ads
ރައީސް މައުމޫން---
ކޯލިޝަން ތެރެއިން ބޭއިންސާފު ބަސްތައް އިވޭ: މައުމޫން
ކޯލިޝަންގައި ހިމެނޭ ހުރިހާ ފަރާތްތަކުން ވެސް ކޯލިޝަންގެ މަސްލަހަތު ނުގެއްލޭ ގޮތަށް އަމަލުކުރަން ޖެހޭ ކަމަށާއި އެހެންނަމަވެސް ބައެއް ފަހަރު މަސްލަހަތު ގެއްލޭ ފަދަ ބޭއިންސާފު ބަސްތައް އަޑުއައްސަވަން ޖެހިވަޑައިގަންނަވާ ކަމަށް މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމްއާރުއެމް) ގެ ރައީސް އަދި ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް ވިދާޅުވެއްޖެ އެވެ.

އެމްއާރުއެމްއަށް އަހަރެއް ފުރުމާއި ގުޅިގެން ރޭ ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ރައީސް މައުމޫން ވަނީ ކޯލިޝަން އުފެދިގެން އައިސްފައި ވަނީ ވަރަށް މުހިއްމު މަގްސަދެއްގައިކަމުން ކޯލިޝަން ރޫޅިގެން ނުދާނެ ގޮތަށް ހުރިހާ ޕާޓީތަކުން ވެސް މަަސައްކަތް ކުރައްވަން އިލްތިމާސްކުރައްވާފަ އެވެ. 

ރައީސް މައުމޫން ވިދާޅުވީ ކޮވިޑް-19 ގެ މިދަތި ހާލަތުން އަރައިގަތުމުގައި ވެސް އެޕާޓީ އޮންނާނީ ސަރުކާރާއެކު ކަމަށާއި އެގޮތުން ޕާޓީގެ އުސޫލުތަކުގެ ތެރެއިން ރައްޔިތުންނަށް ލުއި ފަސޭހަ ގޮތެއް ހޯދައިދިނުމުގައި ދެމި އޮންނާނެ ކަމަށެވެ. އަދި ކޯލިޝަންގެ ހުރިހާ ހިއްސާދާރުން ވެސް ކޯލިޝަން ވަރުގަދަކުރަން މަސައްކަތްކުރަން ބާރު އަޅުއްވަމުން ރައީސް މައުމޫން ވަނީ ކޯލިޝަނުގައި ހިމެނޭ ހަތަރު ޕާޓީން ވެސް، ކޯލިޝަންގެ މަސްލަހަތު ގެއްލޭ ފަދަ ކަމެއް ނުކުރުމަށް އެދިވަޑައިގެންފަ އެވެ. 

ރައީސް މައުމޫން ވިދާޅުވީ އެމްއާރުއެމްގެ ފަރާތުން މިހާތަނަށް ކޯލިޝަންގެ މަސްލަހަތު ގެއްލޭފަދަ އެއްވެސް ކަމެއްކޮށްފައި ނުވާ ކަމަށާއި އަދި ކުރިއަށް އޮތް ތަނުގައި ވެސް އެފަދަ ކަމެއް ނުކުރާނެ ކަމަށެވެ. އެހެންނަމަވެސް ބައެއް ފަހަރު ބައެއް ފަރާތްތަކުން ދައްކަވާ ވާހަކަތައް ނުވަތަ ކަންތައް ކުރައްވާ ގޮތުން މަސްލަހަތު ގެއްލި، ބޭއިންސާފު ބަސްތައް ރައްދުވަމުންދާކަން ރައީސް މައުމޫން ފާހަގަކުރެއްވި އެވެ. 

"އެކަހަލަ ކަންތައް ވުމަކީ އަޅުގަނޑު ދެކޭ ގޮތުގައި ކޯލިޝަނަށް ބަލިކަށި ކަމެއް ގެނެސްދީފާނެ ކަންތައްތައް. އެހެންކަމުން އެކަންތައްތަކުން އަޅުގަނޑުމެން ޖެހޭ ދުރުހެލިވާން. އެހެންވީމަ އަޅުގަނޑުމެންގެ ނަސޭހަތަކީ ނުވަތަ އިލްތިމާސްއަކީ ކޯލިޝަންގައި ހިމެނޭ ހުރިހާ ފަރާތްތަކުން ވެސް މި ކޯލިޝަން ވަރުގަދަ ކުރަން މަސައްކަތްކުރުން،" ރައީސް މައުމޫން ވިދާޅުވި އެވެ. 

އޭގެ އިތުރުން ކުރިން ދުށް އަނިޔާވެރި ދުވަސްތައް އަލުން ދެކިވަޑައިގަންނަވަން ބޭނުންފުޅު ނުވާކަން ފާހަގަކުރައްވާ ރައީސް މައުމޫން ވަނީ ރައްޔިތުންނަށް ނިކަމެތި ގޮތް ވާން ބޭނުންފުޅު ނުވާ ކަމަށާއި އެގޮތުން ރައްޔިތުންގެ މުދަލާއި ފައިސާއަށް ހިޔާނާތްތެރިވާތައް ދެކިވަޑައިގަންނަވަން ބޭނުންފުޅު ނުވާ ކަމަށެވެ.

"އެކަންތައްތައް އަލުން ދެކޭކަށް ބޭނުމެއް ނޫން. އެ މާޒީއަށް ރުޖޫއަވާކަށް ބޭނުމެއް ނޫން. އެހެންވިމަ އެގޮތުގަ އަޅުގަނޑުމެންނަށް ތިބެވޭނީ އަޅުގަނޑުމެން މި ކޯލިޝަންގަ މިކުރާ އިސްލާހީ މަސައްކަތް ހަރުދަނާކޮށްގެން،" 

ރައީސް މައުމޫން އެގޮތަށް ވިދާޅުވިއިރު ކޯލިޝަންގެ ތެރޭގައި ގިނަ މައްސަލަތަކެއް ދިމާވެފައިވާކަމުގެ އަޑުތައް ދޭތެރެއަކުން އަރަ އެވެ. އެގޮތަށް ދިމާވަނީ ދޭތެރެއަކުން ކޯލިޝަނުގައި ހިމެނޭ ލީޑަރުން އެއް ބޭފުޅަކު އަނެއް ބޭފުޅަކަށް ބަހުގެ ހަމަލާތައް ދެއްވަމުން ގެންދަވާތީ އެވެ. އެހެންނަމަވެސް އެގޮތަށް އަޑުއަރާ ކޮންމެ ފަހަރަކު ވަކި ވަކި ޕާޓީތަކުން، އެ ޕާޓީއެއް އޮތީ ސަރުކާރާއެކު ކަމަށް ބުނަމުންދެ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
100%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް