ads
ފޮޓޯ: މެޓް އޮފީސް
އިންޑިއާ ކަނޑުގައި އުފެދިފައިވާ ތޫފާންތަކުގެ އަސަރު ރާއްޖެއަށް ކުރާނެ: މެޓް އޮފީސް
އިންޑިއާ ކަނޑުގައި އުފެދިފައިވާ ކޮޅިގަނޑުތަކުގެ ބާރު ގަދަވެ، ތޫފާން އަކަށް ބަދަލުވެ، އޭގެ އަސަރު ރާއްޖެއަށް ބުރާސްފަތި ދުވަހު ކުރަން ފަށާނެކަމަށް މޫސުމާއި ބެހޭ ގައުމީ އިދާރާ (މެޓް) އިން ބުނެފި އެވެ.

މެޓް އޮފީހުން ބުނީ ސްރީލަންކާގެ ޓްރިންކޮމަލީގެ އިރުއިރުދެކުނުން ގާތްގަނޑަކަށް 500 ކިލޯމީޓަރު ދުރުގައި އުފެދިފައިވާ ކޮޅިގަނޑު އިތުރަށް ބާރުގަދަވެ، މާދަމާ ހަވީރުގެ ވަގުތެއްގައި ތޫފާނަކަށް ބަދަލުވާނެ ކަމަށް ލަފާކުރެވޭ ކުރެވޭ ކަމަށެވެ. 

އެތޫފާން ހުޅަނގަށް ދަތުރުކޮށް ޑިސެންބަރު ތިނެއް ވާ ބުރާސްފަތި ދުވަހު ސްރީލަންކާ ހުރަސްކޮށް، ދެކުނު އިންޑިއާގެ އައްސޭރިފަށާ ކައިރި ވާނެކަމަށް ލަފާކުރެވޭކަމަށާއި އެކޮޅިގަނޑު އުފެދި، އަންނަމުންދާ ބަދަލުތައް އެއޮފީހުން ދަނީ ބަލަމުން ކަމަށް ވެސް ބުނެފައިވެއެވެ.

އޭގެ އިތުރުން ރާއްޖޭގެ އިރުދެކުނުން، ދެކުނު އިންޑިއާ ކަނޑުގައި ވެސް ވަނީ ކޮޅިގަނޑެއް އުފެދިފައެވެ. އެހެންކަމުން ޑިސެންބަރު ހަތަރެއް ވާ ބުރާސްފަތި ދުވަހުން ފެށިގެން ހަފްތާބަންދު ތެރެއާއި އެކު ރާއްޖޭގެ ސަރަހައްދުގައި ވައިގަދަވެ ކަނޑުތައް ގަދަވެގެން ދާނެކަމަށް ބެލެވޭ ކަމަށް މެޓް އޮފީހުން ވަނީ ބުނެފައެެވެ. 

މެޓުން ބުނީ ނިޒާމްތަކާއި ގުޅިގެން ރާއްޖޭގެ މޫސުމަށް ފޯރާނެކަމަށް ބެލެވޭ އަސަރުތައް އެއޮފީހުން އަމަލުކުރަމުންދާ އުސޫލުގެ ތެރެއިން، ނެރޭ ސަމާލު އަދި އިންޒާރުގެ މެސެޖް މެދުވެރިކޮށް އާންމުކުރެވެމުން ދާނެ ކަމަށެވެ. 

ކުރިއަށް އޮތް 24 ގަނޑިއިރުގެ މޫސުން ލަފާކުރާގޮތުގައި އުތުރާއި މެދުރާާއްޖެތެރޭގެ އެކިހިސާބަށް ވިއްސާރަކޮށް، ގުގުރުން އެކަށީގެންވެއެވެ. އަދި ދެކުނު ބައެއް ރަށްތަކަށް ކެރީގެ އަސަރު ފޯރިނަމަވެސް މޫސުން އާންމު ގޮތެއްގައި ރަނގަޅުވާނެ ކަމަށް މެޓުން ބުނެއެވެ. 

މެޓުން ބުނީ ހުޅަނގާއި ހުޅަނގު އުތުރުން، ދެކުނުގެ އަތޮޅުތަކަށް ގަޑިއަކު ހަތް މޭލާއި 17 މޭލާ ދެމެދުގެ ބާރުމިނުގައި އަދި އުތުރާއި މެދުރާާއްޖެތެރޭގެ އަތޮޅުތަކަށް ގަޑިއަކު ފަސް މޭލާއި 15 މޭލާ ދެމެދުގެ ބާރު މިނުގައި  ވައި ޖެހޭނެ ކަމަށާއި ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 35 މޭލަށް ވައި ގަދަވުން އެކަށީގެން ވާ ކަމަށެވެ. 

އަދި ރާއްޖޭގެ ދެކުނުގެ ކަނޑުތައް އާދައިގެ ވަރަކަށް ގަދަވާނެކަމަށް ލަފާކޮށްފައިވާއިރު އެހެން ހިސާބުތަކުގެ ކަނޑުތައް އާދައިގެ ވަރަކަށް މަޑުވެފައި ވިލާގަނޑުގައި އާދައިގެ ވަރަކަށް ގަދަވާނެއެވެ. ރާއްޖޭގެ ކަނޑުތަކުގެ ރާޅުގެ އުސްމިން އުޅޭނީ ދެ ފޫޓާއި ހަތަރު ފޫޓުގެ އުސްމިނުގައި ކަމަށް ވެސް މެޓުން މައުލޫމާތު ދެއެވެ.

 

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް