ads
ރައީސް އިބްރާހިމް މުހައްމަދު ސޯލިހް-- ފޮޓޯ: ރައީސް އޮފީސް
ރިލްވާނާއި ޔާމީނަށް އިންސާފު ހޯދައި ދިނުމަކީ އުނދަގޫ، އެހެނަސް ހުއްޓާނުލާނެ މަސައްކަތެއް!
ގެއްލުވާލާފައިވާ ނޫސްވެރިޔާ ރިލްވާން އަބްދުﷲ އާއި މަރާލާފައިވާ ބްލޮގާ ޔާމީން ރަޝީދަށް އިންސާފު ހޯދައިދިނުމަކީ އުނދަގޫ މަސައްކަތެއް ކަމަށާއި، އެހެން ނަމަވެސް އެ މަސައްކަތް ހުއްޓާނުލާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެ އެވެ.

ނޫސްވެރިކަމުގެ އިނާމް ދިނުމުގެ ހަފްލާގައި ވާހަކަ ދައްކަވަމުން ރައީސް ސޯލިހް ވިދާޅުވީ، ނޫސްވެރިކަމުގެ ހަފްލާތައް ކުރިއަށްދާއިރު ރިލްވާން އަދި ޔާމީންގެ ހަނދާންތައް އާވާކަމަށެވެ. އެގޮތުން ރައީސް ވިދާޅުވީ ރިލްވާނާއި ޔާމީނަށް އިންސާފު ހޯދައިދިނުމަށް ކުރަމުން އަންނަ މަސައްކަތް ހުއްޓާނުލައްވާނެ ކަމަށެވެ. 

"އެއީ އުނދަގޫ މަސައްކަތެއް. ނަމަވެސް އެމަސައްކަތް ނުހުއްޓި ކުރިއަށް އެބަދޭ." ރައީސް ވިދާޅުވި އެވެ.

ނޫސްވެރިންގެ ޒިންމާއަކަށް ވާންޖެހޭނީ ރައްޔިތުންނަށް ކަންކަމުގައި އެންމެ ރަނގަޅު މަގު ދެއްކުންކަން ފާހަގަކޮށް ރައީސް ވިދާޅުވީ، މި ޒަމާނުގެ ނޫސްވެރިކަމަކީ މުޖުތަމައުގެ ކަންކަން ބޭނުން މިސްރާބަކަށް ބަދަލުކޮށްލުމުގެ ވަރަށް މުހިއްމު ދައުރެއް އަދާކުރާ ވަސީލަތެއް ކަމަށެވެ. އަދި ނޫސްވެރިޔާގެ އަތުން، ނޫސްވެރިކަމުގެ ހަޤީޤީ ލަގަން ދޫވެއްޖެނަމަ ނޫސްވެރިކަމުން މުޖުތަމައުއަށް ލިބެންޖެހޭ ފައިދާއަށް ވުރެ، ލިބޭ ގެއްލުން ބޮޑުވުމަކީ އެކަށީގެންވާ ކަމެއް ކަމަށް ރައީސް ވިދާޅުވި އެވެ.

"ނޫސްވެރިކަމަށް އަލަށް ނުކުންނަ ނޫސްވެރިންނަށް އަޅުގަނޑު ދަންނަވާނީ ނޫސްވެރިއެއްގެ ހައިސިއްޔަތުން ގަލަމުގެ ދޯރި ނަގަންވާނީ އޭގެ ތުނޑުން ތިމާ ލިޔާނީ ބިނާކުރަނިވި ލިޔުމެއްތޯ، ނުވަތަ ފަނާކުރަނިވި ލިޔުމެއްތޯ ކަނޑައެޅުމަށްފަހުގައި." ރައީސް ވިދާޅުވި އެވެ.

ރައީސް ސޯލިހް ވިދާޅުވީ އެއިރެއްގައި މުޖުތަމައުގައި ހިނގާ ބޮޑެތި މައްސަލަތައް ހައްލުކުރުމަށް މަސައްކަތްކުރުމަކީ ނޫސްވެރިންގެ ޒިންމާއެއް ކަމަށެވެ. އެގޮތުން މަސްތުވާތަކެތީގެ މައްސަލަތަކާއި، ހަރުކަށި ފިކުރުގެ މައްސަލައަކީވެސް ހައްލު ހޯދަންޖެހިފައިވާ އިޖުތިމާއީ ބޮޑެތި މައްސަލަތައް ކަމަށް ވިދާޅުވި އެވެ. އަދި މަސްތުވާތަކެއްޗާ ދުރަށްދާނެގޮތާއި، އެފަދަ މައްސަލަތައް ހައްލުކުރާނެގޮތް ބުނެދީ، އެކަންކަން ހައްލުކުރުމުގެ ގޮތުން ތަކުރާރުކޮށް ލިޔެވޭ ލިޔުންތައް އިތުރުކުރަންޖެހޭ ކަމަށް ވިދާޅުވި އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް