ads
ނޭނގޭ ގޮތަށް ވެސް ވައްކަމެއް ނުކުރެވޭނެ، ކަންކަން ހުރީ ފެންނަން: އަލީ އާޒިމް
ނޭނގޭ ގޮތަށް ވެސް ވައްކަމެއް ނުކުރެވޭނެ ކަމަށް ވިދާޅުވެ މަޖިލީހުގެ މެޖޯރިޓީ ލީޑަރު އަލީ އާޒިމް އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލަށް ރައްދު ދެއްވައިފި އެވެ.

ސަރުކާރުގެ ފަރާތުން މެދު ހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް މަޖިލީހަށް ހުށަހަޅާފައިވާ ދިވެހިރާއްޖޭގެ ޓޫރިޒަމާ ބެހޭ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލާއި ގުޅޭ ގޮތުން އަލީ އާޒިމް ވިދާޅުވީ، ހުށަހަޅާފައިވާ އިސްލާހުގައި ރާއްޖޭގައި ޓޫރިސްޓް ރިސޯޓް ހެދުމަށާއި، އިންޓަގްރޭޓެޑް ޓޫރިޒަމް ތަރައްގީ ކުރުމަށާއި، ސަރުކާރުގެ ޓޫރިޒަމް ރިއަލްސްޓޭޓް ޑިވަލޮޕްމެންޓް ޕްރޮޖެކްޓްތައް ތަރައްގީ ކުރުމަށާއި، ޕްރައިވެޓް އައިލެންޑް ތަރައްގީ ކުރުމަށާއި ކުއްޔަށް ދޫކުރާނޭ ރަށްރަށް ބިންބިމާއި ފަޅާއި އަދި ޓޫރިސްޓް ރިސޯޓް ހޮޓާ، ޓޫރިސްޓް ގެސްޓްހައުސް، ޔޮޓް ބަނދަރު ހަނދާނޭ ތަންތަނާއި ޓޫރިޒަމްގެ ބޭނުމަށް ތަރައްގީ ކުރެވޭ އެ ނޫން ވެސް ތަންތަނާއި ސަރަހައްދުތައް ކަނޑައަޅާނީ ރައީސުލްޖުމްހުރިއްޔާ ކަމަށް ކަނޑައަޅާފައިވާ ކަމަށެވެ. 

އަލީ އާޒިމް ވިދާޅުވީ މިގޮތަށް އިސްލާހުގައި އެކަންކަން ކަނޑައަޅާނޭ ފަރާތަކީ ރައީސުލްޖުމްހޫރިއްޔާ ކަމަށް ކަނޑައެޅުމުން  އެހިސާބުން އެކަމަށް 100 ޕަސެންޓް ސަރުކާރު ހިއްސާ އޮތް ކުންފުންޏެއް އުފައްދަން ޖެހޭނެ ކަމަށެވެ. އަލީ އާޒިމް ވިދާޅުވީ ސަރުކާރުން ކުންފުނި ހެދުމަކީ އެމްޑީޕީގެ ފަލްސަފާއެއް ނޫން ކަމަށެވެ. 

މިހާރު ވެސް ފަތުރުވެރިކަމުގެ ސިނާއަތާ ގުޅޭ ސަރުކާރުގެ ދެ ކުންފުންޏެއް އޮންނަކަން ފާހަގަކޮށް އަލީ އާޒިމް ވަނީ އިތުރު ކުންފުންޏެއް ހަދަން އުޅުމުގެ ބޭނުމަކީ ކޮބައިތޯ ސުވާލު އުފައްދަވާފަ އެވެ. އަދި އެ ވާހަކައިގެ ތެރެއިން އަލީ އާޒިމް ވަނީ މިނިސްޓަރު ފައްޔާޒު ދައްކަވާފައިވާ ވާހަކަތަކަކަށް ރައްދުދެއްވާފަ އެވެ. 

"އަޅުގަނޑު ފަހަރެއްގައި ވެސް ނުބުނަން ވައްކަން ކުރަން މާ މޮޅުވާނެ އެކޭ، ތިމަންނައަށް މިކަން ކޮށްލެވިދާނެއޭ އެއްވެސް މީހަކަށް ނޭނގޭ އުސޫލުން. ނޫން ނުވެސް ކުރެވޭނެ. އެ ފުރުސަތެއް އަޅުގަނޑުމެން ނުވެސް ދޭނަން. ވައްކަން ނޭނގޭ ގޮތަށް ވެސް ނުކުރެވޭނެ. އަޅުގަނޑުމެނަށް އިނގޭ ކުރާ ވައްކަން. އަޅުގަނޑުމެނަށް އެބަހުރި އެކަން ފެންނަން ވެސް."

އަލީ އާޒިމް ވިދާޅުވީ ވައްކަން ކުރާ ވާހަކަ ނުދައްކަނީ އެޔަށްވުރެއް ރީތިކޮށް އެކަންކަން ހައްލުކުރެވޭނެ ކަމަށް ގަބޫލުކުރާތީ ކަމަށެވެ. އަދި ބޭނުންވާ ގޮތަށް ކަންކަން ހައްލު ނުކުރެވޭނަމަ އެކަންކަން ރީތިކޮށް މަޖިލީހުގައި ކިޔާވެސް ލެވޭނެ ކަމަށް ވިދާޅުވި އެވެ. 

އަލީ އާޒިމް ވިދާޅުވީ އިތުރު ކުންފުނިތައް ހަދައިގެން ރިސޯޓްތައް ހިންގުމުގެ ބާރު ނުނެގޭނެ ކަމަށެވެ. އަދި މި އިސްލާހަކީ "އެމްއެމްޕީއާރްސީ ފަދަ އަނެއް ވައްކަން ކުރަން ވެގެން ތައްޔާރުކޮށްފައިވާ އިސްލާހެއްތޯ" ސުވާލު އުފައްދަންޖެހޭ ކަމަށް ވެސް ވިދާޅުވި އެވެ.  

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް