ads
އަބޫދާބީގައި ހުންނަ ގަސްރު އަލް ވަތަންގައި ސަފީރުންނަށް ފަތްކޮޅު އެރުއްވުމުގެ ތެރެއިން--- ފޮޓޯ: ފޮރިން މިނިސްޓްރީ
ޔޫއޭއީއަށް ކަނޑައެޅި އާ ސަފީރު އެ ގައުމުގެ ނައިބު ރައީސަށް ފަތްކޮޅު އަރުއްވައިފި
ރާއްޖެއިން އެކުވެރި އަރަބި ދައުލަތަށް ކަނޑައެޅުއްވި އާ ސަފީރު އާމިނަތު ޝަބީނާ އެ ގައުމުގެ ނައިބު ރައީސް މުހައްމަދު ބިން ރާޝިދު އަލް-މަހްތޫމް އަށް ސަފީރުކަމުގެ ފަތްކޮޅު އަރުއްވައިފި އެވެ.

މިއަދު އަބޫދާބީގެ ގަސްރު އަލް ވަތަން ގަނޑުވަރުގައި ބޭއްވި ރަސްމިއްޔާތުގައި ރާއްޖޭގެ އިތުރުން އިތުރު ހަތް ގައުމެއްގެ ސަފީރުން ފަތްކޮޅު އަރުއްވާފައިވާ އިރު، އެ ރަސްމިއްޔާތުގެ ފަހުން ބޭއްވުނު ބައްދަލުވުމުގައި ޝެއިހް މުހައްމަދު ބިން ރާޝިދު އަލް މަހްތޫމް ވަނީ ފަތްކޮޅު އެރުވުނު ހުރިހާ ސަފީރުންނަށްވެސް މަރުހަބާ ވިދާޅުވެފަ އެވެ. 

މިއަދު ފަތްކޮޅު އެރުވުނު ސަފީރުންގެ ގައުމުތަކާއި އެކު އިތުރަށް ގުޅުންތައް ހަރުދަނާކުރުމަށް އެކުވެރި އަރަބި ދައުލަތުން އަބަދުވެސް އެއްބާރުލުން ދޭނެ ކަމަށާއި، އެގޮތުން ސަފީރުންގެ މަސައްކަތްތަކަށް ބޭނުންވާ ކަންތައްތަކުގައި އެ ގައުމުގެ ސަރުކާރުން ފުރިހަމަ އެއްބާރުލުން ދެއްވާނެކަމުގެ ޔަގީންކަން ޝެއިހް އަލް މަހްތޫމް ވަނީ ދެއްވާފަ އެވެ. 

ރާއްޖެއިން އެކުވެރިއަރަބި ދައުލަތަށް ކަނޑައެޅުއްވި ސަފީރު އާމިނަތު ޝަބީނާ ވަނީ އެ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހްގެ ފަރާތްޕުޅުންނާއި ދިވެހި ސަރުކާރު، އަދި ދިވެހި ރައްޔިތުންގެ ފަރާތުން އެކުވެރި އަރަބި ދައުލަތުގެ ވެރިންނަށާއި ސަރުކާރަށް އަދި ރައްޔިތުންނަށް ފުރިހަމަ ސިއްހަތާއި ކާމިޔާބީ އަދި ހެޔޮ ދުއާ އަރިސް ކުރައްވައިފަ އެވެ.

ސަފީރުގެ ހައިސިއްޔަތުން ދެ ގައުމުގެ ދެމެދުގައި އޮންނަ ގާތް ގުޅުން އިތުރަށް ހަރުދަނާ ކުރެއްވުމަށް މަސައްކަތް ކުރައްވާނެ ކަމަށް ޝަބީނާ ވިދާޅުވެފައިވެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް