ads
ކުރީގެ ރައީސް ޔާމީން---
ރައީސް ޔާމީންގެ އެދުމަށް މިއަދުގެ އަޑުއެހުން ކެންސަލްކޮށްފި
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ދައުލަތުން އުފުލާފައިވާ ދެ ދައުވާގެ ޝަރީއަތުގެ އަޑުއެހުން މިއަދަށް ތާވަލުކުރުމަށްފަހު ކެންސަލް ކޮށްފި އެވެ.

ކްރިމިނަލް ކޯޓުން ބުނެފައިވަނީ، މޫސުން ގޯސްވުމުގެ ސަބަބުންނާއި، ރައީސް ޔާމީންގެ ބަލި ހާލަތު ހުރި ގޮތުން ދަތުރުފަތުރު ކުރުމަށް އުޒުރުވެރިވާކަމަށްބުނެ މިއަދުގެ އަޑުއެހުން ކެންސަލްކޮށްދިނުމަށް ރައީސް ޔާމީންގެ ފަރާތުން އެދިފައިވާތީ މިއަދުގެ އަޑުއެހުން އެހެން ދުވަހަކަށް ރީޝެޑިއުލް ކުރެވިފައިވާ ކަމަށެެވެ. 

ރައީސް ޔާމިންގެ މައްޗަށް ދައުވާ އުފުލާފައިވަނީ ރ. ފުއްގިރިކުއްޔަށް ދޫކުރުމުގެ މުއާމަލާތާއި ގުޅިގެން ކުރީގެ ރައީސް އަބްދުﷲ ޔާމީން މަގާމުގެ ނުފޫޒު ބޭނުންކޮށްގެން، ކ. މާލެ، މއ. ކުރިކީލަހިޔާ، އަހުމަދު ކްރިކް ރިޟާ މެދުވެރިކޮށް ރިޝްވަތުގެ ގޮތުގައި އެއްމިލިއަން އެއްލައްކަ ސަތާރަހާސް ޑޮލަރު ހޯދައިފައިވާ ކަމަށް ބުނާ މައްސަލައިގަ އެވެ. 

އެ މައްސަލައިގައި ރައީސް ޔާމީންގެ މައްޗަށް މަނީ ލޯންޑަރިން ކުށުގެ ދައުވާ އާއި ރިޝްވަތު ގަބޫލު ކުރުމުގެ ދައުވާކުރަން ފޮނުވާފައިވާއިރު އެ މައްސަލައިގެ އަޑުއެހުމެއް ކްރިމިނަލް ކޯޓުގައި ތާވަލުކޮށްފައި އޮތީ މިއަދު މެންދުރު 01:30 ށެވެ. 

އެ މައްސަލައިގައި ޕީޖީން ދައުވާކޮށްފައިވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށާއި، ކ. މާލެ، މއ. ކުރިކީލަހިޔާ، އަހުމަދު ކްރިކް ރިޟާގެ މައްޗަށާއި، ސަން ކޮންސްޓްރަކްޝަން އެންޑް އިންޖިނިއަރިން ޕްރައިވެޓް ލިމިޓެޑާއި ސަން އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑްގެ މައްޗަށެވެ. 

ރައީސް ޔާމީންގެ މައްޗަށް މި މައްސަލައިގައި ކުރަނީ ރިޝްވަތު ޤަބޫލުކުރުމުގެ ދައުވާ އާއި މަނީލޯންޑްރިންގެ ކުށުގެ ދައުވާއެވެ. އަހުމަދު ކްރިކް ރިޟާގެ މައްޗަށް ކުރަނީ ރިޝްވަތު ދިނުމުގައި މެދުވެރިއަކަށްވުމުގެ ކުށުގެ ދައުވާ އާއި މަނީ ލޯންޑްރިންގެ ކުށުގެ ދައުވާއެވެ. ސަން ކޮންސްޓްރަކްޝަން އެންޑް އިންޖިނިއަރިން ޕްރައިވެޓް ލިމިޓެޑާއި ސަން އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑްގެ މައްޗަށް ކުރަނީ މަނީ ލޯންޑްރިންގެ ކުށުގެ ދައުވާ އެވެ. 

އެ މައްސަލައަކީ ފުލުހުންނާއި އޭސީސީ އަދި ކޮރަޕްޝަންގެ މައްސަލަތައް ބެލުމަށް އުފައްދާފައިވާ ކޮމިޝަނުން ގުޅިގެން ކޮށްފައިވާ ތަހުގީގެކެވެ. ޕީޖީ އޮފީހުން ބުނީ އެ މައްސަލައިގައި ޖުމުލަ 534،910،933.50 (ފަސްސަތޭކަ ތިރީސްހަތަރު މިލިއަން، ނުވަލައްކަ ދިހަހާސް ނުވަސަތޭކަ ތެއްތިރީސް ރުފިޔާ ފަންސާސް ލާރި) އެ ފަރާތްތަކުގެ އަތުން ހޯދުމަށް މަސައްކަތްކުރާނެ ކަމަށެވެ.

50%
ކަމުގޮސްފި
50%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް