ads
ކެރަފުއާ ސުޕަމާކެޓް ކައިރީ ކުރަމުންދާ މުޒާހަރާގެ ތެރެއިން--- ފޮޓޯ: ރޮއިޓާސް
މީހެއްގެ މަރާ ގުޅިގެން ބްރެޒިލްގައި ހަމަނުޖެހުން ބޮޑުވެފައި!
ހުކުރު ދުވަހު ބްރެޒިލްގައި މުޒާހަރާކޮށް އެ ގައުމުގެ ދެކުނު ސަރަހައްދުގެ ސިޓީއެއްގައި ހުންނަ ފިހާރައަކަށް ބަޔަކު ގެއްލުން ދީފި އެވެ.

ބްރެޒިލްގެ އެކި ސަރަހައްދުތަކުގައި ހުކުރު ދުވަހު 1000 އަށް ވުރެ ގިނަ މީހުން މުޒާހަރާކޮށްފައި ވަނީ ދެކުނުގެ ރަށެއް ކަމަށްވާ ޕޯތޯ އަލެގްރޭ ގައި ހުންނަ ކެރަފުއާ ސުޕަމާކެޓްގައި މަސައްކަތްކުރާ ސެކިއުރިޓީ އޮފިސަރުންތަކެއް އެ ގައުމުގެ ކަޅު ނަސްލުގެ މީހަކު މަރާލުމާއި ގުޅިގެންނެވެ.

ބްރެޒިލްގެ މީޑިއާ އިން މައުލޫމާތުދޭ ގޮތުގައި މި ހާދިސާ ހިނގާފައި ވަނީ ބުރާސްފަތި ދުވަހު އެ ކަޅު ނަސްލުގެ ބްރެޒިލް މީހާ ޕޯތޯ އަލެގްރޭގައި ހުންނަ ކެރަފުއާ ސުޕަމާކެޓްގައި މަސައްކަތްކުރާ އަންހެން މުވައްޒަފަކަށް ހަމަލާދޭން އުޅުނު ކަމަށް ބުނެ، އެ މުވައްޒަފު ފިހާރައިގެ ސެކިއުރިޓީ އޮފިސަރުން ގާތު ބުނުމާއި ގުޅިގެންނެވެ.

ބޭރުގެ ބައެއް މީޑިއާތަކުން މައުލޫމާތުދޭ ގޮތުގައި ބްރެޒިލްގެ ފޮރެންސިކްސް އިންސްޓިޓިއުޓް އިން ބެލި ބެލުމުގައި އޭނާ މަރާލާފައި ވަނީ ނޭވާ ހާސްކޮށްލައިގެން ކަމަށް ބެލެވޭ ކަމަށެވެ.

ހުކުރު ދުވަހު ކުރިއަށް ދިޔަ މުޒާހަރާގައި ބައިވެރިވި ފަރާތްތައް ވަނީ ފްރާންސްގެ ކެރަފުއާ ސުޕަމާކެޓް ބޮއިކޮޓްކުރުމަށް ގޮވާލައި، އެ ކަޅު ނަސްލުގެ މީހާ އަށް އިންސާފު ހޯދައިދިނުމަށް އެދި ގޮވައިލާފަ އެވެ. އެގޮތުން ކުރިއަށް ދިޔަ މުޒާހަރާ ފަހުން ހަމަނުޖެހުމަކަށް ބަދަލުވެ، ކެރަފުއާ ސުޕަމާކެޓަށް ބޮޑެތި ގެއްލުންތަކެއް ދީފައިވާ އިރު، ފުލުހުން ވަނީ މުޒާހަރާ ކުރަމުންދިޔަ ފަރާތްތަކާއި ދިމާލަށް ކަރުނަ ގޭސް ޖަހާފައި ކަމަށް މަންޒަރު ދުށް މީހަކު ރޮއިޓާސް އާއި ހަވާލާދީ މައުލޫމާތުދީފައިވެ އެވެ.

ބްރެޒިލްގެ ސާއޯ ޕޯލޯ އާއި ރިއޯ ޑި ޖެނީރޯ ގައި ވެސް މުޒާހަރާތައް ކުރިއަށް ގޮސްފައިވާ އިރު، ސާއޯ ޕޯލޯގައި މުޒާހަރާކުރި ފަރާތްތައް ވަނީ އެ ރަށުގައި ހުންނަ ކެރަފުއާ ސުޕަމާކެޓްގެ ކުޑަދޮރުތައް ތަޅާލައި، ފިހާރައިގެ ބައެއް ސާމާނުތަކަށް ގެއްލުންދީފަަ އެވެ.

އެކަމާއި ގުޅިގެން ފްރާންސްގެ ކެރަފުއާ ގްރޫޕުން ނެރުނު ނޫސްބަޔާނެއްގައި އެ ފަރާތުން ބުނެފައި ވަނީ މިއީ ހިތާމަ ހުރި ކަމެއް ކަމަށާއި، މިކަމުގައި ޒިންމާ ނަގަންޖެހޭ ފަރާތްތަކަށް ހަރުކަށި ފިޔަވަޅު އަޅާނެ ކަމަށެވެ.

ކޮންމެ އަހަރެއްގެވެސް ނޮވެމްބަރު މަހުގެ 20 ގައި ބްރެޒިލް އިން "ބްލެކް އެވެއަނެސް ޑޭ" ފާހަގަ ކުރާއިރު، އެ ގައުމުގައި އަދިވެސް ނަސްލީ ތަފާތުކުރުންތައް އޮތް ނަމަވެސް، ބްރެޒިލްގެ ރައީސް ޖަޔާ ބޮލްސޮނާރޯ ވަޑައިގަންނަވަނީ އެކަން ދޮގުކުރައްވަމުންނެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް