ads
ނެހާ ދޫޕިއާ އާއި އޭނާގެ ފިރިމީހާ، ދަރިފުޅު މެހެރްއާއެކު ރާއްޖޭގައި ނަގާފައިވާ ފޮޓޯއެއް--
ބޮލީވުޑު ތަރިން ގިނަވެ، ރާއްޖެ "ނިއު މުމްބާއީ" އަށް ވެއްޖެ!
މި ފަހަކަށް އައިސް ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތް ކުރާ އެއް ގައުމަށް އިންޑިއާ މި ވަނީ ވެފަ އެވެ. އިންޑިއާ ފަތުރުވެރިންގެ ތެރޭގައި ވަކިން ހާއްސަކޮށް ފާހަގަކުރެވެނީ ބޮލީވުޑުގެ ތަރިންގެ އެންމެ ފުރަތަމަ މަންޒިލަށް މިހާރު ރާއްޖެ ވެފައިވާ ކަމެވެ. އެއާއެކު އިންޑިއާގެ ނޫސްތަކުން ރާއްޖެ ސިފަކުރަނީ "މޯލްޑިވްސް އިޒް ދަ ނިއު މުމްބާއީ" ގެ ގޮތުގަ އެވެ.

ބޮލީވުޑު ތަރިންގެ މައި ސިޓީ ކަމަށްވާ ދެވަނަ މުމްބާއީ އަކަށް ރާއްޖެ ބަދަލުވެފައިވާ ކަމަށް ނޫސްތަކުން ރިޕޯޓު ކުރާއިރު، އެ ސިފަކުރުން އައިސްފައިވަނީ ސަބަބެއް ނެތިއެއް ނޫނެވެ. މިހާރު ކޮންމެ ދުވަހަކު ކަހަލަ ގޮތަކަށް އިންޑިއާގެ ކޮންމެވެސް ތަރިއަކު ރާއްޖެ އައިސްގެން އުޅޭ ހަބަރު ލިބެ އެވެ. ކޮވިޑް-19 އާ ގުޅިގެން ބަންދުކުރި ބޯޑަރު ޖުލައި 15 ގައި ހުޅުވާލި ފަހުން އެތައް ތަރިންނެއް މިހާރު ވަނީ ރާއްޖެ އައިސްފަ އެވެ.

ރާއްޖޭގެ ރީތި މޫދުގެ ނޫ ކުލައިން އިންސްޓަގްރާމް ފުރާލަމުންދާ އެތައް ބޮލީވުޑު ތަރިންނެއް މި ވަގުތު ވެސް ރާއްޖޭގައި އެބަ އުޅެ އެވެ. އޭގެ ތެރޭގައި ނޭހާ ދުޕިއާ، ދިޝާ ޕަޓާނީ، ތާރާ ސުތާރިއާ އަދި ރަކުޕް ޕްރީތް ސިންގް ފަދަ ޒުވާން ތަރިން ހިމެނެ އެވެ. ކޮވިޑަށް ފަހު ރާއްޖެ އާއި އިންޑިއާއާ ދެމެދު ގަވާއިދުން ދަތުރު ބޭއްވުމަށް އެއާ ޓްރެވަލް ބަބްލް އަކީ މި ތަރިން ރާއްޖެއަށް އަންނަމުންދާ އެއް ސަބަބެވެ.

ދިޝާ ޕަޓާނީ ރާއްޖޭގައި އުޅެމުން ދަނީ އޭނާގެ ލޯބިވެރިޔާ ކަމަށް އަޑު ފެތުރިފައިވާ އެކްޓަރު ޓައިގާ ޝްރޮފް އާއެކު އެވެ. ނޭހާ ދުޕިއާ އާއި ފިރިމީހާ އަންގަދް ބޭދީ ރާއްޖެ އައީ އެމީހުން ދަރިފުޅު މެހްރް ދުޕިއާ ބޭދީ ގޮވައިގެންނެވެ. ތާރާ ސުތާރިއާ ވެސް އޭނާގެ ލޯބިވެރިޔާ އާދަރު ޖެއިން އާއެކު ރާއްޖެ އައިސްފައި ވަނީ އޭނާގެ 25 ވަނަ އުފަންދުވަހުގެ ޕާޓީ ބޭއްވުމަށެވެ. އޭގެ އިތުރުން އުމުރުން 30 އަހަރުގެ ރަކުލް ޕްރީތް ސިންގް ޗުއްޓީއަށް އައީ މުޅި އާއިލާ ގޮވައިގެންނެވެ. 

ކޮންމެއަކަސް މިއިން ކޮންމެ ތަރިއެއް ރާއްޖެ އަންނަމުން ދަނީ އިތުރު ބަޔަކު ގޮވައިގެންނެވެ. އެހެންކަމުން މިއީ އިންޑިއާ ފަތުރުވެރިން އިތުރުވަމުންދާ ސަބަބެކެވެ. އިންޑިއާގެ ސެލެބްރިޓީންނާއި އެންމެ މުއްސަނދި މީހުންގެ މެދުގައި ރާއްޖޭގެ މަގްބޫލުކަން އިތުރުވެ، އެގައުމު ވަނީ ދެވަނައަށް އެންމެ ގިނަ ފަތުރުވެރިން ރާއްޖެ އަންނަ ގައުމަށް މިހާރު ވެފަ އެވެ. 

ޓޫރިޒަމް މިނިސްޓްރީން އާންމުކޮށްފައިވާ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި ބޯޑަރު ހުޅުވި ފަހުން އެންމެ ގިނަ ފަތުރުވެރިން އައި ގައުމުގެ ގޮތުގައި އަދިވެސް އޮތީ ރަޝިއާ އެވެ. އެ ޖާގަ ރަޝިއާއިން ކަށަވަރުކޮށްފައި ވަނީ 12،921 ފަތުރުވެރިންނާއެކު އެވެ. އޭގެ ފަހުގައި ލިސްޓުގެ ދެވަނައިގައި އިންޑިއާ އޮތްއިރު އެގައުމުން އައި ފަތުރުވެރިންގެ އަދަދު އުޅެނީ 5449 ގަ އެވެ. އަދި ލިސްޓުގެ ތިން ވަނައިގައި 4745 ފަތުރުވެރިންނާއެކު އޮތީ ޔޫކޭ އެވެ. 

ރާއްޖެއަށް ދެވަނައަށް އެންމެ ގިނަ ފަތުރުވެރިން އައި ގައުމުގެ ގޮތުގައި މިހާރު އިންޑިއާ އޮތްއިރު ކޮވިޑްގެ ކުރިން ވެސް އެގައުމުން ރާއްޖެއަށް ގިނަ އަދަދެއްގެ ފަތުރުވެރިން ޒިޔާރާތްކުރި އެވެ. ބޯޑަރު ހުޅުވާލި ފަހުން ރާއްޖެއަށް މިހާތަނަށް ޒިޔާރާތްކޮށްފައި ވަނީ ޖުމްލަ 59،105 ފަތުރުވެރިންނެވެ. އެހެންކަމުން ރާއްޖޭގެ މަގްބޫލުކަން އިންޑިއާގައި ބޮޑުވެފައި ވާތީ، އެކަން އެގޮތަށް ދަމަހައްޓަން ބޮލީވުޑު ތަރިން ކުރަމުން ދާ މަސައްކަތް ވެސް ފާހަގަކުރެވެ އެވެ.

އެމީހުން އިންސްޓަގްރާމުގައި ޕޯސްޓުކުރާ އެންމެ ފޮޓޯއެއް އެތައް މިލިއަން ބަޔަކަށް ފެންނަމުން ދިޔުމަކީ ރާއްޖެ އިޝްތިހާރު ކުރުމަށް ލިބޭ ރަނުގެ ފުރުސަތެކެވެ. އެހެންކަމުން "ނިއު މުމްބާއީ" ގެ ގޮތުގައި ރާއްޖެ މިހާރު މި އޮތް ދަނޑިވަޅުގައި ފަތުރުވެރިކަން އިތުރަށް ޕްރޮމޯޓުކޮށްފި ނަމަ ކޮވިޑުގެ އަނދަވަޅުން އިގްތިސާދު ނެގުމަށް އިތުރު ކުރިއެރުންތަކެއް ލިބިގެން ދާނެ އެވެ.

59%
ކަމުގޮސްފި
18%
އަޑުއެހިތާ މިހުރީ
12%
ސަތޭކައަކުން ސުމެއް
12%
ވަރަށް ސަލާމް
ކޮމެންޓްސް