ads
ފާތުން، އޭނާގެ އިންސްޓްރަކްޓަރު ޒޫނާއާއެކު--
ޑައިވްކުރާ ލޯފަން ދިވެއްސެއް!
ހާއްސަ އެހީއަށް ބޭނުންވިޔަސް ހިތްވަރެއް ހުރެއްޖެނަމަ، ނުވާނެ ކަމެއް ނޯންނާނެ އެވެ. ވާސިލުވާނެ ވަރުގަދަ ލަނޑުދަނޑިއެއް އޮތްނަމަ ފުރިހަމަ ސިއްހަތެއްގައި ހުއްޓަސް، ކާމިޔާބު ނުކުރެވޭ އެތައް ކަމެއް ހާއްސަ އެހީއަށް ބޭނުންވާ އެތައް ކުދިނެއް ވެސް އަންނަނީ ހާސިލުކުރަމުންނެވެ. މިފަހަރު މިއީ ލޯފަން ދިވެއްސެއްގެ ވާހަކަ އެވެ. ރެހެންދީ އެވޯޑު ވެސް މިފަހަރު ހޯދާފައިވާ ފާތިމަތު އިބްރާހީމްގެ ނަން ތާރީހުގައި ލިޔެވިފައި މިވަނީ އޯޕަން ފްރީ ޑައިވްގެ ލައިސަންސް، ނެގުމާއެކު އެވެ.

މި ހިސާބުން މި ހިއްސާކޮށްލަނީ ފާތުންގެ ވާހަކަ އެވެ. ފާތުންގެ އިންސްޓްރަކްޓަރު އަދި 'މޫދު ބުޅާ ޑައިވް ސެންޓާ" ގެ ފައުންޑާ ޒޫނާ ނަސީމް ސީއެންއެމްއަށް ކިޔައިދިން ގޮތުގައި ފާތުންއާ ދިމާވީ ދުވުމެއްގެ ތެރެއިންނެވެ. އާދައިގެ މަތިން އެގޮތަށް ދިމާވާ ކުދިންނަށް ޑައިވްކޮށްލުމަށް އައުމަށް ފުރުސަތުދޭކަން ފާހަގަކުރަމުން ޒޫނާ ބުނީ އެގޮތަށް ފުރުސަތު ދިނަސް އާންމުކޮށް އަންނާނެ ކަމަށް ބުނެ ވެސް ބައެއް މީހުން ނާންނަ ކަމަށެވެ. 

އެހެންނަމަވެސް ފާތުން ވަނީ ފަހުން އޭނާއަށް ގުޅާއި، އެ ތަޖުރިބާކޮށްލަން ޝައުގުވެރިކަން ފާޅުކޮށްފައި ކަމަށް ޒޫނާ ބުނެ އެވެ. 

ޒޫނާ ބުނީ މިއަހަރުގެ ކުރީކޮޅު ޑައިވްކޮށްލަން ބޭނުންވެ، ފާތުން އައި ކަމަށާއި އެއީ ކުޑަކޮށް ޗެލެންޖިން ކަމަކަށްވި ކަމަށެވެ. އެގޮތުން ދުވަހަކު ވެސް ލޯފަން ކުއްޖަކަށް އެފަދަ ކަމެއް ކިޔައިދީފައި ނުވާތީ މިއީ ވަރަށް އުނދަގޫ މަަސައްކަތަކަށްވާނެ ކަމަށް ޒޫނާއަށް ވެސް ހީކުރެވުނެވެ. އެކަމަކު ހީކުރި ގޮތާއި ހިލާފަށް ނޯމަލް މީހަކަށް ކިޔައިދިނުމެކޭ ފާތުންއަށް ކިޔައިދިނުމެކޭ މާބޮޑު ތަފާތެއް ނުފެނު އެވެ. 

"އޭނާއަކީ ވަރަށް އިންޓެލިޖެކްޓް ކުއްޖެއް. އަނެއްހެން ބުނާ އެއްޗެހި ވަރަށް ފަސޭހައިން އެނގޭ. އަނެއްހެން ބުނާނަމަ ލޯ އަނދިރި މީހަކަށް ވުރެ އޭނާގެ ތިއަރީ މާ ރަނގަޅު،" ޒޫނާ ބުންޏެވެ. 

އެގޮތަށް ފާތުން ގޮވައިގެން ދިޔަ ފުރަތަމަ ޑައިވްގެ ތަޖުރިބާ ވަރަށް ސަޅި އެވެ. އެ ޑައިވްވެގެން ދިޔައީ ފާތުން ވެސް މޫދު އަޑިއަށް ހިތްޖެހުނު ސަބަބަކަށެވެ. ޒޫނާ ބުނީ މޫދު އަޑި ނުފެނުނަސް، މޫދު އަޑީގައި އެ ކުރެވުނު އިހުސާސްތަކުން ވަރަށް ބޮޑަށް ކަމުދިޔަ ކަމަށް ފާތުން ބުނާ ކަމަށެވެ. 

ޒޫނާ ބުނީ އެ ތަޖުރިބާއަށް ފަހު، ފާތުން ބޭނުންވީ ކޯސް ހަދަން ކަމަށެވެ. އެގޮތުން އިންސްޓްރަކްޓަރެއްގެ ހައިސިއްޔަތުން އެކަމަކީ ވަރަށް ސަޅި ކަމެއްގެ ގޮތުގައި ދެކިގެން އެކަން ފެށީ ކޮވިޑްގެ ކަންތައް ފެށުމުގެ ކުރިންނެވެ. އެގޮތުން ފޮތެއް ދިނުމަށް ފަހު އެ ކިޔުމަށް ބުނިއިރު މާ ދުވަސްތަކެއް ނުވެ ކޮވިޑާއެކު ބައްދަލުކުރީ ލޮކްޑައުން އެވެ. އެއާއެކު އަށް މަހެއްހާ ދުވަހަށް ޒޫނާ، ދިޔައީ ރަށަށް ދިޔައިރު އެ މުއްދަތުގައި ވެސް އޭނާ އަންނަނީ ކޮން އިރަކުތޯ ބަލަން ފާތުން ގުޅައި ހަދަ އެވެ. އަދި އޭނާ ފޮތް ކިޔައި ދަސްކުރަމުންދިޔަ މިންވަރު ވެސް ދިޔައީ އެ މުއްދަތުގައި ކިޔައިދެމުންނެވެ. 

ޒޫނާ އިތުރަށް ބުނީ، މީގެ ދެ ވަރަކަށް ހަފުތާ ކުރިން މާލެއަށް އައި ގޮތަށް އެ ކްލާސްތައް ފެށި ކަމަށެވެ. ސަބަބަކީ ފާތުން ބޭނުންވީ ދުނިޔޭގެ ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދުވަހުގައި ކޮންމެވެސް ކަމެއް ހާސިލުކޮށްފައިވާ މީހަކަށް ވުމަށްޓަކައި އޯޕަން ފްރީ ޑައިވްގެ ލައިސަންސް ނަގާށެވެ. 

"މި ކޯސް ފެށިއިރު ހަމަ ނޯމަލް މީހެއްގެ ރިކުއަރަމަންޓާއި މީނަގެ ހަމަކުރަންޖެހޭ ރިކުއަރަމަންޓާއި ތަފާތެއް ނީންނާނެ. ހަމަ އެހެންމީހުން ކުރާ ހުރިހާ ކަމެއް ވެސް މީނަ ވެސް ކުރަން ޖެހޭނެ. ހަމަ އެގޮތަށް ގެންދިޔައިރު މީނަ ވަރަށް ރަނގަޅަށް ފޮތް ކިޔާފައި ހުރީމަ ވަރަށް ފަސޭހަވި،" ޒޫނާ ބުންޏެވެ.

ޒޫނާ ބުނީ ފާތުންއަށް ލިިބިފައިވާ ލެވެލްއަކީ ޕެޑީ އޯޕަން ވޯޓާ ޑައިވާ ލެވެލްއެއް ކަމަށާއި އެއީ ދުނިޔޭގައި ވެސް ޑައިވާއެއްގެ ގޮތުގައި ގަބޫލުކުރާ ލެވެލްއެއް ކަމަށެވެ. ގާތްގަނޑަކަށް އަހަރެއްހާ ދުވަހުގެ ބުރަ މަސައްކަތުން ފާތުންވެފައި މިވަނީ ޑައިވިންއަށް ޓްރެއިންވި ރާއްޖޭގެ ފުރަތަމަ ލޯފަން މީހާއަށެވެ. 

މިކާމިޔާބީ ޒޫނާ ފާހަގަކުރަނީ އޭނާގެ 25 އަހަރުގެ ކެރިއަރުގަ ލިބުނު އެންމެ ހިތްހަމަޖެހޭ އެންމެ ބޮޑު ކާމިޔާބީގެ ގޮތުގަ އެވެ. 

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް