ads
ފޮޓޯ: ފޮރިން މިނިސްޓްރީ
މިނިސްޓަރު ޝާހިދު ނައިޖާއަށް ފުރާވަޑައިގެންފި
އައި.ސީގެ ހާރިޖީ ވަޒީރުންގެ 47 ވަނަ ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތުމަށް މިނިސްޓަރު ޝާހިދު ނައިޖާއަށް ފުރާވަޑައިގެންފި އެވެ.

މިނިސްޓަރު ޝާހިދު ރިޕަބްލިކް އޮފް ނައިޖާގެ ވެރިރަށް ނިއާމޭގައި ނޮވެމްބަރު 27 އިން 28 އަށް ބާއްވާ އޯގަނައިޒޭޝަން ފޮ އިސްލާމިކް ކޯޕަރޭޝަން (އޯ.އައި.ސީ) ގެ ހާރިޖީ ވަޒީރުންގެ 47 ވަނަ ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތުމަށް ފުރާވަޑައިގެންފައިވާއިރު އޯ.އައި.ސީ ހާރިޖީ ވަޒީރުންގެ ބައްދަލުވުމުގެ މިފަހަރުގެ ޝިއާރަކީ "ތަރައްގީއަށް ހަމަޖެހުމަށް ގުޅިގެން ޓެރަރިޒަމާ ދެކޮޅަށް" އެވެ.

އެ ބައްދަލުވުމުގައިރާއްޖޭގެ ފަރާތުން ތަގްރީރުކުރައްވަމުން، ކޮވިޑް-19 ގެ ހާލަތު ރާއްޖޭގައި އޮތް ގޮތާއި، އެކަމުގެ ސަބަބުން ލިބެމުންދާ ގެއްލުންތަކާ ދެކޮޅަށް ރާއްޖެއިން އަޅާފައިވާ ފިޔަވަޅުތަކާ ބެހޭ ގޮތުން މިނިސްޓަރު ޝާހިދު ވާހަކަ ދައްކަވާނެ އެވެ.

އަދި އިސްލާމީ އުއްމަތަށް މިވަގުތު ކުރިމަތިވެފައިވާ ކަންކަމާމެދު ރާއްޖެއިން ދެކޭ ގޮތް ހާމަކުރައްވައި، އުއްމަތް އެކަތިގަނޑަކަށް ވުމަށް ގޮވާލައްވާނެ ކަމަށާއި އޭގެ އިތުރުން އެ ބައްދަލުވުމުގެ ހަވާސާގައި ބައެއް ގައުމުތަކުގެ ހާރިޖީ ވަޒީރުންނާއެކު މިނިސްޓަރު ޝާހިދު ބައިލޭޓަރަލް ބައްދަލުވުންތައް ބާއްވަވާނެ ކަމަށް ވެސް ފޮރިން މިނިސްޓްރީން ބުނެ އެވެ. 

މިނިސްޓަރު ޝާހިދުގެ އަރިހުގައި އެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގަންނަވަނީ ދިވެހިރާއްޖެއިން ސައޫދީ އަރަބިއްޔާއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު އަދި އޯ.އައި.ސީއަށް ކަނޑައަޅާފައި ހުންނަވާ ހާއްސަ މަންދޫބު މުޙައްމަދު ހަލީލްއާއި، މިނިސްޓްރީގެ އެސިސްޓަންޓް ޑައިރެކްޓަރު އަހުމަދު ސަލްމާން ޒަކީ އެވެ. 

އޯ.އައި.ސީ ހާރިޖީ ވަޒީރުންގެ ކައުންސިލަކީ ޖަމްއިއްޔާގެ ސިޔާސަތުތައް ތަންފީޒުކުރުމާ ބެހޭ ގޮތް ކަނޑައަޅައި، އިސްލާމިކް ސަމިޓްގައި ގައުމުތަކުގެ ވެރިން ނިންމަވާ ނިންމެވުންތައް ތަންފީޒުކުރެވެމުންދާ މިންވަރު މޮނީޓާކޮށް، އުއްމަތުގެ މުހިއްމު މައްސަލަތަކާ ބެހޭ ގޮތުން މަޝްވަރާކުރައްވާ ކައުންސިލެވެ. ހާރިޖީ ވަޒީރުންގެ ކައުންސިލްގެ ނިންމުންތައް ތަންފީޒުކުރާނީ އޯ.އައި.ސީ ސެކްރެޓޭރިއޭޓުންނެވެ. 

ރާއްޖެއިން އޯ.އައި.ސީގެ މެމްބަރު ގައުމަކަށްވީ 1976 ވަނަ އަހަރު އެވެ. އަދި އެއަށްފަހު އެ ޖަމްއިއްޔާގެ ހަރަކާތްތަކުގައި އަބަދުވެސް ބައިވެރިވާއިރު އޯއައިސީގެ މެމްބަރު ގައުމުތަކުގެ ގޮތުގައި 57 ގައުމު އޮވެ އެވެ.

50%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
50%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް