ads
މިނިސްޓަރު އަލީ ވަހީދު---
އަލީ ވަހީދު މިނިސްޓަރު ކަމުން ވަކި ކުރުމަކީ ރަނގަޅަށް ކުރި ކަމެއް: ރައީސް ސޯލިހް
ޖިންސީ ފުރައްސާރައިގެ ތުހުމަތު ކުރެވިފައިވާ ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު މަގާމުން ވަކި ކުރުމަކީ ރަނގަޅަށް ކުރެއްވި ކަމެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ވިދާޅުވެއްޖެ އެވެ.

ޓޫރިޒަމް މިނިސްޓްރީގެ ގިނަ މުވައްޒަފުންތަކެއް ޖިންސީ ފުރައްސާރައިގެ ޝަކުވާ ލިބުމުން ރައީސް ސޯލިހް ވަނީ އެ މަގާމުގައި ހުންނެވި އަލީ ވަހީދު ވަކިކުރައްވާފަ އެވެ. 

ޖުމްހޫރީ ދުވަހާ ގުޅިގެން ރާއްޖެ ޓީވީގެ ފަށާއިރު ޕްރޮގްރާމުގައި ވާހަކަފުޅު ދައްކަވަމުން ރައީސް މިއަދު ވިދާޅުވީ އެއީ ރަނގަޅަށް ނިންމި ނިންމުމެއް ކަމަށް ގަބޫލުފުޅު ކުރައްވާ ކަމަށެވެ. 

އެމަނިކުފާނު ވިދާޅުވީ އެ ވަގުތު އެ ނިންމުން ނުނިންމި ނަމަ ފަހުން ލިބޭނެ ގެއްލުން މާ ބޮޑު ވާނެ ކަމަށާއި އެހެންކަމުން އެއީ ނަގަން ޖެހުނު ފިޔަވަޅެއް ކަމަށެވެ. 

އަލީ ވަހީދު ވެސް އެކަން ގަބޫލުކުރައްވާނެ ކަމަށާއި އަލީ ވަހީދަކީ ރަނގަޅު ސިޔާސީ ކުރިމަގެއް އޮތް ޕޮލިޓީޝަނެއް ކަމަށް ރައީސް ވިދާޅުވި އެވެ.

ރައީސް އެހެން ވިދާޅުވިއިރު، އަލީ ވަހީދާ ގުޅުން ހުރި ޖިންސީ ފުރައްސާރައިގެ މައްސަލަ ތަހުގީގު ކުރުމަށް ފަހު ދައުވާ ކުރުމަށް ވަނީ ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހަށް ފޮނުވާފަ އެވެ. 

އަލީ ވަހީދުގެ މައްޗަށް ޖިންސީ ފުރައްސާރައިގެ ސީރިއަސް ތުހުމަތުތަކެއް ކުރުމަށް ފަހު ޓޫރިޒަމް މިނިސްޓްރީގެ ބައެއް މުވައްޒަފުން އެންމެ ފުރަތަމަ މައްސަލަ ހުށަހެޅީ ރައީސް އޮފީހަށާއި، ޖެންޑާ މިނިސްޓްރީއަށެވެ. އަދި އެ މައްސަލަ ފުލުހަށް ހުށަހެޅުމުން މަގާމުން އިސްތިއުފާ ދިނުމަށް އަލީ ވަހީދަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އެންގެވި އެވެ. ނަމަވެސް މަގާމުން އިސްތިއުފާ ނުދިނުމުން ރައިސް ވަނީ އަލީ ވަހީދު މަގާމުން ދުރުކުރައްވާފަ އެވެ.

އެ މައްސަލާގައި އަލީ ވަހީދު ދިރިއުޅޭ ގެ ބަލާ ފާސްކޮށް ބައެއް ތަކެތި ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވެ އެވެ. އަދި މައްސަލައިގެ ތަހުގީގަށް އަލީ ވަހީދު ފުލުހަށްވެސް ހާޒިރުކޮށްފައިވެ އެވެ. 

ޖިންސީ ފުރައްސާރައިގެ ތުހުމަތުތައް އަލީ ވަހީދު ވަނީ ދޮގުކޮށްފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް