ads
ދިރާގު އިކޮސިސް-- ފޮޓޯ: ދިރާގު
ރިސޯޓްތަކަށް ދިރާގުން އާ ހިދުމަތެއް
ރާއްޖޭގެ ޓެލެކޮމް ކުންފުނި ދިރާގުން ހޮސްޕިޓަލިޓީ ސިނާއަތަށް އަމާޒުކޮށްގެން ހުރިހާ ހިދުމަތެއް އެއްފަހަރާ ލިބޭނެ ވިއުގައެއް ތައާރަފްކޮށްފި އެވެ.

ރިސޯޓްތަކަށް ހާއްސަކޮށްފައިވާ "އިކޮސިސް" ވިއުގަ އަކީ އުފެއްދުންތެރި، އަދި މުސްތަގުބަލާއި ރައްޓެހި ވިއުގައެއް ކަމަށާއި، "އިކޮސިސް" އަކީ ބޭނުންކުރަން ފަސޭހަ، އަދި ރިސޯޓްތަކަށް އިތުރު ރައްކާތެރިކަމެއް ގެނެސްދޭނެ ވިއުގައެއް ކަމަށް ދިރާގުން ވަނީ ބުނެފަ އެވެ.

"އިކޮސިސް" ވިއުގަ ތަރައްގީކޮށްފައި ވަނީ ހޮސްޕިޓަލިޓީ ދާއިރާގެ މާހިރުންނާއި ގުޅިގެން ކުރިއަށް ގެންދިޔަ ދިރާސާކުރުންތަކަށް ފަހުގައި ކަމަށާއި، އަދި އެ ބޭފުޅުންގެ ލަފަޔާއި އެކީގައި ކަމަށް ދިރާގުން ވަނީ ބުނެފަ އެވެ.

"އިކޮސިސް" ގައި ދިރާގުން ހާއްސަ ހިދުމަތްތަކެއް ހިމަނާފައިވާ އިރު، އޭގެ ތެރޭގައި އަލިފާނުގެ އަސަރު ދެނެގަތުމާއި، ހުއްދަނެތި ވަންނަ ފަރާތްތައް ދެނެގަންނަ "އިންޓްރޫޑާ ޑިޓެކްޝަން" ގެ ހިދުމަތާއި، ސަރަހައްދުތައް މޮނީޓަރު ކުރެވޭ "ލޮކޭޝަން ބޭސްޑް" ހިދުމަތާއި، އޯޑިއޯ ހިދުމަތުގެ އިތުރުން ކުއްލި ހާލަތު ދެނެގަތުމަށް ފަސޭހަކޮށްދޭ "ޑްރޯން ޑިޕްލޮއިމެންޓް" ގެ ހިދުމަތް ހިމެނެއެވެ.

އަލިފާނުގެ އަސަރު ދެނެގަންނަ ހިދުމަތް

ދިރާގު "އިކޮސިސް ފަޔާ ސާވިސް" ނުވަތަ އަލިފާނުގެ އަސަރު ދެނެގަންނަ މޮނިޓަރިންގެ ހިދުމަތުގެ ސަބަބުން "އިކޮސިސް" ގެ ހިދުމަތް ލިބޭ ކޮންމެ ސަރަހައްދެއްގައި "އިކޮސިސް ފަޔާ ސާވިސް" ގެ ޑޭޝްބޯޑާއި ގުޅާލައިގެން އަލިފާނުގެ ހާދިސާއެއް ހިނގާފައިވާ ތަނެއް ފަސޭހަ ކަމާއިއެކު ހޯދައި، އަލިފާން ނިއްވުމުގެ މަސައްކަތް ފެށޭނެ ކަމަށް ދިރާގުން ބުނެއެވެ.

ލޮކޭޝަންގެ ހިދުމަތް

ލޮކޭޝަންގެ ހިދުމަތް މެދުވެރިކޮށް ޖީޕީއެސް ޓްރެކިން އާލާތްތަކާއި، މޯޝަން ސެންސަރު، ސީސީޓީވީ ކެމެރާ ފަދަ އާލާތްތައް މެދުވެރިކޮށް ރިސޯޓްގެ ސަރަހައްދުތައް މޮނީޓަރުކުރުމަށާއި، ވަގުތުން ރެކޯޑް ކުރުމަށް ފަސޭހަވެގެން ދާނެކަމަށް ދިރާގުން ބުނެއެވެ.

އޯޑިއޯގެ ހިދުމަތް

ދިރާގު "އިކޮސިސް" ވިއުގައިގައި ތަފާތު ގިނަ ބޭނުންތައް ހިފޭނެ ސައުންޑް ސިސްޓަމް އެއް އެކުލަވާލާފައިވާ އިރު، އެ ސައުންޑް ސިސްޓަމް މެދުވެރިކޮށް އާންމު އިއުލާންތައް ކުރުމަށް ލުއިފަސޭހަވެގެން ދާނެ ކަމަށާއި، ގެސްޓުންނަށް ކޮޓަރީގައި ހުންނަ އާލާތްތައް މެދުވެރިކޮށް މިއުޒިކް ޖަހާލެވޭނެކަމަށް ދިރާގުން ބުނެއެވެ

"ޑްރޯން ޑިޕްލޮއިމެންޓް" ހިދުމަތް

"އިކޮސިސް" ވިއުގައިގެ އެހެން ހިދުމަތްތަކާއި ގުޅިގެން ދެވޭ ޑްރޯން ހިދުމަތުގެ ސަބަބުން ރިސޯޓްތަކުގެ އެއްގަމާއި ކަނޑުގެ ސަރަހައްދުތައް މޮނީޓަރުކުރުމަށް ލުއިފަސޭހަވެގެން ދިއުމުގެ އިތުރުން ކުއްލި ހާލަތްތައް ދެނެގަތުމަށް ފަސޭހަވެގެން ދާނެ ކަމަށް ދިރާގުން ބުނެއެވެ.

ހުއްދަނެތި ވަންނަ މީހުން ދެނެގަންނަ ހިދުމަތް

"އިކޮސިސް" ވިއުގައިގައި ހިމެނޭ "އިންޓްރޫޑާ ޑިޓެކްޝަން" ގެ ހިދުމަތުގައި ހިމަނާފައިވާ "ޖިއޯ ފެންސިން" ޓެކްނޮލޮޖީގެ ސަބަބުން ކަނޑައެޅިފައިވާ ދިމާލެއްގައި ދަތުރުކުރާ އުޅަނދުތައް ދެނެގަތުމަށާއި، ހުއްދަނެތި ވަދެ އުޅޭ އުޅަނދުފަހަރު ދެނެގަތުމަށް ފަސޭހަވެގެން ދިއުމުގެ އިތުރުން އެފަދަ އުޅަނދެއް ފެނިއްޖެނަމަ ކަމާބެހޭ ފަރާތްތަކަށް އެ އުޅަނދަކާއި ބެހޭ މައުލޫމާތު ފޯރުކޮށްދިނުމަށް ފަސޭހަވެގެންދާނެ ކަމަށް ދިރާގުން ބުނެއެވެ.

ދިރާގުގެ އަމާޒަކީ އެ ކުންފުނީގެ ވިޔަފާރި ކަސްޓަމަރުންނަށް އެކި ކަހަލަ ޒަމާނީ ޑިޖިޓަލް ވަސީލަތްތައް މެދުވެރިކޮށް އެހީތެރިކަން ފޯރުކޮށްދިނުން ކަމަށާއި، އެގޮތުން އިތުރު ހިދުމަތްތައް ތައާރަފުކޮށް، ލުއިފަސޭހަތައް ހޯދައިދިނުމަށަ މަސައްކަތްކުރަމުންދާ ކަމަށް ދިރާގުން ބުނެއެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް