ads
މަވޯޓާ ޝަރީފު އަދި މަރްހޫމް ޙުސެއިން މުޙައްމަދު
ޝަރީފުގެ އިސްލާހަކީ ޤާނޫނު އަސާސީގެ ލޭކޮށާލުން: މަރްހޫމް ޙުސެއިން މުހައްމަދު
ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު ހަތަކުން ފަހަކަށް މަދުކުރުމަށް މަރަދޫ ދާއިރާގެ މެންބަރު އިބްރާހިމް ޝަރީފު ހުށަހެޅުއްވި އިސްލާހަކީ، ޤާނޫނު އަސާސީގެ ލޭކޮށާލުމަށް ގެނެވިފައިވާ އިޞްލާޙެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ މަތިވެރި ދާއިރާގެ ކުރީގެ މެންބަރު މަރްޙޫމް ޙުސެއިން މުޙައްމަދު ވިދާޅުވެފައިވާ ކަމަށް މަޖިލީހުގެ ރިކޯޑްތަކުން ދައްކައިފިއެވެ.

ސުޕްރީމް ކޯޓްގެ ފަނޑިޔާރުންގެ އަދަދު ހަތަކުން ފަހަކަށް ބަދަލުކުރުމަށް 2014 ވަނަ އަހަރުގެ ފަހުކޮޅު، މަރަދޫ ދާއިރާގެ މެންބަރު އިބްރާހިމް ޝަރީފް- މަވޯޓާ ޝަރީފު ހުށަހެޅުއްވި އިސްލާހުގެ މައްސަލަ މީޑިއާގެ ސަމާލުކަމަށް އޭނގެ ހައެއްކަ އަހަރު ފަހުން މިއައީ، އެ އިސްލާހު މަވޯޓާ ހުށަހެޅުއްވީ ކުރީގެ ނާއިބު ރައީސް އަހްމަދު އަދީބު އަތްޕުޅުން ރިޝްވަތު ނަންގަވައިގެން ކަމަށް ދޭހަވާ، އަދީބުގެ ސިއްރު ބަޔާނެއް މީޑިއާގައި ލީކުވުމާއި ގުޅިގެންނެވެ. މި ބަޔާނުގައި އަދީބު ވިދާޅުވެފައިވަނީ ސުޕްރީމް ކޯޓަށް ގެންނަންޖެހޭ ބަދަލުތައް ގެނައުމަށް މަޖިލިހަށް ބިލެއް ހުށަހަޅަން މަރަދޫ ދާއިރާ މެންބަރު އިބްރާހީމް ޝަރީފަށް 20 މިލިއަން ރުފިޔާ ދީފައިވާނެ ކަމަށެވެ.

މި ބަޔާނާ ގުޅިގެން، ސީއެންއެމްގެ ޓީމުން މި މައްސަލައިގައި ކަން ހިނގާފައިވާ ގޮތް ރައްޔިތުންގެ މަޖިލީހުގެ ޔައުމިއްޔާތަކުން ދިރާސާ ކުރީމެވެ. މި އިސްލާހު މަޖިލީހަށް ހުށަހެޅި، މަޖިލީހުން ފާސްވެ، އަދި ރައީސް ޔާމީން އެ ބިލް ތަސްދީޤު ކުރެއްވައި ޤާނޫނަށްވުމުން ރައްޔިތުންގެ މަޖިލީހުންވަނީ އޭރުގެ އުއްތަމަ ފަނޑިޔާރު އަލްއުސްތާޛު އަހްމަދު ފާއިޒު ޙުސެއިން އަދި މިހާރުގެ އުއްތަމަ ފަނޑިޔާރު އަލްއުސްތާޛު އަޙްމަދު މުޢުސަތިމް އަދުނާން، ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމުގެ ޝަރުތު ހަމަނުވާ ކަމަށް ނިންމައި ފަނޑިޔާރުކަމުގެ މަގާމުން ވަކިކޮށްފައެވެ.

އޭރު މަޖިލީހުގައި ތިއްބެވި ބައެއް ބޭފުޅުން މިއަދުވެސް މަޖިލީހުގައި އެބަތިއްބެވިއެވެ. އަދި އޭނގެ ތެރެއިން ބައެއް ބޭފުޅުން ސަރުކާރުގެ އެކިއެކި އިސް މަގާމުތަކައި އެބަތިއްބެވިއެވެ. މަޖިލީހަށް އެ ބިލު ހުށަހެޅުނު އިރު މަޖިލީހުގައި ތިއްބެވި މެންބަރުގެ ތެރެއިން މިހާރު ދުނިޔޭގައި ނެތީ، ދާދި ފަހުން ނިޔާވި މަތިވެރި ދާއިރާގެ ކުރީގެ މެންބަރު ޙުސެއިން މުޙައްމަދު އެކަންޏެވެ.

މަރުޙޫމް ޙުސެއިން މުޙައްމަދަކީ އެ ދުވަހު ފާޅުގައި އެ އިސްލާހާ ދެކޮޅަށް ވަކާލާތު ކުރެއްވި ބޭފުޅެކެވެ. މަރުޙޫމް ޙުސެއިން މުހައްމަދު މަޖިލީހުގައި ވޯޓް ދެއްވާފައިވަނީވެސް އެ އިސްލާޙާ ދެކޮޅަށެވެ. އަދި އެ އިސްލާޙު ތަސްދީގު ކުރެއްވުމުން، އުއްތަމަ ފަނޑިޔާރު އަހްމަދު ފާއިޒު ޙުސެއިން އަދި ސުޕްރީމް ކޯޓުގެ ފަނޑިޔާރު މުއުސަތިމް އަދުނާން ފަނޑިޔާރުކަމުގެ މަގާމުން ވަކިކުރެއްވުމާ ދެކޮޅަށް މަރުހޫމް ހުސެއިން މުހައްމަދު ވޯޓް ދެއްވިއެވެ. އެ އިސްލާހާ ގުޅޭ ގޮތުން މަރުހޫމް ހުސެއިން މުހައްމަދު ވިދާޅުވި ކަމަށް މަޖިލީހުގެ ޔައުމިއްޔާގައި އޮތީ، އެ އިސްލާހަކީ ޤާނޫނު އަސާސީގެ ލޭ ކޮށާލުމަށް ހުށަހެޅި އިސްލާހެއް ކަމަށެވެ.

އަޅުގަނނޑަކަށް ނޭނގޭ ސަރުކާރަކުން ކަމެއް، ކޮންމެ ތަނަކުން ކަމަށް ވިޔަސް މީ ޤާނޫނުއަސާސީގެ ލޭކޮށާލުމަށް ގެނެވިފައިވާ އިޞްލާޙެއް އިނގޭތޯ. ޤާނޫނުއަސާސީ އެއްގޮތަށް ބާއްވާފައި ވަށައިގެން އެކިއެކި ގޮތަށް އެނބުރެމުން، ކުދިކުދި ބާކޮޅު މިހެން ހަދައިގެން އޭގެ ރޫހާއި މަޤްޞަދު ދުއްވާލުމަށް ކޮށްފައިވާ ކަމެއް. ޤާނޫނު އަސާސީގެ ރޫޙް ކަނޑުވާލުމަށް، ޤާނޫނުއަސާސީގެ ބޮނޑިބޮނޑިކުރުމަށް މި ބޭފުޅުން މަސައްކަތްކުރައްވަނީ މި. އަޅުގަނޑު ހައިރާންވާ ކަމެއް. ޤާނޫނުގެ ތެރެއިން ކަންކަން ކުރެވެން ހުންނާނެ އިނގޭތޯ. ޤާނޫނީ ގޮތުން ކަންކަން ކުރެވެން ހުންނާނެ. އެހެންވީމާ، އަޅުގަނޑު މިއަކަށް ތާއީދެއް ނުކުރާނަން. ޖުމްހޫރީ ޕާޓީ ވެސް މިއަކަށް ތާއީދެއް ނުކުރާނެ. އަޅުގަނޑު މި ވޯޓުގައި ބައިވެރި ވެސް ނުވާނަން. މީ ޣައިރު ޤާނޫނީ ގޮތުން ކުރަން އުޅޭ، ޣައިރު ޤާނޫނީ ކަމެއް.

އަދީބުގެ ސިއްރު ބަޔާނެއް ލީކުވުމާ ގުޅިގެން މަވޯޓާ ޝަރީފް ވިދާޅުވެފައިވަނީ އެ އިސްލާހު ހުށަހެޅީ އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެގެން ކަމަށެވެ. މަވޯޓާ މިހެން ވިދާޅުވި ނަމަވެސް، މަޖިލީހުގެ ޔައުމިއްޔާއިން އެނގޭ ގޮތުގައި އެމްޑީޕީގެ ގައުމީ ހިންގާ ކޮމިޓީންވަނީ އެ ބިލާ ދެކޮޅު ކަމަށް ނިންމާފައެވެ. އޭރު އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕުގެ ރައީސް އަދި މިހާރުގެ ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުވަނީ އެ އިސްލާހުގެ ސަބުބުން ޝަރުޢީ ދާއިރާ އިސްލާހުވާނެ ކަމަށް ފެނިވަޑައިނުގަންނަވާ ކަމަށް ވިދާޅުވެފައެވެ.

އެމްޑީޕީން މި އިސްލާހާ ގުޅޭ ގޮތުން ޚާއްސަކޮށް ސުޕްރީމް ކޯޓުގެ ބެންޗު ކުޑަކުރުމަށް ހުށަހެޅިފައި މިއޮތް އިސްލާހަށް ތާއީދު ނުކުރުމަށް އެމްޑީޕީގެ ގައުމީ ހިންގާ ކޮމިޓީންވަނީ ނިންމާފަ. އެހެންވީމާ މި އިސްލާހާ މެދު އެމްޑީޕީގެ ސްޓޭންޑަކީ އެއީ. މި އިސްލާހުގެ ސަބަބުން، ސުޕްރީމް ކޯޓުގެ ބެންޗު ކުޑަކުރުމަކުން ޝަރުޢީ ދާއިރާ އިސްލާހީ ބަދަލެއް އަންނާނެ ކަމަކަށް އަޅުގަނޑުމެންނަކަށް މި ވަގުތަކު ނުފެނުނު. އެހެންނަމަވެސް ޝަރުއީ ނިޒާމް އިސްލާހު ކުރުމަކީ އެމްޑީޕީން އަބަދުވެސް އެކަމުގައި ދެމި ތިބޭނެ ކަމެއް. ސިންސާފުގެ ދަތުގައި އެމްޑީޕީން ކުރިއަށްދާނެ. އަބަދުވެސް އަޅުގަނޑުމެންގެ މަސައްކަތް އަމާޒުކޮށްފައި އޮންނާނީ ޝަރުއީ ނިޒާމް އިސްލާހު ކުރުމަށް.

ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު ހަތަކުން ފަހަކަށް ރައީސް ޔާމީންގެ ވެރިކަމުގައި ބަދަލުކުރީ މަވޯޓާ ޝަރީފު ހުށަހެޅުއްވި އިސްލާހަކުންނެވެ. އެ އިސްލާހަކީ  ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު، މެމްބަރު ޝަރީފް ލައްވައި ހުށަހެޅުއްވި އިސްލާހެއް ކަމާއި އެކަމަށް ރިޝްވަތު ދީފައިވާނެ ކަމަށް ލީކުވެފައިވާ އަދީބުގެ ބަޔާނުގައި އޮތެވެ.

ޝަރީފުގެ އެ އިސްލާހު ފާސްކޮށް، ސުޕްރީމް ކޯޓުގެ ބެންޗު ކުޑަކުރުމާ ދެކޮޅު ދެކޮޅު ހެއްދެވި ބޭފުޅުންގެ ތެރޭގައި މިހާރުގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އަދި މިހާރުގެ ނާއިބު ރައީސް އަދި އޭރު ކާށިދޫ ދާއިރާގެ މެންބަރު ފައިސަލް ނަސީމްގެ އޭރު މަޖިލީހުގައި، މިހާރު ކެބިނެޓްގައި ތިއްބަވާ ފޮރިން މިނިސްޓަރު ޢަބްދުﷲ ޝާހިދު، ޑިފެންސް މިނިސްޓަރ މާރިޔާ ދީދީ އަދި އިކޮނޮމިކް މިނިސްޓަރ ފައްޔާޒު ހިމެނިވަޑައިގަންނަވައެވެ. މަޖިލީހުގެ މިހާރުގެ ނާއިބު ރައީސް އީވާ، މެޖޯރިޓީ ލީޑަރު އަލީ އާޒިމްވެސް އޭރުވެސް އެ އިސްލާޙާ ދެކޮޅު ހެއްދެވިއެވެ. 

އަދީބު ރިޝްވަތު ދެއްވައިގެން ކަމަށް ތުހުމަތު ކުރެވޭ ސުޕްރީމް ކޯޓުގެ ބެންޗު ކުޑަކުރަން އަދި އޭރުގެ އުއްތަމަ ފަނޑިޔާރު ފާއިޒާ ސުޕްރީމް ކޯޓުގެ ފަނޑިޔާރު މުއުތަސިމް އަދުނާނު ވަކިކުރަން ހުށަހެޅި އިސްލާހަށް ސަޕޯޓްކޮށް އެ ކަމަށް ވޯޓް ދެއްވި އޭރުގެ މަޖިލީހުގެ މެންބަރުންގެ ތެރެއިން މިހާރު ކެބިނެޓުގައި އިންނެވި ހަމަ އެކަނި ވަޒީރަކީ ކުޅިވަރު ވަޒީރު އަހްމަދު މަހުލޫފެވެ.

75%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
25%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް