ads
ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު- ފޮޓޯ: ރައީސް އޮފީސް
ޕްރޮކިއުމަންޓް ޕޮލިސީ ބޯޑުގެ ސައްހަކަމާއި މެދު ސުވާލު އުފެދިއްޖެ
ޕްރޮކިއުމަންޓް ޕޮލިސީ ބޯޑު އެކުލަވައިލީ، މާލިއްޔަތު ގަވާއިދާއި ހިލާފަށް ކަމަށާއި އަދި ފަހުން އެ ގަވާއިދު އެކަމަށް ފަހިވާ ގޮތަށް ބަދަލުކުރި ކަމަށް ބުނާ މައްސަލައެއް ފެންމަތިވެއްޖެ އެވެ.

ޕްރޮކިއުމަންޓް ޕޮލިސީ ބޯޑް އެކުލަވައިލީ، މި އަހަރުގެ ޖެނުއަރީ މަހުގެ 29 ވަނަ ދުވަހު ފިނޭންސް މިނިސްޓްރީން ރައީސް އޮފީހުގައި އެދިގެންނެވެ. އެގޮތުން އެ ބޯޑަށް ހަތް ބޭފުޅަކު އައްޔަންކޮށް، ބޯޑު އެކުލަވައިލެވުނުކަން ރައީސް އޮފީހުން ފިނޭންސް މިނިސްޓްރީ އަށް އަންގާފައިވަނީ މި އަހަގެ ފެބްރުއަރީ މަހުގެ 23 ވަނަ ދުވަހު އެވެ.

ދައުލަތުގެ ޕްރޮކިއުމަންޓް ނިޒާމް ހަރުދަނާކޮށް، އެކަމާއި ގުޅޭ ސިޔާސަތުތައް އެކުލަވާލައި ތަންފީޒު ކުރުމަށްޓަކައި ޕްރޮކިއުމަންޓް ޕޮލިސީ ބޯޑެއް އުފެއްދުމަށް ފިނޭންސް އިން ރައީސް އޮފީހުގައި އެދިގެން، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އެ ބޯޑަށް މެމްބަރުން އައްޔަން ކުރެއްވި އިރު، މާލިއްޔަތު ގަވާއިދުގައި އެ ބޯޑުގެ ވާހަކައެއް ނެތެވެ.

ނަމަވެސް ފަހުން މާލިއްޔަތު ގަވާއިދު ބަދަލުކޮށް، އެ ބޯޑު އެކުލެވިގެން ވަނީ ކިހިނެއް ކަމާއި، އެ ބޯޑަށް މެމްބަރުން އައްޔަން ކުރެވޭނީ ކިހިނެއް ކަން ގަވާއިދުގައި ހިމެނި އެވެ.

އެ ބޯޑު އުފެއްދި އިރު މާލިއްޔަތު ގަވާއިދު އޮތް ގޮތުން، އެ ގަވާއިދުގެ 10.06 ގައި ބުނަނީ ޕްރޮކިއުމަންޓާއި ގުޅޭ ކަންކަން ރާވައި ހިންގައި އަދި މި ގަވާއިދާ ބެހޭގޮތުން ނެރެންޖެހޭ އެންމެހައި ސާކިއުލާތަކާއި ދެންނެވުންތައް ނެރޭނީ މިނިސްޓަރު ނުވަތަ އެކަން ލިޔުމުން ހަވާލުކުރުމުން ފައިނޭންޝަލް ކޮންޓްރޯލަރު ކަމަށެވެ.

އެކަމަކު އެ ބޯޑު އުފެއްދިތާ ފަސް މަހަށް ވުރެ ގިނަ ދުވަސް ވީފަހުން، ޖުލައި ހަތަރު ވަނަ ދުވަހު ފިނޭންސް އިން ވަނީ މާލިއްޔަތު ގަވާއިދު ބަދަލުކޮށްފަ އެވެ. އެގޮތުން މިހާރު މާލިއްޔަތު ގަވާއިދުގެ 10.06 ގައި ބުނަނީ ޕްރޮކިއުމަންޓް ނިޒާމް ހަރުދަނާ ކުރުމާއި، އެ ގަވާއިދުގެ ދަށުން ޕްރޮކިއުމަންޓާ ބެހޭގޮތުން ނެރެންޖެހޭ އުސޫލުތައް އެކުލަވާލާނީ ޕްރޮކިއުމަންޓް ޕޮލިސީ ބޯޑުން ކަމަށެވެ.

އެ ބޯޑުގެ ނިންމުންތައް ތަންފީޒު ކުރާނީ މިނިސްޓަރު އަންގާ ގޮތެއްގެ މަތިން، ދައުލަތުގެ މާލީ ވުޒާރާގައި ހަމަޖެހިފައިވާ އިދާރީ އޮނިގަނޑުގެ ތެރެއިން ކަމަށް ވެސް އެ މާއްދާ އަށް ގެނައި ބަދަލުގައި ބުނެ އެވެ. އެގޭ އިތުރުން ފަހުން ގެނައި ބަދަލާއި އެކު އެ މާއްދާ އަށް އަކުރެއް އިތުރުކޮށްފައި އެބައޮތެވެ.

އެގޮތުން 10.06ގެ (ހ) ގައި ބުނާ ގޮތުން ދައުލަތުގެ ޕްރޮކިއުމަންޓް ޕޮލިސީ ބޯޑު އެކުލެވެނީ ޗެއާޕާސަނާއި އެކު ހަތް މެމްބަރުންގެ މައްޗަށެވެ. އަދި އެ ބޯޑަށް މެމްބަރުން އައްޔަން ކުރާނީ މިނިސްޓަރުގެ ލަފަޔާއި އެކު ރައީސުލްޖުމްހޫރިއްޔާ ކަމަށް ވެސް ބުނެފައި ވެއެވެ.

އެހެންކަމުން ގަވާއިދަށް އެ ބަދަލު އައުމުގެ ކުރިން ޕްރޮކިއުމަންޓް ޕޮލިސީ ބޯޑު އެކުލަވައިލުމުން، އެ ބޯޑުގެ ސައްހަ ކަމާއި މެދު ސުވާލު އުފެދޭ ކަމަށް ބައެއް ގާނޫނީ ވަކީލުން ވިދާޅުވެ އެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް