ads
ބީއެމްއެލް ކޮމިއުނިޓީ ފަންޑްގެ އެހީތެރިކަމާއެކު ތަރައްގީ ކޮށްފައިވާ އއ. އަތޮޅު ތައުލީމީ މަރުކަޒުގެ ކުތުބުހާނާ--- ފޮޓޯ: ބީއެމްއެލް
ބީއެމްއެލުގެ އެހީގައި އއ. އަތޮޅު ތައުލީމީ މަރުކަޒުގެ ކުތުބުހާނާ ތަރައްގީކޮށްފި
ދައުލަތުގެ ބޭންކް، ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ "އަހަރެންގެ ބޭންކް ކޮމިއުނިޓީ ފަންޑް" ގެ ދަށުން އއ. ރަސްދޫގައި ހުންނަ އެ އަތޮޅުގެ ތައުލީމީ މަރުކަޒުގެ ކުތުބުހާނާ ތަރައްގީކޮށްފި އެވެ.

ބީއެމްއެލްގެ ކޮމިއުނިޓީ ފަންޑުގެ އެހީތެރިކަމުގެ ދަށުން ފަރުނީޗަރާއި، 500 އަށް ވުރެ ގިނަ ފޮތް އއ. އަތޮޅުގެ ތައުލީމީ މަރުކަޒަށް ލިބިފައިވާ އިރު، ހަދިޔާގެ ގޮތުގައި ލިބުނު ފޮތްތަކާއި އެކު ޖުމްލަ 1000 އަށް ވުރެ ގިނަ ފޮތް ކުތުބުހާނާ އަށް އިތުރުކޮށްދެވިފައިވެ އެވެ.

ޖުމްލަ 235 ދަރިވަރުން ތައުލީމު ހާސިލްކުރަމުން އަންނަ އއ. އަތޮޅުގެ ތައުލީމީ މަރުކަޒުގެ ކުތުބުހާނާ ޖާގައިގެ ގޮތުން ތަނަވަސްވެފައިވީ ނަމަވެސް، ރަނގަޅު ފަރުނީޗަރުގެ އިތުރުން، ފޮތްތައް އިތުރުކުރަން ބޭނުންވާ ކަމަށް އެ މަޝްރޫއުގެ ޕްރޮޕޯސަލް ކާމިޔާބު ކުރި އިސްމާއީލް ޝިމާއު ވަނީ ވިދާޅުވެފަ އެވެ.

"ކޮމިނިއުޓީ ފަންޑުގެ ދަށުން އަޅުގަނޑު ބޭނުންވީ ލައިބްރަރީ އަށް އިތުރު ފުރިހަމަ ކަމެއް ގެނެސް ކުދިން ފޮތް ކިޔުމަށް ސަމާލުކަންދީ މިކަމަށް ޝައުގުވެރި ކުރުވުމަށް. މިގޮތުން ފޮތް ރެކުތައް އާ ކުރުމާއެކު ކުދިން ކިޔާނެ އާ ފޮތްތަކާއި ފޮތް ކިޔަން ތިބެވޭނެ ފަސޭހަ ގޮތް ގާއިމް ކުރުމަށް ބޭނުންވީ،" ޝިމާއު ވިދާޅުވި އެވެ.

މިއީ އެ އަތޮޅުގެ ތައުލީމީ މަރުކަޒުގައި ކިޔަވާ ދަރިވަރުންނަށް ލިބުނު އަގުބޮޑު ހަދިޔާއެއްގެ ގޮތުގައި ޝިމާއު ވަނީ ސިފަކުރައްވާފަ އެވެ.

ބީއެމްއެލްގެ ކޮމިއުނިޓީ ފަންޑުގެ ދަށުން ހޮވޭ ދާއިރާތަކުގެ ތެރޭގައި ތައުލީމީ ދާއިރާ ހިމެނޭ އިރު، ކޮމިއުނިޓީ ފަންޑްގެ ދަަށުން އެންމެ އިސްކަންދޭ އެއް ދާއިރާ އަކީ ތައުލީމީ ދާއިރާ ކަމަށާއި، އއ. އަތޮޅު ތައުލީމީ މަރުކަޒުގައި ތަރައްގީ ކުރެވިގެން ދިޔަ މި ކުތުބުހާނާ އަށް އިތުރު ފުރިހަމަކަމެއް ގެނެސްދެވިފައިވާ އިރު، އުންމީދަކީ އެ ކުތުބުހާނާގެ ސަބަބުން މުޖުތަމައު އަށް ފައިދާވެގެން ދިޔުން ކަމަށް ބީއެމްއެލްގެ ޕަބްލިކް ރިލޭޝަންސް މެނޭޖަރު މުހައްމަދު ސައީދު ވަނީ ވިދާޅުވެފަ އެވެ.

"އަހަރެންގެ ބޭންކް ކޮމިއުނިޓީ ފަންޑް" ގެ ދަށުން މި އަހަރު 10 މަޝްރޫއު އަކަށް ބީއެމްއެލް އިން އެހީތެރިކަން ފޯރުކޮށްދީފައިވާ އިރު، ބީއެމްއެލް އިން ވަނީ މި މަހުގެ ކުރީކޮޅު "އަހަރެންގެ ބޭންކް ފަންޑް" އަށް ޕްރޮޕޯސަލްތައް ހުށަހެޅުމުގެ ފަހު ފިޔަވަހި ހުޅުވާލައިފަ އެވެ.

2019 ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރަކުވެސް ތިން ފިޔަވައްސަކަށް ބަހާލައިގެން "އަހަރެންގެ ބޭންކް ކޮމިއުނިޓީ ފަންޑް" ގެ ނަމުގައި ބީއެމްއެލް އިން ދަނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މުޖުތަމައު އަށް ފައިދާ ހުރި މަޝްރޫއުތަކަށް އެހީތެރިކަން ފޯރުކޮށްދެމުންނެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް