ads
އަނބިމީހާ އަށް ގޯނާ ކުރުމަކީ ދީން ހުއްދަ ކުރާ ކަމެއްނޫން: ޚުތުބާ
ތިމާގެ އަނބިމީހާއަށް ގޯނާ ކުރުމަކީ ދީން ހުއްދަކުރާ ކަމެއް ނޫންކަމަށާއި، ގެވެށި އަނިޔާގެ ސަބަބުން އިޖްތިމާއީ ފޭރާން ވީދި މުޖްތަމައު ހަލާކުގެ ތެރެއަށް ވެއްޓިގެންދާ ކަމަށް ހުކުރު ހުތުބާގައި ބުނެފި އެވެ.

ހުކުރު ހުތުބާގައި ބުނެފައިވަނީ ގެވެށި އަނިޔާގެ ސަބަބުން އިޖްތިމާއީ ފޭރާން ވީދި މުޖްތަމައު ހަލާކުގެ ތެރެއަށް ވެއްޓިގެންދާ ކަމަށެވެ. އަނިޔާގެ ސަބަބުން މުޖުތަމައުގެ އަފްރާދުންގެ މެދުގައި އަރާރުންތައް އެފެދި، އާއިލާތައް ވެސް ރޫޅޭ ކަމަށެވެ. އަދި ތިމާ ދިރިއުޅޭ ވެށީގައި އަނިޔާ އިތުރުވެ، އޭގެދާއިރާ ފުޅާވެގެން ދިއުމުން ޅަދަރީންގެ ހައްޤުތައް ގެއްލި އެ ކުދިންގެ ހަޔާތް ބަރުބާދުވެގެންދާ ކަމަށްވެސް ހުތުބާގައިވެ އެވެ. 

ދަރިންނަކީ ލިބިފައިވާ ހިތްހަމަޖެހުމެއްކަން ފާހަގަކޮށް ހުތުބާގައި ބުނެފައިވަނީ އިސްލާމްދީން ސިފަ ކުރާ ގޮތުގައި ކުޑަކުއްޖާގެ ތުއްތު ދުވަސް ވަރަކީ ބާއްޖަވެރިކަމާއި، ރީތިކަމާއި، އުފާވެރި ހުވަފެންތަކާއި، ލޯތްބާއި، ހިޔާލުގެ ރީތި ދުނިޔެއެއް ކަމަށެވެ. 

އަނިޔާވެރިވުމާއި ގޯނާ ކުރުމަކީ މުޖުތަޖައާއި އާއިލާތަކަށް ގެއްލުންހުރި ހަޑިހުތުރު އަމަލެއްކަމަށް ހުތުބާގައިވެ އެވެ. އަދި މީހަކު އޭނާގެ އަނބިމީހާއަށް ގޯނާ ކުރުމަކީ އިސްލާމް ދީން ހުއްދަ ކުރާކަމެއް ނޫންކަމަށް ވެސް ހުތުބާގައިވެ އެވެ. 

"މާތްﷲ ފިރިންނަށް އަންގަވާފައި ވަނީ، އެ މީހުންގެ އަނބިންނާ އެކު ރިވެތި ގޮތުގައި މުއާމަލާތު ކުރުމަށެވެ." ހުތުބާގައިވެ އެވެ. 

މަގުމަތީގަޔާއި ބާޒާރުމަތީގައި އަދި އޮފީސްތަކުގައި މީސްމީހުނަށް ގޯނާ ކުރުމަކީ މިއަދު މުޅި މުޖްތަމައުގައި ފެތުރިފައިވާ ވަބާއެއްކަން ފާހަގަކޮށް ހުތުބާގައި ބުނެފައިވަނީ ޒަމާނީ ފިޤްހީ މައްސަލަތައް ދިރާސާ ކުރައްވާ އިލްމުވެރިން ވިދާޅުވާ ގޮތުގައި އެއީ ބިމުގައި ފަސާދަކުރުން ފަދަ ކަމެއްކަމަށެވެ. 

އޭގެ އިތުރުން ބުނެފައިވަނީ މަގުމަތީގައި ނުވަތަ އޮފީހުގައި މީހަކު ބޭނުންވާ ނުބައި މަގްސަދެއް ހާސިލު ކުރުމަށްޓަކައި މުވައްޒަފަކަށް ބިރުދެއްކުމަކީ ނިރުބަވެރި އަމަލެއް ކަމަށެވެ. އަދި އެއީ މާތްﷲ މަނާ ކުރައްވާފައިވާ ކަމެއްކަމަށާއި އެއީ މުސްލިމުންގެ ކިބައިގައި ހުރެގެންވާނޭ ސިފައެއް ނޫންކަމަށް ހުތުބާގައިވެ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް