ads
ރުޤްޔާގެ ނަމުގައި ބަލިމީހާޔަށް އަނިޔާއެއް ކޮށްގެން ނުވާނެ: ހުތުބާ
ރުޤްޔާގެ ނަމުގައި ބަލިމީހާޔަށް އެއްވެސް ބާވަތެއްގެ އަނިޔާއެއް ކޮށްގެން ނުވާނެ ކަމަށް ހުކުރު ހުތުބާގައި ބުނެފި އެވެ.

ހުކުރު ހުތުބާގައި ބުނެފައިވަނީ ބަލިތައް ލައްވާފަދައިން އެ ބަލިތަކުގައި ޝިފާވެސް ލައްވާފައިވާ ކަމަށެވެ. ބަލިތަކަށް ފަރުވާކުރުމުގައި ހިފަން ހުރި ގޮތްތަކުގެ ތެރޭގައި ރުގްޔާކުރުން ހިމެނޭކަމަށެވެ. 

ސިހުރު ހާހޫރައާއި، ހަސަދައާއި، އެސްފީނާގެ ޝިކާރައަކަށް ވެފައިވާ އެތައް ބަޔަކަށް ޝަރުއީ ރުގްޔާއަކީ އެންމެ އެކަށީގެންވާ ފަރުވާކަމާއި މެދު ޝައްކެއްނެތްކަމަށް ހުތުބާގައިވެ އެވެ. ރޫހާނީ ގޮތުން ކުރިމަތިވާ މިފަދަ ބަލިތަކަށް ރުޤްވާއިން ފަރުވާ ހޯދިދާނޭ ކަމަށްވެސް ހުތުބާގައި ވެއެވެ. 

ހުތުބާގައި ބުނެފައިވަނީ ރުގްޔާކުރުމަކީ އެކަމުގެ އިލްމު ލިބިގެންހުރި މީހަކު އިންސާނިޔަތަށްޓަކައި ކުރުން ހުއްދަ ކަމެއްކަމަށެވެ. އެހެންކަމުން މީސްތަކުންނަށް ރުޤްޔާކުރާ މީހަކީ އަމާނާތްތެރި މީހަކަށް ވާންޖެހޭނެކަމަށް ހުތުބާގައިވެ އެވެ. 

"ނަމަވެސް ކަމުގެ ސައްހަ މައުލޫމާތާއި ޝަރުއީ ހަމަތަކަށް ބީރައްޓެހި ބަޔަކު، ދުންޔަވީ މަންފާތަކެއް ހާސިލުކުރަށް ބޭނުންކުރާ ވަސީލަތަކަށް މިއަދު މިކަން ހަދައިފި އެވެ. ރުޤްޔާގެ ނަމުގައި މީސްތަކުންނަށް ކެހިދީ، މަކަރު ހަދައި އޮޅުވާލަން ފަށައިފި އެވެ. ރުޤްޔާ ކުރުމުގެ ނަމުގައި ބަލިމީހާޔަށް އެއްވެސް ބާވަތެއްގެ އަނިޔާއެއް ކޮށްގެން ނުވާނެ އެވެ."

ފަހަކަށް އައިސް ރުޤްޔާގެ ނަމުގައި އަންހެނުންނަށް ޖިންސާ ގޯނާ ކުރާކަމުގެ ޝަކުވާ އާއްމުވެފައިވާކަން ފާހަގަކޮށް ހުތުބާގައި ބުނެފައިވަނީ، ރުޤްޔާކުރުމުގެ ނަމުގައި އަންހެނަކަށް ނުވަތަ މަހްރަމަކަށް ނުވާ މީހަކަށް އޭނާގެ ހަށިގަނޑުން ބައެއް ދެއްކުމަކީ ހުއްދަވެގެންވާ ކަމެއް ނޫންކަމަށެވެ. އަދި މަހްރަމަކު ފިޔަވައި އަންހެނެއްގެ ގައިގައި ހުރަހަކާ ނުލައި އަތްލައިގެންނުވާނެ ކަމަށާއި، އޭނާގެ ހިޖާބު ނަގައިގެން ނުވާނެ ކަމަށެވެ. 

ޝަރްއީ ރުގްޔާ ކުރުމުގެ ނަމުގައި ޖިންނިންނާއި ވަލީވެރިންގެ ކިބައިން ކަންކަން ހިންމަވައިދެއްވާތޯ ދެންނެވުމަކީ ރުޤްޔާގެ ތެރޭގައި ހިމެނޭ ކަމެއްނޫންކަމަށާއި، ބަލިމީހާގެ ފުނާ ނުވަތަ އިސްތައްޓެއް ނުވަތަ އަންނައުނު ފަދަ ތަކެތި ހޯދުމަކީ ވެސް ރުޤްޔާކުރުމުގެ ތެރޭގައި ހިމެނޭ ކަމެއްނޫން ކަމަށެވެ. އަދި އެއީ ސިހުރު ހާހޫރަ ހަދާ މީހުން ކުރާކަމެއް ކަމަށް ހުތުބާގައިވެ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް