ads
އައިޖީއެމްއެޗް-- ފޮޓޯ: ސީއެންއެމް
ހާއްސަ އެހީއަށް ބޭނުންވާކަން ސަރުކާރު ހޮސްޕިޓަލްތަކުން ނުބެލޭ
ސަރުކާރުގެ އެއްވެސް ހޮސްޕިޓަލަކުން ހާއްސަ އެހީއަށް ބޭނުންވާ ކުދިންގެ ޑަޔަގްނޯސިސް ނުވަތަ އެކުދިންނަށް ދިމާވެފައިވާ މައްސަލަ ދެނެނުގަނެވޭ ކަން ފާހަގަކޮށް، އެ ކުދިންގެ ބެލެނިވެރިން ކަންބޮޑުވުން ފާޅުކޮށްފި އެވެ.

ހާއްސަ އެހީއަށް ބޭނުންވާ ބެލެނިވެރިންތަކެއް މިއަދު ވަނީ ރައްޔިތުންގެ މަޖިލީހުގެ އިޖުތިމާއީ ކޮމިޓީގެ މެމްބަރުންނާ ބައްދަލުކޮށް، އެމީހުންގެ ކަންބޮޑުވުންތައް ހިއްސާކޮށްފަ އެވެ. 

އެއީ ހާއްސަ އެހީއަށް ބޭނުންވާ ކުދިންގެ 700 އަށް ވުރެ ގިނަ ބެލެނިވެރިން ހިމެނޭ ވައިބަ ގްރޫޕަކަށް ނިސްބަތްވާ ބައެކެވެ. މަޖިލިސް ކޮމިޓީއަށް އެމީހުން ހާޒިރުވީ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ އިސްނެންގެވުމަށެވެ.

"ކުދިންގެ އެސެސްމެންޓް އެއްވެސް ހޮސްޕިޓަލަކުން ނުހެދޭ. ޕްރަިއވެޓް ތަންތަނުން ހެދެނީ،" އެ ހިދުމަތަށް 2500 އާއި 3000 ރުފިޔާއާ ދެމެދުގެ އަދަދެއް ހޭދަކުރަން ޖެހޭ ކަން ފާހަގަކޮށް ބައްދަލުވުމުގައި ވާހަކަދެއްކި ބެލެނިވެރިއަކު ބުންނެވެ.

މާލީ ގޮތުން ދަތިވާ ބެލެނިވެރިންނަށް އެހީ ދިނުމުގައި އޮންނަ އުސޫލުގެ އުނދަގޫ ކަން ވެސް އެމީހުން ފާހަގަކުރި އެވެ. އޭގެ އިތުރުން ކުދިންނަށް ކޮންމެހެން ބޭނުންވާ ފަރުވާ ދިނުމުގައު ހުރި ދަތިތައް ފާހަގަކުރި އެވެ.

އެގޮތުން ކޮމިޓީގައި ވާހަކަދެއްކި ބެލެނިވެރިއަކު ބުނީ ސްޕީޗް ތެރަޕިސްޓެއްގެ އެޕޮއިންޓްމަންޓް ހޯދަން އައިޖީއެމްއެޗަށް ގުޅުމުން ހަ މަސް މަޑު ކުރަން ޖެހޭ ކަމަށެވެ. 

އައިޖީއެމްއެޗުގައި ތިބެނީ ތިން ސްޕީޗް ތެރަޕިސްޓުންނާއި އެންމެ އޮކިއުޕޭޝަނަލް ތެރަޕިސްޓެއް ކަމަށާއި، އެއީ މުޅި ރާއްޖޭގައި ވެސް ހުންނަ ހަމައެކަނި އޮކިއުޕޭޝަނަލް ތެރަޕިސްޓު ކަމަށް އެމީހުން ބުންޏެވެ. އޭގެ އިތުރުން ކުޅުދުއްފުއްޓާއި ހުޅުމާލޭގައި ސްޕީޗް ތެރަޕިސްޓަކު ހުރެ އެވެ. 

ބެލެނިވެރން ބުނީ އެކުދިންގެ ކުރިއެރުމަށް ބޭނުންވަނީ ތެރަޕީ ކަމަށާއި އެ ފަރުވާ ރާއްޖެއިން އެންމެ ރަނގަޅަށް ނުދެވޭ ކަމަށެވެ. އަދި ޕްރައިވެޓް ކްލިނިކުތަކުން ތެރަޕީގެ އަގު ބޮޑު ކަން އެމީހުން ފާހަގަކުރި އެވެ.

"މި ހަތް މަސް ތެރޭގައި ކުދިންނަށް ވަރަށް ބޮޑު ބަދަލުތަކެއް އައިސްފައި ވަނީ،" ކޮވިޑް-19 އާ ގުޅިގެން ދިމާވި ދަތިތަކަށް އިޝާރާތްކޮށް ބެލެނިވެރިއަކު ބުންޏެވެ.

ސްކޫލުތަކުގައި ވެސް އިންކްލޫސިވް އެޑިއުކޭޝަން ނޯންނަ ކަމަށާއި ބައެއް ފަހަރު ކުލާހުން ބޭރަށް ލައިގެން ގިނަ ވަގުތުތަކެއް ކުދިން ގެންގުޅޭ ކަން ފާހަގަކުރި އެވެ. އަދި ސްކޫލަކީ މިފަދަ ކުދިންނަށް ރައްކާތެރި ތަނަކަށް ނުވާ ކަމަށާއި އާއްމު ހޭލުންތެރިކަން ނެތުމުން އެ ކުދިންނަށް ބަދުބަސް ރައްދު ކުރާ ކަން ފާހަގަކުރި އެވެ. 

"ސްކޫލް ކައުންސިލާޒް ހަމައެކަނި ސައިކޮލޮޖީއަށް ވުރެ ތެރަޕީ ހަދާފައި ތިބޭ ބަޔަކު ބައިތިއްބަން އެބަ ޖެހޭ. މިހާރު ކައުންސިލާޒްގެ މަސައްކަތް މި އޮންނަނީ ކައުންޓަރު ކައިރި ކުދިން ކިއުގައި ތިބޭ ގޮތް ބެލެހެއްޓުމާ ކަންކަމަށް،" އެއް ބެލެނިވެރިއަކު ބުންޏެވެ. 

މިފަދަ ކުދިންނަށް ބޯހިޔާވަހިކަން ދިނުމަށް ކޯޓާއެއް ކަނޑައަޅާފައި އޮތް ނަމަވެސް، އޭގެ ތެރެއިން ވެސް އެންމެ ހާލުގައި އުޅޭ އާއިލާތަކަށް އިސްކަން ދިނުމަށް ބެލެނިވެރިން އެދުނެވެ. އަދި އިމާރާތްތައް އަޅާއިރު، އެ ކުދިންނަށް ބޭނުންވާނެ ވަސީލަތްތައް ހިމެނުމަށް ވެސް އެދުނެވެ.

"އެންސްޕާގައި ރަޖިސްޓްރީ ކުރީމަ މި ކުދިންނަށް އެބަ އޮވޭ ދައުލަތުގެ ނިޝާން ޖެހި ކާޑެއް ދީފައި، އޭގެ ބޭނުން ކުރެވެނީ ހަމައެކަނި އެމްޓީސީސީ ފެރީތަކުގައި. އިތުރު އެއްވެސް ތަނެއްގައި އޭގެ ބޭނުމެއް ނުހިފޭ،" ބެލެނިވެރިއަކު ބުންޏެވެ. 

ބެލެނިވެރިންގެ ޝަކުވާތައް އަޑު އެހުމަށް ފަހު ކޮމިޓީގެ މެމްބަރުން ނިންމީ މައްސަލަތައް ފާހަގަކޮށް، ގުޅޭ މުއައްސަސާތަކާއި ބެލެނިވެރިންނާއެކު ހައްލު ހޯދަން މަޝްވަރާ ކުރުމަށެވެ. 

"މައްސަލަތައް ފާހަގަކޮށްފައި، މުއައްސަސާތައް ގެންނަން ހިނގާށޭ، ހައްލު ކުރެވޭނެ ގޮތްތައް ބަލަން،" އިހަވަންދޫ ދާއިރާގެ މެމްބަރު މުހައްމަދު ޝިފާއު ވިދާޅުވި އެވެ. 

ފަރެސްމާތޮޑާ ދާއިރާގެ މެމްބަރު ހުސެން މުހައްމަދު ލަތީފް ވިދާޅުވީ ކޮންމެ މުއައްސަސާއަކުން ވެސް ދައްކާނީ ފައިސާގެ ދަތިކަމުގެ ސަބަބުން ކަންކަން ނުކުރެވޭ ވާހަކަ ކަމަށެވެ.

"ކޮންމެ މުއައްސަސާއެއް ގެނައި ނަމަވެސް ދައްކާނީ އެއް ވާހަކައެއް. އެކަށީގެންވާ ވަރުގެ ބަޖެޓެއް ނުލިބެއޭ،" އޭނާ ވިދާޅުވި އެވެ. 

2021 ވަނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓަށް މި ވަގުތު ބަހުސްކުރަމުންދާ ކަން ފާހަގަކޮށް، އޭނާ ވިދާޅުވީ މިއީ މި މުއައްސަސާތަކާ ވާހަކަދައްކަން އެންމެ އެކަށޭނަ ވަގުތު ކަމަށެވެ. 

71%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
29%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް