އަސްލަމް ތަކުރާރުކޮށް ވިދާޅުވީ އެއީ އާ މަޝްރޫއެއް ނޫން ކަމަށެވެ. ނަމަވެސް ފައިސާ ބަޖެޓުގައި ހިމެނިފައި ވޭތޯ ކުރި ސުވާލަށް ސީދާ ޖަވާބެއް ނުދެއްވަ އެވެ. 

"މި މަސައްކަތް ކުރަމުން މި ދަނީ މިހާރު ވެސް އޮތް ބަޖެޓު ކޯޑެއްގެ ތެރެއިންނޭ. އެހެންވީމަ އެ މަސައްކަތަށް ދާއިރު އެ މަސައްކަތް ފޯލް ވާނެ އޭ ކުރިއަށް އޮތް އަހަރަށް ވެސް... މި އަހަރު ބަޖެޓުގައި ހިމެނިފައި އޮތް އެއްޗެއް ނުނިމި ވާ ކަމަށް ވާނަމަ ކުރިއަށް އޮތް އަހަރުގެ ބަޖެޓުގެ ތެރެއަށް ލައިގެން ހަރަދުކޮށްގެން ގެންދަނީ،" އަސްލަމް ފާހަގަކުރެއްވި އެވެ. 

އެ ވާހަކައަށް ތާއީދުކުރައްވަމުން މަރަދޫ ދާއިރާގެ މެމްބަރު އިބްރަހިމް ޝަރީފް ވިދާޅުވީ އެއް އަހަރުގެ ބަޖެޓުގައި މަޝްރޫއަކުން ބާކީ ވާ ފައިސާ ޖެހިގެން އޮންނަ އަހަރަށް ދިޔުމަކީ އަބަދުވެސް އަމަލު ކުރާ އުސޫލު ކަމަށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް