ads
ސައީދު، ރައީސް މައުމޫނަށް: ކޯލިޝަންގައި ހުރުމުގެ ބޭނުމަކީ ކޮބައިތޯ؟
އެމްއާރްއެމްގެ ރައީސް އަދި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ސަރުކާރު ކޯލިޝަންގައި ހުންނަވާ ބޭނުމަކީ ކޮބައިތޯ މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދު ސުވާލު އުފައްދަވައިފި އެވެ.

އިދިކޮޅު ކޯލިޝަންގެ ލ. މާވަށު ޖަލްސާގައި ވާހަކަ ދައްކަވަމުން ސައީދު ވަނީ ނުހަނު ފަހުން "އާސްކް ސްޕީކާ" ޕްރޮގްރާމުގައި މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވެރިކަމުގެ ނިޒާމާއި ގުޅޭގޮތުން ދެއްކެވި ވާހަކަފުޅަށް ރައީސް މައުމޫން ދެއްވި ރައްދާއި ގުޅޭގޮތުން ވާހަކަ ދައްކަވާފަ އެވެ. 

ރައީސް ނަޝީދު ވިދާޅުވީ، ވެރިކަމުގެ ނިޒާމު ބަދަލު ކުރުމާ ގުޅޭ ގޮތުން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހާއެކު މަޝްވަރާކޮށް ރަނގަޅު ގޮތަކަށް ނިމިގެން ދާނެ ކަމަށެވެ. އެކަމާއި ގުޅިގެން ރައީސް މައުމޫން ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ، ވެރިކަމުގެ ނިޒާމު ބަދަލުކުރުމަކީ ދެ މީހަކު މަޝްވަރާ ކުރުމަށްފަހު ނިންމޭނެ ކަމެއް ނޫން ކަމަށެވެ. 

އެކަންތައްތަކަށް އިޝާރާތް ކުރައްވާ ވާހަކަ ދައްކަވަމުން ސައީދު ވިދާޅުވީ ރައީސް މައުމޫން ކޯލިޝަންގެ ތެރޭގައި ހުރެ ތަގައްޔަރު ވެފައިވާކަމަށެވެ. 

"ރައީސް މައުމޫން އެ ދައްކަވަނީ ރައީސް ނަޝީދާއި ރައީސް ސޯލިހްގެ ވާހަކަ ކަމަށް ވާނަމަ އަޅުގަނޑު ރައީސް މައުމޫނަށް ދަންނަވާލަން ބޭނުން މަނިކުފާނު ތި ކޯލިޝަންގައި ހުންނެވުމުގެ މާނައަކީ ކޮބައިތޯއޭ؟" ސައީދު ވިދާޅުވި އެވެ.

ސައީދު ވިދާޅުވީ މިސަރުކާރުން ގައުމު އެފުށްމިފުށަށް ޖަހާ އިސްލާމްދީނަށް ގޮންޖަހާ އަދި ރަށްވެހިކަން އިތުރުބަޔަކަށް ދޭންއުޅޭއިރު، ރައީސް މައުމޫންގެ ހިތްޕުޅުގައި ގައުމާއި މެދު ކުޑަވެސް ލޯތްބެއް އޮތްނަމަ އެކަންކަމާއި މެދު އެއްޗެއް ވިދާޅުނުވެ މަޑުން ނުހުންނަވާނެ ކަމަށެވެ. އަދި ރައީސް ސޯލިހްގެ ސަރުކާރުން ކުރަމުން އަންނަ ކަންކަމުގައި ކޯލިޝަންގެ ހަތަރު ލީޑަރުން އެއްވަރަކަށް ހިއްސާވާކަމަށް ވެސް ސައީދު ވިދާޅުވި އެވެ. 

މަޖިލީހުން މިފަހުން ފާސްކުރި ފުލުހުންގެ ބިލާއި ގުޅޭގޮތުން ވާހަކަ ދައްކަވަމުން ސައީދު ވިދާޅުވީ އެ ބިލު ފާސްކޮށްފައިވަނީ ބަގާވާތްކުރި ފުލުހުން މަގާމުން ދުރުކުރުގެ ބޭނުމުގައި ކަމަށެވެ. ހަތެއް ފެބްރުއަރީގެ ކަންކަމުގައި ފުލުހުން މަގާމުން ވަކިކުރުމަށް ބިލު ފާސްކުރާއިރު އެކަންކަމުގައި އިސްކޮށް އޭރު އުޅުނު އަދާލަތު ޕާޓީގެ ލީޑަރު އިމްރާން އަބްދުﷲ މިއަދު ހުންނެވީ ފުލުހުންގެ އިސްސަފުގައިކަން ސައީދު ފާހަގަކުރެއްވި އެވެ. އަދި ވިދާޅުވީ ބޮޑެތި ފަރާތްތަކަށް މޮޅުގޮތް ހެދުމަށްފަހު އެހެންފަރާތްތައް މަގާމުން ދުރުކުރާކަމަކީ އިންސާފުން ކުރެވޭ ކަމެއްނޫން ކަމަށެވެ. 

50%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
50%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް