ads
ފަޒްނާ އަޙްމަދު--
އުނގަންނައިދޭ އިޖްތިމާއީ ރިވެތި އާދަތައް ސްކޫލް މާހައުލުން ނިންމައިނުލާ: ފަޒްނާ
މަދުރަސީ މަރުހަލާގައި ދަރިވަރުންނަށް އުނގަންނައިދޭ އިޖްތިމާއީ ރިވެތި އާދަތައް ދަސްކޮށްދިނުން ހަމައެކަނި ސްކޫލުގެ މާހައުލުން ނިންމައިނުލުމަށް ރައީސްގެ އަނބިކަނބަލުން ފަޒްނާ އަހްމަދު އެދިވަޑައިގެންފި އެވެ.

"އެޑިއުކޭޝަން ޑިއުރިން ކްރައިސިސް، ފޯޖިން އަ ޕާތް ޓު ކޮލިޓީ ލާނިން" ގެ ނަމުގައި ބާއްވާ ތައުލީމާ ގުޅޭ މަހާސިންތާ އިފްތިތާހު ކޮށްދެއްވައި ވާހަކަދައްކަވަމުން މެޑަމް ފްޒްނާ ވިދާޅުވީ މަދުރަސީ މަރުހަލާގައި ދަރިވަރުންނަށް އުނގަންނައިދޭ އިޖްތިމާއީ ރިވެތި އާދަތައް ދަސްކޮށްދިނުން ހަމައެކަނި ސްކޫލުގެ މާހައުލުން ނިންމައިނުލައި، މުދައްރިސުންނާއި، ސްކޫލްތަކުގެ އެހެނިހެން މުވައްޒަފުންނާއި، ބެލެނިވެރިންނާއި، މުޅި މުޖުތަމައުގެ ހުރިހާ ފަރުދުން ހިމެނޭ ގޮތަށް، ރިވެތި އާދަތަކަށް އަހުލުވެރި ބަޔަކަށް ހެދުމަކީ މުހިންމު ކަމެއް ކަމަށެވެ.

އަދި، އީޖާދީ ކަންކަމަށް ތައުލީމީ ދާއިރާއިން އިތުރު ފުރުސަތުތައް ހުޅުވައިލުމަށް ސްކޫލްތަކުގެ މަސްއޫލުވެރިންގެ ކިބައިން އެ ކަމަނާ އެދިވަޑައިގެންނެވި އެވެ. އެ ކަމަނާ ވިދާޅުވީ، ތައުލީމީ ދާއިރާގައި މަސައްކަތްކުރާ ހުރިހާ ފަރާތަކަން ވެސް، އަދި ހާއްސަކޮށް މުދައްރިސުންނާއި ދަރިވަރުންނަށް ވެސް، އަމިއްލަ އިސްނެގުމުގައި ކަންކަން ކުރުމާއި، އީޖާދީ ވިސްނުންތައް ކުރިއަށް ނެރެ ކަންކަން ކުރުމުގެ ފުރުސަތު ފުޅާދާއިރާއެއް އޮތުމަކީ ވަރަށް މުހިންމު ކަމެއް ކަމަށެވެ.

އޭގެ ނަތީޖާއެއްގެ ގޮތުން މުޖުތަމައުގައި އޮތް، އެކަކު އަނެކަކަށް ބަރޯސާވުމާއި، އީޖާދީ ކަންކަމަށް އޮތް ހަނި ފުރުސަތުތައް ބަދަލުކުރަން ބާރުއެޅިގެންދާނެ ކަމުގައި އެ ކަމަނާ ވިދާޅުވިއެވެ. މި މޭރުމުން ވާހަކަފުޅު ދައްކަވަމުން މެޑަމް ފަޒްނާ ވަނީ އެޑިއުކޭޝަން މިނިސްޓަރު ޑރ. އާއިޝަތު އަލީއަކީ ތައުލީމީ ދާއިރާ އެ މިސްރާބަށް ގެންދިއުމަށް ވަރަށް ބޮޑު އިސްކަމެއް ދެއްވާ ބޭފުޅެއްކަން ފާހަގަކުރައްވައި، މިނިސްޓަރަށް ޝުކުރު އަދާކުރައްވާފަ އެވެ.

ވާޗުއަލްކޮށް މިއަދު ހެނދުނު ބޭއްވި ރަސްމިއްޔާތެއްގައި މެޑަމް ފަޒްނާ ވަނީ ކޮވިޑް-19 ގެ މި ހާލަތުގައި ވެސް ކުދިންނަށް ތައުލީމު އުނގަންނައިދޭން ތައުލީމީ ދާއިރާގައި މަސައްކަތް ކުރައްވާ ބޭފުޅުން ކުރައްވަމުން ގެންދަވާ ބުރަ މަސައްކަތް ފާހަގަކުރައްވައި، އެ ކަމަށް ޝުކުރު އަދާކުރައްވާފައެވެ. 

އެންއައިއީއިން އިންތިޒާމުކޮށްގެން ކުރިއަށްގެންދާ އެ މަހާސިންތާގެ މަގްސަދަކީ ކޮވިޑްގެ ހާލަތުގައި ކުރިމަތިވި ގޮންޖެހުންތަކާއެކު ވެސް އީޖާދީ އަދި ފަހުގެ ޓެކްނޮލޮޖީގެ އެހީގައި ތައުލީމާއި އުނގަންނައިދިނުން ކުރިއަށްގެންދިޔުމުގެ ފަހަތުގައި ތިއްބެވި ބޭފުޅުން އެއް ތަނަކުން ބައްދަލުކޮށް، އެ ބޭފުޅުންގެ ތަޖުރިބާ ހިއްސާކޮށް، މައުލޫމާތު ބަދަލުކުރުމުގެ ފުރުސަތު ފަހިކޮށްދިނުމެވެ. މިއީ ދެ ދުވަހުގެ މުއްދަތަކަށް ކުރިއަށްދާ މަހާސިންތާއެކެވެ.  

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް