ads
ރައީސް އިބްރާހީމް މުހައްމަދު ސޯލިހު--
ކޮވިޑުގައި ރާއްޖެއަށް ފުރަތަމަ އެހީވީ ވޯލްޑް ބޭންކް: ރައީސް
ކޮވިޑް-19 އާ ގުޅިގެން ރާއްޖެއަށް އެންމެ ފުރަތަމަ އެހީވި ފަރާތްތަކުގެ ތެރޭގައި ވޯލްޑް ބޭންކް ހިމެނޭ ކަމަށާއި، އިގްތިސާދީގޮތުން ދިމާވަވެފައިވާ އަޑިވަޅުގަނޑުން އަރައިގަތުމަށް ރާއްޖެއިން ކުރާ މަސައްކަތުގައި މިއީ ވޯލްޑް ބޭންކުގެ ބޭނުން ރާއްޖެއަށް އެންމެ ބޭނުންވެފައިވާ ދަނޑިވަޅުކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

ރައީސް މިހެން ވިދާޅުވީ މިއަދު ރައީސް އޮފީހުގައި ވޯލްޑް ބޭންކުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ކަންޓްރީ ޑިރެކްޓަރ ފެރިސް ހަދާދް ޖަވާސް އަދި އެ ޖަމިއްޔާގެ ކަންޓްރީ މެނޭޖާ ޗިޔޯ ކަންޑާއާއި ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގަ އެވެ. 

މި ބައްދަލުކުރެއްވުމުގައި ރައީސް ވިދާޅުވީ، ކޮވިޑް-19 ގެ ހާލަތުގައި އެންމެ ފުރަތަމަ ރާއްޖެއަށް އެހީތެރިކަން ފޯރުކޮށްދިން ފަރާތްތަކުގެ ތެރޭގައި ވޯލްޑް ބޭންކް ހިމެނޭ ކަމަށާއި، ސިއްހީ ދާއިރާ ހަރުދަނާކުރުމާއި، ގުދުރަތީ ކާރިސާތަކުން ރައްކާތެރިކަން ހޯދުމާއި، ރާއްޖެއަށް އެއިރެއްގައި ބޭނުންޖެހިފައިވާ މަޝްރޫއުތައް ހިންގުމުގައި ވޯލްޑް ބޭންކުން އަބަދުވެސް އެހީތެރިކަން ފޯރުކޮށްދެއްވާ ކަމަށެވެ. 

އަދި ކޮވިޑް-19ގެ ހާލަތުގައި ރާއްޖޭގެ އިގްތިސާދު ހުއްޓިފައި އޮތުމަށްފަހު އަލުން ފަތުރުވެރިކަމަށް ރާއްޖެ ހުޅުވިގެންދާ މި ދަނޑިވަޅަކީ ވަރލްޑް ބޭންކުގެ އެހީތެރިކަން ދިވެހިރާއްޖެއަށް އެންމެ ބޮޑަށް ބޭނުންވާ ދަނޑިވަޅު ކަމަށާއި، ކުރިޔަށް އޮތް ދުވަސްތަކުގައިވެސް ދިވެހިރާއްޖެއަށް ވެދެއްވަމުން ގެންދަވާ މާލީ އެހީތެރިކަން މިހާރަށްވުރެ ފުޅާކުރައްވާނެކަމަށް އުންމީދު ކުރައްވާ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

މި ބައްދަލުކުރެއްވުމުގައި ވޯލްޑް ބޭންކުގެ ވަފުދުން ވަނީ ރާއްޖޭގެ އިގްތިސާދު ހަމަ މަގަށް އެޅުވުމުގައި މިހާރުން މިހާރަށް ބޭނުންވާ މެކްރޯ-ފިސްކަލް ބަދަލުތައް ގެނައުމުގެ އިތުރުން އިގްތިސާދު ހަރުދަނާކޮށް، ކޯވިޑް-19 ގެ ސަބަބުން ލިބިފައިވާ ގެއްލުންތަކުން އަރައިގަތުމަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދެއްވާނެކަން ހާމަކުރައްވާފައެވެ. 

އަދި ދެބޭފުޅުން ވަނީ ރައީސުލްޖުމްހޫރިއްޔާ، އެމަނިކުފާނުގެ ރިޔާސީ ދައުރުގެ ދެ އަހަރު ދުވަސް ފުރިހަމަ ކުރެއްވުމާއި ގުޅިގެން އެކަމަށްޓަކައި ރައީސްއަށް ތަހުނިޔާ ވިދާޅުވެފައެވެ. އެގޮތުން ސަރުކާރުގެ ދެ އަހަރު ދުވަހުގެ ކާމިޔާބު މަސައްކަތުން އަންހެނުންނަށް އިތުރު ފުރުސަތުތައް ހޯދައިދީ ބާރުވެރިކުރުވުމާއި، ލާމަރުކަޒީ ނިޒާމު ހަރުދަނާ ކުރުމަށް ކުރައްވަމުން ގެންދަވާ މަސައްކަތުގައި ކާމިޔާބީއަށް އެދޭކަމުގައި ދެބޭފުޅުން ފާހަގަކުރެއްވި އެވެ. 

މިއީ މި ދެބޭފުޅުންގެ މަގާމުގެ ހައިސިއްޔަތުން ރާއްޖެއަށް ކުރެއްވި ފުރަތަމަ ދަތުރުފުޅެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް