ads
މިއަދު ފުލުހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން--
ބަޔާންދޭން ދެކޮޅު ހަދާތީ ކުށްކުރާ މީހުންނަށް އަދަބު ނުލިބިދޭ: ފުލުހުން
ފުލުހުންނަށް ހުށަހެޅޭ މައްސަލަތައް ތަހުގީގުކުރުމުގައި ގޮންޖެހުންތަކެއް އެބަހުރި ކަމަށާއި އޭގެ ތެރޭގައި ތަކެތި ރިކަވާކުރުމުން، އިތުރަށް ބަޔާންދީ މައްސަލަ ކުރިއަށް ގެންދަން ބޭނުން ނުވުމުގެ ސަބަބުން ކުށްކުރާ މީހުންނަށް އަދަބު ނުލިބިވާ ކަމަށް ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓްގެ ހެޑް، ޗީފް އިންސްޕެކްޓަރު އަލީ ފާއިޒު ވިދާޅުވެއްޖެ އެވެ.

ފުލުހުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ފާއިޒު ވިދާޅުވީ ތަކެތި ގެއްލިގެން ހުށަހެޅޭ މައްސަލަތަކުގައި އެތަކެތި އަނބުރާ ލިބުމާއެކު މައްސަލަ އިތުރަށް ކުރިއަށް ގެންދަން ބޭނުން ނުވެ، ބަޔާންދޭން ބައެއް މީހުން ބޭނުން ނުވާ ކަމަށެވެ. އެހެންކަމުން މައްސަލަ ޕީޖީއަށް ފޮނުވައިގެން ހުކުމެއް ކުރުމަށް ހުރަސްތަކެއް އެޅިގެންދާ ކަމަށް ވިދާޅުވި އެވެ. 

ފާއިޒު ވިދާޅުވީ ވައްކަމުގެ މައްސަލަތައް މިފަހުން އިތުރުވެފައިވާ ކަމަށާއި އެ މައްސަލަތައް އިތުރުވާން ދިމާވަނީ ކުރެވޭ ފަރުވާ ކުޑަ އަމަލެއްގެ ސަބަބުން ކަމަށެވެ. އެގޮތުން އަގުބޮޑެތި ތަކެތި ހާމައަށް ތަންތަނުގައި ބަހައްޓާފައިދާތީ އެކަން ވަނީ ފާހަގަކުރައްވާފަ އެވެ. އަދި ރަސްފަންނާއި ފަތާއި ޓްރެކް ސަރަހައްދަށްދާ ފަރާތްތަކުން އަގުބޮޑެތި ތަކެތި ފަރުވާ ކުޑަ ގޮތަކަށް ދޫކޮށްލެވިފައި ބަހައްޓާ މައްސަލަ ފާހަގަކުރެއްވި އެވެ. 

އޭގެ އިތުރުން އިމާރާތްކުރާ ސައިޓްތަކުގައި އަގުބޮޑެތި ސާމާނު ދޫކޮށްލާފައި ހުންނާތީ ކުރާ ވައްކަންތައް ވެސް އިތުރުކަމަށް ވިދާޅުވި އެވެ. އެގޮތަށް ސައިޓްތަކުގައި ތަކެތި ބަހައްޓާއިރު އެއީ ކޮން ކުންފުންޏެއްގެ ސާމާނެއްކަން އެނގޭ ގޮތަށް މުދާ ބެހެއްޓުމަށް ވެސް އިލްތިމާސްކުރެއްވި އެވެ. އަދި ސައިކަލު އެއްޗެހި ވަގަށް ނެގުން އިތުރުވެފައިވާތީ ވަރަށް ބޮޑަށް ރައްކާތެރިވުމަށް އިލްތިމާސްކުރެއްވި އެވެ. 

ފާއިޒު ވަނީ ވަގަށް ނަގާފައިވާ ތަކެތި ވިއްކުން އިތުރުވެފައިވާކަން ވެސް ފާހަގަކުރެވޭ ކަމަށާއި އެގޮތުން އެތަކެތި ނުއަގުގައި ގަންނަ ފަރާތްތައް އުޅެމުންދާތީ ނުއަގުގައި ގޮތް ނޭނގޭ މީހަކު އެފަދަ ތަކެތި ވިއްކަން އުޅުނަސް އެކަން ފުލުހުންނަށް ރިޕޯޓްކުރަން އެދިފަ އެވެ.

މިއަހަރުގެ ފުރަތަމަ ދިހަ މަސް ދުވަހުގެ ތެރޭގައި 2710 މައްސަލައެއް ފުލުހުންނަށް ހުށަހެޅިފައިވެ އެވެ. އޭގެ ތެރޭގައި މަސްތުވާތަކެއްޗާއި ވައްކަމާއި ފޭރުމުގެ މައްސަލަތައް ގިނަ އެވެ.

ވައްކަމުގެ މައްސަލަތަކުގެ ތެެރެއިން މިހާތަނަށް ގާތްގަނޑަކަށް 1.9 މިލިއަން ރުފިޔާ ހޯދާއި އޭގެ ވެރި ފަރާތާއި ހަވާލުކުރެވުން ކަމަށް ފާއިޒު ވިދާޅުވެ އެވެ. މިހާރު ވައްކަމުގެ މައްސަލަތައް އިތުރަސް މިދިޔަ ލޮކްޑައުން ތެރޭގައި އެފަދަ މައްސަލަތައް މަދުކަން ވެސް ފާހަގަކުރެއްވި އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް