ads
މިނިސްޓަރު އަބްދުﷲ ޝާހިދު-- ފޮޓޯ: ފޮރިން މިނިސްޓްރީ
މާލީ އެހީތެރިކަން ތަރައްގީވަމުން އަންނަ ގައުމުތަކަށް ފޯރުކޮށްދޭން ޖީ77 އަށް ގޮވާލައިފި
ޝަރުތުތަކެއް އެކުނުލެވޭގޮތަށް މާލީ އިތުރު އެހީތެރިކަން ތަރައްގީވަމުން އަންނަ ގައުމުތަކަށް ފޯރުކޮށްދިނުމަށް ޖީ77 އަށް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ގޮވާލައްވައިފި އެވެ.

މިނިސްޓަރު ޝާހިދު އެ ގޮވާލެއްވުން ގޮވާލެއްވީ ޖީ77 + ޗައިނާގެ ހާރިޖީ ވަޒީރުންގެ 44 ވަނަ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެން ދެއްކެވި ވާހަކައިގަ އެވެ.

"ކޮވިޑް-19 އާ ދެކޮޅަށް ކުރެވޭ މަސައްކަތްތަކާއި، 2030 އެޖެންޑާ އަދި ދެމެހެއްޓެނިވި ތަރައްގީގެ ލަނޑުދަނޑިތައް ހާސިލްކުރުމަށް ކޮވިޑް ގެ ސަބަބުން އެޅިފައިވާ ހުރަސްތައް" މި ޝިއާރުގެ ދަށުން މިއަހަރުގެ ޖީ77 +  ޗައިނާ ބައްދަލުވުން ބާއްވާފައިވަނީ ވާޗުއަލްކޮށެވެ. 

އެ ބައްދަލުވުމުގައި މިނިސްޓަރު ޝާހިދު ވަނީ ކޮވިޑް-19 ގެ ބަލިމަޑުގައި މަލްޓިލޭޓަރިޒަމްގެ މުހިއްމުކަމުގެ މައްޗަށް އަލިއަޅުއްވާލައްވާފަ އެވެ.. އަދި "ސަޕްލައި އެންޑް ޑިމާންޑް" އަށް ކުރި ނޭދެވޭ އަސަރުގެ ސަބަބުން ތަރައްގީވެފައިވާ އަދި ތަރައްގީވަމުން އަންނަ ގައުމުތަކުގެ އިގްތިސޯދަށް މިހާރަށްވުރެ ބޮޑު އަސަރެއް ކުރާނެކަމަށް ވިދާޅުވި އެވެ. އަދި ފަގީރުކަން އިތުރުވެ، އާމްދަނީގެ ފަރަގު އިންތިހާއަށް ބޮޑުވެ، ދެމެހެއްޓެނިވި ތަރައްގީގެ ލަނޑުދަނޑިތައް ހާސިލްކުރުމަށް ގޮންޖެހުންތަކާ ކުރިމަތިވާނެކަމަށް ވިދާޅުވި އެވެ. 

އޭގެ އިތުރުން މިނިސްޓަރު ވިދާޅުވީ ކޮވިޑް-19ގެ ސަބަބުން ތަރައްގީވަމުން އަންނަ ކުދި ޖަޒީރާ ގައުމުތަކުގެ އިގްތިސޯދަށް ކުރާ އަސަރު އިންތިހާއަށް ބޮޑުވާނެކަމަށެވެ. 

މިނިސްޓަރު ޝާހިދު ވަނީ ޖީ-20 ގެ ގައުމުތަކުން އިސްނަގައިގެން ފެށި ޑެޓް ސާވިސް ސަސްޕެންޝަން އިނީޝީއޭޓިވްއަށް މަރުހަބާ ވިދާޅުވެފަ އެވެ. އަދި ދަރަނި ދެއްކުން 2021 ވަނަ އަހަރަށް ލަސްކުރުމަށް ޖީ-20 ގެ ގައުމުތަކަށް ގޮވާލުމަށް ޖީ-77 ގެ ގައުމުތަކަށް މިނިސްޓަރު ޝާހިދު ގޮވާލެއްވި އެވެ.

މިނިސްޓަރު އިތުރަށް ވިދާޅުވީ މާލީ އިދާރާތަކުންނާ ޑިވެލޮޕްމަންޓް ބޭންކްތަކުން ކޮންސެޝަނަލް ފައިނޭންސިން ފޯރުކޮށްދިނުމުގައި ލުއި ގޮތްތަކެއް ހޯދައިދިނުމަށް ޖީ77 އިން ބާރުއެޅުމަށް ވެސް ގޮވާލެއްވި އެވެ. އަދި ކޮވިޑް-19 ގެ ބަލިމަޑުކަމުގައި ޖީ-77 ގެ ގައުމުތަކުން އެއް ގައުމުން އަނެއް ގައުމަށް ވެދިން އެހީތެރިކަމަށް ފާހަގަކުރައްވާ ވަނީ ޝުކުރު އަދާކުރައްވާފަ އެވެ. 

ކޮވިޑް-19 ގެ ސަބަބުން ދިމާވާ އިތުރު މައްސަލަތަކުގެ މައްޗަށް އަލިއަޅުއްވާލައްވަމުން، މިނިސްޓަރު ވަނީ އެކި ގައުމުތަކުގައި ފުރަބަންދުތަކުގެ ސަބަބުން އަނިޔާގެ ރިޕޯޓްތައް އިތުރުވިކަން ފާހަގަކުރައްވައި، ދެމެހެއްޓެނިވި ތަރައްގީގެ ލަނޑުދަނޑިތައް ހާސިލްކުރުމުގައި މިންތީގެ ހަމަހަމަކަމުގެ މުހިއްމުކަން ފާހަގަކުރައްވާފަ އެވެ.

އަދި އަނިޔާގެ ޝިކާރައަކަށްވާ ފަރާތްތަކަށް އެހީތެރިވުމަށް ހެލްޕްލައިންތަކާ ހިޔާތަކުގެ އިތުރުން އެމެޖެންސީ ފަންޑްތަކުގެ ނިޒާމް ހަރުދަނާކުރުމަށް ސަރުކާރުން އިސްކަމެއް ދޭކަމަށް ވިދާޅުވި އެވެ. އަދި 2030 އެޖެންޑާ ހާސިލްކުރުމަށް ޒުވާނުންގެ ބައިވެރިވުން އިތުރުކޮށް، ޒުވާނުންގެ ޕްރޮޖެކްޓްތަކަށް ކުރާ އިންވެސްޓްމަންޓް އިތުރުކޮށް، ސިޔާސަތު ކަނޑައެޅުމުގައި ޒުވާނުންގެ ދައުރު އިތުރުކުރުން މުހިއްމުކަމަށް ވިދާޅުވި އެވެ. 

ގްރޫޕް އޮފް 77 އެންޑް ޗައިނާއަކީ ތަރައްގީވަމުން އަންނަ އދ. ގެ މެމްބަރު 134 ގައުމެއްގެ މައްޗަށް އެކުލެވޭ ކޯލިޝަންއެކެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް