ads
ކ. ހިންމަފުށި
ހިންމަފުށިން ދަނޑުވެރިކަމަށް ބިން ދޫކުރަނީ!
ކ. ހިންމަފުށީ އެކި ސަރަހައްދު ތަކުން ދަނޑުވެރިކަމަށް 30 ބިން ވިއްކުމަށް ހަމަޖެހިފައިވާ ކަމަށް އެ ރަށު ކައުންސިލުން ބުނެފި އެވެ.

ހިންމަފުށީ ކައުންސިލުން ބުނީ ރަށުގެ އެކި ސަރަހައްދު ތަކުން ދޫކުރުމަށް ހަމަޖެހިފައިވަނީ 2000 އަކަފޫޓަށްވުރެ ބޮޑު ނުވާގޮތަށް 30 ބިން ކަމަށެވެ.

އެހެންކަމުން ދަނޑުވެރިކަމަށް ބިން ދޫކުރުމަށް ހަމަޖެހިފައިވާ އުސޫލުގައިވާ ގޮތުގެމަތީން ދަނޑުވެރިކަން ކުރާ އަދި އެކަމަށް ޝައުގުވެރިވާ ފަރާތްތަކުން ޑިސެމްބަރު 13 ވާ އާދީއްތަ ދުވަހުގެ 14:00 ގެ ކުރިން ފޯމް ފުރުމަށްފަހު އެއިދާރާއަށް ހުށަހެޅުމަށް  ކައުންސިލުން ވަނީ އެދިފައެވެ. 

ކޮވިޑް-19 އާ ގުޅިގެން ރާއްޖޭގެ އިގްތިސޯދު އިނދަޖެހިފައިވާ މި ދަނޑުވަޅުގައި ހަމައެކަނި ފަތުރުވެރިކަމަށް އިގްތިސޯދު ބިނާކުރުމަކީ އެންމެ ބުއްދިވެރި ގޮތް ނޫން ކަމުން ސަރުކާރުން އަންނަނީ ދަނޑުވެރިކަން ފުޅާކުރުމަށް މަސައްކަތް ކުރަމުންނެވެ. އެގޮތުގެ މަތިން ރައްޔިތުންނަށް ބޭނުންވާ ކާނާ ޔަގީންކުރުމަށްޓަކައި ދަނޑުވެރިކަން ކުރަން ބޭނުންވާ ބިން ރަށުގެ ނިސްބަތުން ރަަށްރަށުގެ ކައުންސިލްތަކުން އަންނަނީ ހިލޭ ދޫކުރަމުންނެވެ.

އެ ބިން ތަކަކަކީ ދަނޑުވެރިކަން ކުރުމަށް ވަގުތީގޮތުން ދޫކޮށްފައިވާ ބިންތަކެއް ކަމުން ސަރުކާރުން ވަނީ  ދަނޑުވެރިކަން ކުރުމަށް ވަގުތީ ބިން ދޫކުރުމާއި ގުޅޭ އުސޫލެއްވެސް އާއްމުކޮށްފައެވެ. އެ އުސޫލްގައިވާގޮތުން ދަނޑުވެރިކަން ކުރުމަށް ބިންކަނޑައަޅައި ބިން ދޫކުރާނީ  އެ ރަށެއްގެ ކައުންސިލުންނެވެ. 

އަދި ދަނޑުވެރިކަން ކުރުމަށް ވަގުތީ ދަނޑުބިން ދޫކުރާނީ އެރަށެއްގައި އިމާރާތާއި ގޯތީގެ ރެޖިސްޓްރީ އޮތް ދިރިއުޅޭ ފެންވަރަށް އިމާރާތް ކުރެވިފައިވާ ގެއެއްގެ ނަމުގައި، އެގޭގެ ވެރިފަރާތަށް ނުވަތަ އެގޭގެ ރަށްވެހިންގެ ރެޖިސްޓްރީގައި ހިމެނިފައިވާ ކޮންމެވެސް އެއްފަރާތަކަށް ކަމަށާއި އަދި އެފަރާތަކީ އެ ރަށުގައި ދިރިއުޅޭ ފަރާތަކަށް ވާންޖެހޭނެކަމަށްވެސް އުސޫލްގައި ވެއެވެ.

ވަގުތީ ދަނޑުބިމުގެ ގޮތުގައި 2000 އަކަފުޓާއި 5000 އަކަފޫޓާއި ދެމެދުގެ ބިމެއް ދޫކުރާއިރު ދަނޑުބިން  ދޫކުރާނީ އެއް އަހަރު ދުވަހުގެ މުއްދަތަށް ކުއްޔަކާއި ނުލާކަމަށް ބަޔާންކޮށްފައިވެއެވެ. 

އަދި ދަނޑުވެރިކަން ކުރުމަށް ދޫކުރެވޭ ބިމެއް، ބިން ހަވާލު ކުރާ ފަރާތުން އެހެން ފަރާތަކަށް ކުއްޔަށް ނުވަތަ އެނޫންގޮތަކަށް ނަމަވެސް ނުދެވޭނެކަމަށާއި ދަނޑުވެރިކަން ކުރުމަށް ހަވާލު ކުރާ ބިމުގައި އިމާރާތްއަޅައި ދާއިމީ ބިނާ ހަދައިގެން ނުވާނެކަމަށްވެސް ބުނެފައިވެއެވެ. ނަމަވެސް ދަނޑުވެރިކަމުގެ މަސައްތަށް ބޭނުންވާ ތަކެތި ރައްކާކުރުންފަދަ ކަންކަމަށް ކޮންމެހެއް ތަނެއް އަޅަން ޖެހިއްޖެ ނަމަ އެފަދަ ވަގުތީ ތަނެއް އެޅިދާނެ ކަމަށާއި އަދި އެފަދަ ތަނެއް އެޅިނަމަވެސް އެއްވެސް ސަބަބަކާއި ހުރެ ބިން ދޫކޮށްލަން ޖެހިއްޖެ ހާލަތެއްގައި އެފަދަ ތަންތަނަށް ބަދަލު ނުދެވޭނެ ކަމަށް ބުނެފައިވެއެވެ.

ދަނޑުބިން ދޫކުރާ ފަރާތްތަށް ދަނޑުވެރިކަން ކުރާކަމަށް ބެލެވޭނީ ފަލަމަޑީގެ ބާވަތްތަކާއި، ތަރުކާރީ އަށް ނިސްބަތްވާ ބާވަތްތައް އަދި މޭވާ އަށް ނިސްބަތްވާ ބާވަތްތަކުގެ އިތުރުން ފަތްޕިލާވެލީގެ ބާވަތްތައް ހައްދާކަމުގައި ވާނަމައެވެ. އަދި ދޫކުރާ ދަނޑުބިންތަކުގައި ލަކުޑިއަށް ނިސްބަތްވާ ބާވަތް ތަކުގެ ގަސްތައް ހެއްދުން މަނާވާނެކަމަށް ބުނެފައިވެއެވެ. އަދި ދިވެހި ރުކާއި ގިނަ ދުވަހުން މޭވާ އާއި ތަރުކާރީ ލިބޭ ބާވަތްތަކުގެ ގަސްތައް ހިމެނެއެވެ.

ހައްދާ ބާވަތްތަކުގެ ތަފްސީލާއި، ލިބޭ އާމުދަނީގެ ތަފްސީލް މީލާދީން ކޮންމެ ތިން މަހަކުން އެއް ފަހަރު ކައުންސިލަށް ލިޔުމުން ހުށަހަޅަމުން ގެންދަން ވާނެކަމަށް ބުނެފައިވާއިރު، ދަނޑުވެރިކަން ކުރުމަށް ދޫކޮށްފައިވާ ބިމުން ބޭރުގައި އެއްވެސް އެއްޗެއް އިންދާ ހެއްދުން އަދި އިމުން ބޭރުގައި ތަކެތި ބެހެއްޓުމާއި، އިމުން ބޭރުގައި ވަޅުކޮނުމުގެ އިތުރުން ހުސްބިންތަކުންނާއި އެނޫން ވެސް ތަންތަނުން ވެލި(ކަޅުފަސް)ނަގައި، އެ ވެލި ބޭނުން ކުރުމަކީ މަނާކަމެއް ގޮތުގައި ކަނޑައަޅާފައިވެއެވެ. 

އަދި މީގެ އިތުރުން ދަނޑުވަށައިގެންވާ މަގުތައް ސާފުނުކޮށް ބޭއްވުމާއި، ތިން މަސް ދުވަހަށް ވުރެ ގިނަ ދުވަސް ވަންދެއް ދަނޑުގޮވާން ނުކޮށް  ބޭއްވުވެސް މަނާކަމެއްގެ ގޮތުގައި ކަނޑައަޅާފައިވެއެވެ.

އެ އުސޫލާއި ހިލާފަށް އަމަލުކޮށްފިނަމަ ދަނޑުވެރިކަން ކުރުމަށް ބިން ހަވާލު ކުރި ފަރާތަށް ފުރަތަމަ ފަހަރަށް ނަސޭހަތް ތެރިވުމަށް ފަހު، ތަކުރާރުކޮށްފިނަމަ އެ ކުރި ކަމެއްގެ ކުޑަބޮޑު މިނަށް ބެލުމަށްފަހު ފުރަތަމަ ފަހަރަށް 500 ރުފިޔާ އާއި 1500 ރުފިޔާ އާއި ދެމެދުގެ ޖޫރިމަނާ އެއް ކުރާގޮތަށާއި އިތުރަށް ތަކުރާރުކޮށްފިނަމަ އިތުރު އެންގުމަކާއި ނުލައި ދަނޑުބިން ވަކި ކުރުމަށްފަހު ދަނޑުވެރިންގެ ދަފުތަރުން އެއް އަހަރު ދުވަހަށް ސަސްޕެންޑް ކުރެވޭނެކަމަށް ވެސް އުސޫލްގައި ބަޔާންކޮށްފައިވެއެވެ.

 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް