ads
އިދިކޮޅު ކޯލިޝަނުން ބޭއްވި ނިއުސް ކޮންފެރެންސްގެ ތެރެއިން-- ފޮޓޯ: ޕީޕީއެމް މީޑިއާ
މަސްވެރި އާއިލާތައް ވަނީ ކަންމަތީ ފިހާރައަށް ދަރަނިވެރިވެފައި: އިދިކޮޅު
މި ސަރުކާރަކީ މަސްވެރިންނަށް އެތައް ވައުދެއްވުމަށް ފަހު އައި ސަރުކާރެއް ނަމަވެސް، މި ސަރުކާރުގެ ފާއިތުވި ދެ އަހަރުގެ ތެރޭގައި މަސްވެރިންވީ އިތުރަށް ނިކަމެތި ކަމަށާއި އަދި މަސްވެރި އާއިލާތައް ވެސް ވަނީ ކަންމަތީ ފިހާރަތަކަށް ދަރަނިވެރިވެފައި ކަމަށް އިދިކޮޅު ކޯލިޝަނުން ބުނެފި އެވެ.

އިދިކޮޅުން މަސްވެރިންގެ ދުވަހާ ގުޅިގެން ނެރުނު ބަޔާނެއްގައި ބުނީ މިފަދަ ދުވަހެއް ފާހަގަކުރަމުންދާއިރު، މަސްވެރިންނާއި އޮޑިވެރިންނާއި މަސްވެރި ޢާއިލާތައް ތިބީ ހިތްދަތިކަމާއި މާޔޫސްކަންމަތީގައި ކަމަށާއި މަސްވެރިން ބާނާ މަސް ނުކިރި އެތައް ދުވަހެއް ކިޔޫގައި ތިބެން ޖެހޭ ކަމަށާއި މަސްކިރޭނެ ދުވަހެއްގެ އިންތިޒާރުގައި ރަށުން
ބޭރުގައި ތިބެންޖެހޭ ކަމަށެވެ. 

އަދި އެތައް ދުވަހެއް ކަނޑުމަތީގައި ހޭދަކޮށްގެން، ބޮޑު ހަރަދުކޮށްގެން ބާނާ މަސްކޮޅު ނުކިރިގެން މަހަށް ނުފުރި
ގިނަ ދުވަސްތަކެއް އާއިލާއާ ދުރުގައި ތިބެންޖެހުމާއި ކިރޭ މަސްކޮޅަށް ލިބެންޖެހޭ ފައިސާ ނުލިބި އެތައް ދުވަސްތަކެއް ވޭތުކުރަންޖެހުމުމުގެ އިތުރުން މަސްވެރި ޢާއިލާތައްވަނީ ނިކަމެތިވެ ކަންމަތީ ފިހާރަތަކަށް ދަރަނިވެރިވެފައި ކަމަށް ބަޔާނުގައި ބުނެ އެވެ. 

އޭގެ އިތުރުން މަސްވެރި އާއިލާތަކާ ސީދާ ގޮތުންނާއި ނުސީދާ ގޮތުން މަސްވެރިންގެ އެހީތެރިކަންލިބޭ ދިވެހި އެތައް ޢާއިލާތަކެއްވަނީ ނިކަމެތިވެ ނުހަނު ހާލުގައި ޖެހިފައިިވާކަން ފާހަގަކޮށް ބަޔާނުގައި ބުނީ މިސަރުކާރުން ވެރިކަމަށް އައީ މަސްވެރިންނަށް ހަމަ އަގު ހޯދާ ދިނުމަށާއި، މަސްވެރިޔާގެ ޖީބަށް ސީދާ ޑޮލަރު ލިބޭނެ ކަމުގެ ވައުދާއެކު ނަމަވެސް ސަރުކާރަށް ދެ އަހަރު ވީއިރު މަސްވެރިން ވަނީ އިތުރަށް ނިކަމެތިވެފައި ކަމަށް ބުނެ އެވެ. 

އަދި ގޭދޮށު މަސްފެކްޓްރީއެއް ނެތް ކަމަށާއި މަސްވެރިންގެ ޕްލެޓްފޯމް ގާއިމްކުރެވޭނެ ކަމުގެ ޔަގީންކަން ވެސް ނެތް ކަމަށް ބުނެ އެވެ.

މިއަދު ފެންނަމުންދަނީ މަސްވެރިންގެ މިންނަތް މަސައްކަތުން ބިނާކުރި މަސްވެރިކަމުގެ ސިނާއަތާއި އަދި އެހެނިހެން ހުރިހާ ކަމެއް ސަރުކާރުގެ ނާގާބިލް ކަމުގެ ސަބަބުން ބޮއްސުންލައިގެން ގޮސް ފެއިލްވެފައިވާ މަންޒަރުކަން ފާހަގަކޮށް ބަޔާނުގައި ބުނީ މަސްވެރިންގެ ހައްގު ހޯދުމަށާއި މަހަށް ހަމައަގު ހޯދުމަށް މިއަދު ބޮޑު ކަންނެލި މަސްވެރިންގެ ޖަމިއްޔާއިންނާއި ޖުމްލަކޮށް ހުރިހާ މަސްވެރިންނާއި އެގޮވާލަމުންދާ ގޮވާލުންތަކަށް އިޖާބަ ދިނުމަށް ސަރުކާރަށް އިލްތިމާސްކުރާ ކަމަށެވެ، 

"އަދި ހުސް ވާހަކަ ދެއްކުމުގެ ބަދަލުގައި މަސްވެރިންގެ ޝަކުވާތައް އަޑުއަހާ މަސްވެރިންނަށްވެފައިވާ ވައުދުތައް ފުއްދާދިނުން އަވަސް ކުރުމަށް ސަރުކާރަށް ގޮވާލަމެވެ،" އިދިކޮޅުގެ ބަޔާނުގައިވެ އެވެ.
0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް