ads
އެމްޕީއެލްގެ މައި ބަނދަރު
އެމްޕީއެލް ކޮރަޕްޝަން: ތުހުމަތު މެނޭޖްމެންޓާއި ހަމައަށް!
މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް)އިން ކޮވީޑް-19 ގެ ލޮކްޑައުންގެ ތެރޭގައި ހިންގާފައި ތެލުގެ ވައްކަމުގެ މައްސަލަ ބޮޑުވެފައި އޮތްއިރު އެކި ފަރާތްތަކުން މިވާހަކަދައްކަމުން އަންނަނީ ތަފާތު ގޮތަކަށެވެ.

އެމްޕީއެލްގެ ތެރެއިން ތެލުގެ ކޮރަޕްޝަނެއް ހިންގާފައިވާކަން ފަޅާއަރުވާލާފައިވަނީ އެ ކުންފުނީގެ ޗެއާމަންގެ ގޮތުގައި ނޮވެމްބަރު 30 ވަނަ ދުވަހުގެ ނިޔަލަށް ހުރި މުހައްމަދު ޒަކީ (ނަޒާކީ ޒަކީ) އެވެ. ޒަކީގެ އިސްތިއުފާ އާއި އެކު އެމްޕީއެލްގެ މެނޭޖިން ޑިރެކްޓަރު ޝާހިދު އަލީ އަންނަނީ ވަރަށް ފާޅުކަންބޮޑު ގޮތެއްގައި މިކަމުގެ ވާހަކަ ދައްކަވަމުންނެވެ. 

ޝާހިދަކީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުގައި އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރުގެ މަގާމު ފުރުއްވާފައިވާ ބޭފުޅެކެވެ. ރައީސް ނަޝީދު ވެރިކަމުން ވެއްޓި ރައީސް ވަހީދުގެ ވެރިކަމުގައިވެސް ޝާހިދު އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުގައި ހުންނެވި އެވެ.

ތެލުގެ ވައްކަން ހިނގި ގޮތް!

އެމްޕީއެލްގެ ތެރެއިން ހިނގާ ގޮސްފައިވާ 8 މިލިއަން ރުފިޔާގެ ތެލުގެ ވައްކަން ހިނގިގޮތް ދަންނަ ފަރާތަކުން ސީއެންއެމް އަށް ކިޔައިދިން ގޮތުގައި މިކަމުގެ ތުހުމަތު އެމްޕީއެލްގެ އާދައިގެ މުވައްޒަފުންތަކެއްގެ އިތުރުން މެނޭޖްމެންޓް ލެވެލްގެ ފަރާތްތަކަކަށްވެސް ކުރެވެ އެވެ.

އެމްޕީއެލްގައި އިންޖިނިއަރިން ޑިޕާޓްމެންޓުން އިންޖީނަށް އެޅުމަށް ބޭނުންވާ ތެޔޮ ހޯދުމަށް ނޯޓު ތައްޔާރުކުރާއިރު އެ ނޯޓު ތައްޔާރުކުރާ ފަރާތުންނާއި މެނޭޖަރުގެ އިތުރުން ޑިޕާޓްމެންޓްގެ އެޗްއޯޑީގެ ސޮއި އޮންނަންޖެހެ އެވެ. އެ ތިން ސޮއި ހަމަވުމުން މެނުވީ ނުވަތަ އިންޖިނިއަރިން ޑިޕާޓްމެންޓްގެ އެޗްއޯޑީގެ ސޮއި ނެތި ޕްރޮކިއުމެންޓުން އެ ނޯޓަކާއި ހަވާލުނުވެވޭނެ އެވެ. އަދި އެ އިންޖިނިއަރިން ޑިޕާޓްމެންޓްގެ ހެޑްގެ ސޮއި ނެތި ފައިނޭންސް ޑިޕާޓްމެންޓުން ވެސް އެ ނޯޓަކަށް ފައިސާ ދޫނުކުރެވޭނެ އެވެ.

ކޮވީޑް-19 ގައި ބޯޑަރުތައް ބަންދުކޮށްފައި އޮތުމުން މާގިނަ އަދަދަކަށް އެމްޕީއެލަކަށްވެސް ތެލެއް ބޭނުމެއް ނުވެ އެވެ. އަދި ތެޔޮ އަޅާކަމަށް އެމްޕީއެލްގެ ލިޔެކިޔުންތަކުން ފެންނަން ހުރި ޖަނަރޭޓަރަކީ ލޮކްޑައުންގެ ތެރޭގައި ބޭނުންވެސް ނުކޮށް ހުރި ޖަނަރޭޓަރެކެވެ.

ތެލުން ވައްކަމެއް ކޮށްފައިވާކަން ފަޅާއެރީ އެމްޕީއެލްގެ ފައިނޭންސް ޑިޕާޓްމެންޓުން ބޭނުންކޮށްފައިވާ ތެލުގެ ރިޕޯޓް އޮގަސްޓް ފަހުކޮޅު ފޮނުވުމުންނެވެ. އެ ރިޕޯޓް ބެލުމަށްފަހު އެމްޕީއެލްގެ ތެރޭގައި ކޮވިޑް-19 ގެ ލޮކްޑައުންގެ ތެރޭގައި ގޯހެއް ހިނގާފައިވާކަން ފުރަތަމަ ފަޅާ އަރުވާލީ އިންޖިނިއަރިން ޑިޕާޓްމެންޓްގެ އެޗްއޯޑީ އެވެ.

ގޯހެއް ހިނގާފައިވާކަން އިނގުނީ ލޮކްޑައުންގެ މުއްދަތުގައި ތެޔޮ ނެގުމަށް ނޯޓްގައި އޭނާ ސޮއި ނުކުރާ މިންވަރަށް ސޮއިކުރިކަމަށާއި އަދި އެ ނޯޓްތައް ޕްރޮކިއުމެންޓަށް ފޮނުވާ އެޕްރޫވްކޮށް ފައިނޭންސް ޑިޕާޓްމެންޓުންވެސް ފައިސާ ދޫކޮށްފައި ހުރިކަން ރިޕޯޓުން އެނގުމުންނެވެ. އެ ރިޕޯޓް ރިވިއު ކޮށްދިނުމަށް އިނޖިނިއަރިން ޑިޕާޓްމެންޓްގެ ހެޑް އެދުމުން ނޯޓްތައް ފޮނުވި އިރު, އޭގެ ތެރެއިން ގިނަ ނޯޓްތަކުގައި އޭނާގެ ސޮއި ނެތްކަން އިންޖިނިއަރިން ޑިޕާޓްމެންޓްގެ ހެޑަށް އެނގުނެވެ. އެޗްއޯޑީގެ ސޮއި ނެތް ނޯޓްތަކުގައި ހުރީ މެނޭޖަރުގެ ސޮއެވެ.

އެހިސާބުން އެކަން އިތުރަށް ބަލައިދިނުމަށް އިންޖިނިއަރިން ޑިޕާޓްމެންޓްގެ ހެޑް އެމްޕީއެލްގެ ލީގަލް ޑިޕާޓްމެންޓްގައި އެދުމުން އެތެރޭގެ އޮޑިޓެއް ހެދުމަށް އިންޓާނަލް އޮޑިޓާއި ހަވާލުކުރި އެވެ.

މި އަށް މިލިއަން ރުފިޔާގެ ވައްކަމުގައި މެނޭޖްމެންޓް ލެވެލްގެ ހިއްސާއެއް ވާކަމަށް ތުހުމަތުކުރާ ފަރާތްތަކުން ކުރަނީ އިންޖިނިއަރިން ޑީޕާޓްމެންޓްގެ ހެޑްގެ ސޮއި ނެތި ޕްރޮކިއުމެންޓް ޑިޕާޓްމެންޓުން އެޕްރޫވްކޮށް ފައިނޭންސް ޑިޕާޓްމެންޓުން ފައިސާ ދޫކޮށްފައިވާތީ އެވެ. އަށް މިލިއަން ރުފިޔާގެ ފައިސާއަށްވާ ނޯޓްތަކުގައި އިންޖިނިއަރިން ޑިޕާޓްމެންޓްގެ ހެޑްގެ ސޮއި ނެތް ކަމުގައި ވާނަމަ އެކަމެއްގެ ވާނުވާއެއް ފައިނޭންސް ޑިޕާޓްމެންޓުންވެސް ފައިސާ ދޫކުރުމުގެ ކުރިން ސާފު ކުރަން ޖެހޭނެ ކަމަށް މައުލޫމާތު ދިންފަރާތުން ހާމަކޮށްފައިވެ އެވެ.

ޕްރޮކިއުމަންޓް ޑިޕާޓްމެންޓްގެ ހެޑާއި ފައިނޭންސް ޑިޕާޓްމެންޓްގެ ހެޑުން އެކަމުގައި އިހުމާލުވުމުން ކުންފުންޏަށް އަށް މިލިއަން ރުފިޔާގެ ގެއްލުންވީ އެވެ. އެމްޕީއެލްގެ ޗެއާމަން ޒަކީ ނޮވެމްބަރު 25 ގައި ކުރެއްވި ޓްވީޓްގައި އެ ވައްކަމުގައި ހިމެނޭ ފަރާތްތައް ސަސްޕެންޑް ކުރުމަށް ބޯޑް މެމްބަރުންގެ މެދުގައި ވޯޓެއް ނެގުނު ކަމަށް ފާހަގަކޮށްފައިވަނީ އެ ދެ ޑިޕާޓްމެންޓްގެ ހެޑުން ސަސްޕެންޑް ކުރުމާއި ގުޅޭގޮތުންނެވެ.

އެހެން ނަމަވެސް އެ ނެގުނު ވޯޓަކީ ރަސްމީކޮށް އެޖެންޑާ ކޮށްގެން ކުރިއަށްގެންދެވުނު ބައްދަލުވުމެއްގައި ނެގުނު ވޯޓަކަށް ނުވާތީ މިކަމަކީ ރަސްމީގޮތުން ފެންނަން ނެތްކަމެއް ކަމަށް ސީއެންއެމްއަށް މައުލޫމާތު ދިން ފަރާތުން ހާމަކޮށްފައިވެ އެވެ. އަދި އެ ވޯޓުން ޕްރޮކިއުމަންޓް އަދި ފައިނޭންސް ހެޑް ސަސްޕެންޑް ކުރުމަށް ފާހެއް ނުވި އެވެ.

ކަމުގެ ހަގީގަތް އިނގޭ ފަރާތަކުން ސީއެންއެމްއަށް މައުލޫމާތު ދީފައިވާ ގޮތުގައި, އެ މައްސަލަ ތަހުގީގު ކުރުމަށް އޭސީސީއަށް ހުށަހަޅާފައިވާކަމަށް ބުނެ އެމްޕީއެލުން ސޯޝަލް މީޑިއާގައި ހަބަރު ފެތުރި އިރު މައްސަލަ އޭސީސީއަށް ވައްދާފައެއް ނުވެ އެވެ. އަދި އެ މައްސަލަ އޭސީސިއަށް ވައްދާ ފުލުހުންނަށް ތަހުގީގު ކުރުމަށް ހުށަހަޅާފައިވަނީ އޭގެ ފަހުންކަމަށް މައުލޫމާތު ދީފައިވެ އެވެ.

މައްސަލަ ބަލަން އުފެއްދި ކޮމިޓީއާއި މެދު ސުވާލުތަކެއް!

ތެލުން ވައްކަން ކުރި މައްސަލަ ބެލުމަށް އެމްޕީއެލްގެ ތެރޭގައި ވެސް ވަނީ ހަތަރު މެމްބަރުންގެ ކޮމިޓީއެއް ނަގާފަ އެވެ. އެ ކޮމިޓީގެ ޗެއާގެ ގޮތުގައި ހުންނަނީ އެމްޕީއެލްގެ ޗީފް ރިސްކް (ސީއާރް) އޮފިސަރެވެ. ތަހުގީގު ކޮމިޓީގެ މެމްބަރުންގެ ގޮތުގައި ތިބީ އެމްޕީއެލްގެ އިންޓާނަލް އޮޑިޓުން ބޭފުޅަކާއި ލީގަލް ޑިޕާޓްމެންޓުން ބޭފުޅަކާއި, ފައިނޭންސް ޑިޕާޓްމެންޓްގެ ބޭފުޅެކެވެ.

ސީއެންއެމްއަށް މައުލޫމާތު ދިން ފަރާތުން ބުނި ގޮތުގައި މި ތަހުގީގު ކޮމިޓީގެ ބައްދަލުވުމެއް ނުބާއްވާ ވަނީ ބައްދަލުވުމެއް ބާއްވާ އެ މައްސަލަ ތަހުގީގު ކުރުމަށް ނިންމާފައިވާ ކަމަށް ބުނާ އިންޓާނަލް މެމޯ އެއް ނެރުމަށް މަސައްކަތްކޮށްފަ އެވެ. އެހެން ނަމަވެސް އެކަން ނާކާމިޔާބުވީ ކޮމިޓީގެ ބައްދަލުވުމެއް ނުބާއްވާ އެފަދަ މެމޯއެއް ނެރުމަށް މެމްބަރަކު ދެކޮޅު ހެދުމުންކަމަށް މައުލޫމާތުދީފައިވެ އެވެ.

ތަހުގީގު ކޮމިޓިއާއި މެދު އިތުރު ސުވާލުތައް އުފެދޭ އަނެއް ސަބެބެއްގެ ގޮތުގައި ފާހަގަކޮށްފައިވަނީ މި ތަހުގީގު ކޮމިޓީގެ ޗެއާއަކަށް އެމްޕީއެލްގެ ޗީފް ރިސްކް އޮފިސަރު އައްޔަނުކުރި ހިސާބުންނެވެ. ސީއެންއެމްއަށް މައުލުމާތުދިން ފަރާތުން ހާމަކުރި ގޮތުގައި ލޮކްޑައުންގެ ތެރޭގައި އެމްޕީއެލްއާއި ހަވާލުވެ އެތަނުގައި މުވައްޒަފުންނާއި އެކު ހުރި ފަރާތަކީ ޗީފް ރިސްކް އޮފިސަރެވެ. އެހެންކަމުން އެތަނުގެ ތެރޭގައި އެ ލޮކްޑައުންގައި ހިނގި ކަމެއްވެސް ހިނގާފައި ހުންނާނީ ތަނާއި ހަވާލުވެ ހުރި ފަރާތަށް އިނގިގެން ކަމަށް ތުހުމަތުކުރުމުގެ ފުރުސަތު އެބައޮތެވެ. މިހެންވުމުން އެމީހަކު ހަވާލުވެ ހުރި ވަގުތެއްގައި މިވަރުގެ ކަމެއް ހިނގުމުން އެކަމެއް ބަލަންވެސް ހަމަ އެމީހާ ބެހެއްޓުމަކީ ބުއްދިހަމަޖެހޭ އުސޫލެއްވެސް ނޫންކަން ސީއެންއެމްއަށް މައުލުމާތުދިން ފަރާތުން ބުނެފައިވެ އެވެ.

އަދި ސީއެންއެމްއަށް މައުލޫމާތު ދިން ފަރާތުން ބުނި ގޮތުގައި ސީއާރް އޮފިސަރު ލޮކްޑައުންގައި ހަވާލުވެ ހުރި އިރު މުވައްޒަފުންނަށް ކާންދިނުމަށާއި ނިދުމުގެ ކަންކަމަށް ހަރަދުކުރި ގޮތުގެ އެއްވެސް ތަފްސީލެއް (ބިލެއް) ފެންނާކަށްވެސް ނެތެވެ.

މައްސަލަ ފަޅާ އަރުވާލި އެޗްއޯޑީ މަސައްކަތްކުރާތަން ބަދަލުކުރުން!

ސީއެންއެމްއަށް މައުލޫމާތު ދިން ފަރާތުން ބުނެފައިވާގޮތުގައި މި ތެލުގެ ވައްކަމުގެ މައްސަލަ އެންމެ ފުރަތަމަ ފަޅާއަރުވާލި އިންޖިނިއަރިން ޑިޕާޓްމެންޓްގެ ހެޑް މިހާރު ހުރީ ހުޅުމާލެ އޮފީހަށް ބަދަލުކޮށްފަ އެވެ. އަދި އެކަން އެގޮތަށް ކުރި ކުރުމަކި އޭނާއަށް ދިން އަދަބެއްގެ ގޮތުގައި ފާހަގަކުރި އެވެ.

ތުހުމަތުތަކަށް އެމްޕީއެލްގެ ބަސް

މި މައްސަލަތަކާއި ގުޅިގެން އެމްޕީއެލްގެ ފަރާތުން ސީއެންއެމްއަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ ތެޔޮ އެޅުމަށް ސޮއި ކުރަންޖެހޭ ނޯޓްތަކުގައި އިންޖިނިއަރިން ޑިޕާޓްމެންޓްގެ ހެޑް ސޮއި ކޮށްފައި ނެތްކަމަށް ބުނާ ވާހަކަތަކަށް އެއްޗެއް ބުނެވޭނީ އެ މައްސަލަ ހިނގާގޮސްފައިވާގޮތް އެމްޕީއެލްގެ ތެރެއިން ރަނގަޅަށް ބެލުމަށްފަހު ކަމަށެވެ. 

އޭގެ އިތުރުން އެމްޕީއެލްގެ އިންޖިނިއަރިން ޑިޕާޓްމެންޓްގެ ހެޑް މަސައްކަތްކުރާ ތަން ހުޅުމާލެއަށް ބަދަލުކުރި މައްސަލައިގައި އެމްޕީއެލުން ބުނެފައިވަނީ އެކަމަކީ އެ މައްސަލަ ފެންމަތި ވުމުގެ ކުރިންވެސް ކުންފުނީގެ އެތެރެއަށް ގެނައުމަށް ނިންމާފައިވާ ބަދަލެއްކަމަށެވެ. އަދި އޭނާ ހުޅުމާލެއަށް ބަދަލުކޮށްފައިވަނީ މި މައްސަލައިގައި ބޯޑް ބައްދަލުވުން ބޭއްވުމުގެ ކުރިންކަމަށް ވެސް ބުނެފަވެ އެވެ. 

މި މައްސަލަ އޭސީސީއަށް ހުށަހެޅި ކަމަށް ބުނެ އެމްޕީއެލުން މީޑިއާއަށް ހާމަކުރި އިރު މައްސަލަ އޭސީސިއަށް ހުށަހަޅާފައި ނުވާކަމަށް ބުނާ ވާހަކައިގައި އެމްޕީއެލުން ބުނެފައިވަނީ އެ މައްސަލަ ހިނގާފައިވާ ކަން ފާހަގަކޮށް ޓްވީޓް ކޮށްފައިވާނީ އެ މައްސަލަ އޭސީސިއަށް ހުށަހެޅުމަށް ޖެމްސްއަށް ލާފައިވާކަން ކަށަވަރު ކުރުމަށްފަހު ކަމަށެވެ.  

މީގެ އިތުރުން ލޮކްޑައުންގައި ތަނާއި ހަވާލުވެގެން ހުރި ފަރާތުން ތަނުގައި ތިބި މުވައްޒަފުންނަށް ކޮށްފައިވާ ހަރަދުތަކުގެ ބިލްތައް ފެންނަން ނެތްކަމަށް ބުނާ ވާހަކައާއި ގުޅިގެން އެމްޕީއެލުން ބުނެފައިވަނީ އެއީ ރަނގަޅު ވާހަކައެއް ނޫންކަމަށާއި ހަރަދުތަކުގެ ބިލްތައް ހުރި ކަމަށެވެ. 

އެމްޕީއެލްގެ ތެރެއިން މިހިންގި ބޮޑު ކޮރަޕްޝަންގެ އަމަލު އެތަކުގެ އޭރުގެ ޗެއާމަން ފަޅާއަރުވާލި އިރު ހޯމަ ދުވަހު އެ ބޭފުޅާ ވަނީ މަގާމުން އިސްތިއުފާ ދެއްވާފަ އެވެ. 8 މިލިއަން ރުފިޔާގެ ހިޔާނާތުގެ މައްސަލަ ހިނގި އިރު މެނޭޖްމެންޓްގައި އެޗްއޯޑީންގެ ގޮތުގައި ތިބި މިކަމުގައި ޒިންމާ ނަގަންޖެހޭ ފަރާތްތައް ޒިންމާ ކުރުވުމަށް ކުރި މަސައްކަތް "ފެނަށް" ދިޔައީ ބޯޑުގެ ތާއީދު ނުލިބުމުންކަން ޒަކީ ކޮށްފައިވާ ޓްވީޓުންވެސް އިނގެއެވެ. ސުވާލަކީ މިކަމުގައި ބޯޑުގައި ހިމެނޭ އެއްވެސް ފަރާތަކާއި ގުޅެނީ ކިހާމިންވަރަކަށް ތޯ އެވެ. މިކަމުގެ ޖަވާބު ކަމާގުޅުން ހުރި އިދާރާތުން ތަހުގީގުކޮށް ހޯދައިދީ މި ފައިސާ އަނބުރާ ހޯދަންޖެހެ އެވެ.

67%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
33%
ވަރަށް ސަލާމް
ކޮމެންޓްސް