ads
ފަތުރުވެރިން---
އިގްތިސާދު ހިންގުމަށް ފަތުރުވެރިކަމަށް މުހިންމު އަހަރެއް!
ކޮވިޑް-19 އާއި ގުޅިގެން އޭޕްރިލް މަހު ރާއްޖޭގެ ބޯޑަރުތައް ބަންދުކޮށް، ފުރަބަަންދަކަށް ދިއުމުގެ ސަބަބުން ރާއްޖޭގެ އިގްތިސާދަށް އޭގެ ލޮޅުންތައް އައެވެ. ބައެއް ވިޔަފާރިތައް ބަންދު ކުރަން ޖެހި، ދިވެހި އިގްތިސާދުގެ ދެ ލޭނާރު ކަމަށްވާ ފަތުރުވެރިކަމާއި މަސްވެރިކަމަށް މުޅިންހެން ހުއްޓުން އައެވެ. ނަމަވެސް ޖުލައި 15 ގައި ބޯޑަރު ހުޅުވުމާއި އެކު، ސަރުކާރާއި އާންމުން ރާއްޖޭގެ އިގްތިސާދު ކޮޅަށް ޖެހުމަށް މަސައްކަތް ކުރަން ފެށިއެވެ. އޭގެ ތެރޭގައި ރާއްޖޭގެ އާމްދަނީ އެއަށް ބަރޯސާވާ ފަތުރުވެރިކަން ހިމެނެއެވެ.

ހިންދޫ ކަނޑު ވަށައިގެން އޮންނަ ކުދި ޖަޒީރާ ރަށްތަކެއްގެ މައްޗަށް އެކުލެވޭ ދިވެހިރާއްޖެ އަށް ފަތުރުވެރިން އަންނަނީ ހިތްހަމަ ޖައްސާލައި، ރާއްޖޭގެ ގުދުރަތީ މަންޒަރުތައް ބަލާލައި، ހިތްފަސޭހަ ކޮށްލުމަށެވެ. ރާއްޖޭގެ ރީތިކަމުގެ ވާހަކައަކީ ފަތުރުވެރިންގެ އިތުރުން ޗުއްޓީ ހޭދަކޮށްލުމަށް އަންނަ މަޝްހޫރު ތަރިން އަބަދުވެސް ދައްކާ ވާހަކައެކެވެ. ނަމަވެސް އޭޕްރިލް މަހު ރާއްޖެ ފުރަބަންދަކަށް ދިއުމާއި އެކީ މި ހުރިހާ ކަމެއް މެދު ކެނޑުނެވެ.

އެ ހިސާބުން އޭޕްރިލް އިން ފެށިގެން ޖުލައި މަހުގެ މެދަކާއި ހިސާބަށް ފުރަބަންދުގައި ދިޔަ މުއްދަތުގައި ރާއްޖޭގެ އިގްތިސާދަށް ވަނީ އޭގެ ނޭދެވޭ އަސަރުތަކެއް ކޮށްފައެވެ. އަންނާނެ ފަތުރުވެރިންތައް ނެތި، ގިނަ ރިސޯޓްތަކުންދޭ ހިދުމަތްތައް މެދު ކަނޑާލަން ޖެހުނެވެ. ގެސްޓްހައުސްތަކާއި ސަފާރީތަކުން ދޭ ހިދުމަތްތައްވެސް މެދު ކަނޑާލައި، ފަތުރުވެރިކަމުން ނަފާ ހޯދަމުން އައި ވިޔަފާރިތަކަށް ގެއްލުން ވާން ފެށިއެވެ.

ޖުލައި މަހުގެ 15 ގައި ބޯޑަރު ހުޅުވައިލުމާއި އެކީ އެންމެ ފުރަތަމަވެސް ހުއްދަ ދީފައި ވަނީ ރިސޯޓްތައް ހުޅުވައިލުމަށެވެ. އެގޮތުން އެޗްޕީއޭގެ ގައިޑްލައިންތަކާއި އެއްގޮތަށް ބައެއް ރިސޯޓްތައް ހުޅުވައިލާފައިވާ އިރު، ބޯޑަރު ހުޅުވާލިތާ ފުރަތަމަ ފަނަރަ ދުވަހުގެ ތެރޭގައި ރާއްޖެއަށް 1،700 އާއި ގާތްކުރާ އަދަދަކަށް ފަތުރުވެރިން ޒިޔާރަތްކޮށްފައިވާ އިރު، އެ އަދަދު އައީ ކޮންމެ މަހަކު އިތުރުވަމުންނެވެ. އެގޮތުން ބޯޑަރު ހުޅުވާލި ފަހުން އެ މުއްދަތުގައި 70،000 އަށް ވުރެ ގިނަ ފަތުރުވެރިން މިހާތަނަށް ރާއްޖެއަށް ޒިޔާރަތްކޮށްފައިވެ އެވެ.

ފަތުރުވެރިކަމުގެ މިސްރާބު މި އަހަރު ހުރީ ރަނގަޅު ދިމާލަކަށެވެ. އޭގެ އެންމެ ބޮޑު އެއް ހެއްކަކީ އޭޕްރިލް މަހުގައި ބޯޑަރު ބަންދުކުރުމުގެ ކުރިން މި އަހަރުގެ ފުރަތަމަ ކުއާޓަރުގައި ރާއްޖެއަށް 380،000 އަށް ވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފައި ވުމެވެ. ކޮވިޑް-19 ގެ ބަލިމަޑުކަމާއި ކުރިމަތިލާން ނުޖެހުނު ނަމަ، މި އަހަރު ރާއްޖެއަށް އައި ފަތުރުވެރިންގެ އަދަދު އެއް މިލިއަން ފަހަނަހަޅައި ދާނެ ކަން އެއީ ޔަގީން ކަށަވަރު ކަމެކެވެ.

ބޯޑަރު ހުޅުވައިލުމާއި އެކު ފެނިގެން ދިޔައީ ރާއްޖޭގެ ފަތުރުވެރިކަން މާކެޓްކުރާ ކުންފުނި ކަމަށްވާ މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) އިން މަސައްކަތް ފަށައިގަތް ތަނެވެ. އެގޮތުން އެމްއެމްޕީއާރުސީން ދިޔައީ ބޭރުގެ ފަތުރުވެރިކަމުގެ މާކެޓްގައި ރާއްޖެ އިޝްތިހާރުކުރަމުންނެވެ. ނަމަވެސް ކޮވިޑް-19 ގެ ސަބަބުން އެހެން އަހަރުތަކާއި ހިލާފަށް މިއަހަރު އެމްއެމްޕީއާރުސީ އިން ރާއްޖެ އިޝްތިހާރުކޮށްފައި ވަނީ ވާޗުއަލްކޮށެވެ.

މި އަހަރު ސަރުކާރުން ބައި މިލިއަން ފަތުރުވެރިން ގެނައުމަށް އަމާޒު ހިފާފައިވާ އިރު، މިހާރު ފެންނަ އަދަދުތަކުން ދައްކާ ގޮތުގައި އެއީ ނުވުމަށް ވުރެ ވުން ގާތް ކަމެކެވެ. އޭގެ އެންމެ ބޮޑު އެއް ހެއްކަކީ ބޯޑަރު ހުޅުވާލި ފަހުން ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ އަދަދު އިތުރުވެފައިވުމެވެ. އެއާއި އެކު، ސަރުކާރުން ވަނީ އަންނަ އަހަރަށް އެއް މިލިއަނަށް ވުރެ ގިނަ ފަތުރުވެރިން ރާއްޖެ ގެނައުމަށް އަމާޒު ހިފައިފަ އެވެ.

ދާދި ފަހުން ރާއްޖެއަށް ފަތުރުވެރިކަމުގެ އެންމެ ޝަރަފުވެރި އެވާޑް ކަމަށްވާ "ވޯލްޑް ލީޑިން ޑެސްޓިނޭޝަން" އެވާޑް ލިބިފައިވާ އިރު، އެ އެވާޑްގެ ސަބަބުން ސަރުކާރުގެ ޓޫރިޒަމް މިނިސްޓްރީގެ އިތުރުން، ފަތުރުވެރިކަމުގެ ސިނާއަތުގައި ހަރަކާތްތެރިވާ ފަރާތްތަކުން މި އަހަރު ނިންމާލަނީ ހިނިތުންވުމަކާއި އެކުގައެވެ.

ހުރިހާ ގޮތަކުންވެސް ބަލައިލާ އިރު، މި އަހަރަކީ ރާއްޖޭގެ ފަތުރުވެރިކަމަށް ވަރަށް ބޮޑު އަހަރެއް ކަމާއި މެދު އެއްވެސް ވަރެއްގެ ޝައްކެއް ނެތެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް