ads
ރާއްޖެއަށް ފަތުރުވެރިން އައުން--
ރާއްޖެ އިޝްތިހާރުކުރަން ސީއެންއެންއާ އެކު ކުރިއަށް ގެންދާ ކެމްޕެއިން ފުޅާކޮށްފި
އެމްއެމްޕީއާރުސީން ރާއްޖެ މުޅި ދުނިޔެއަށް އިޝްތިހާރުކުރުމުގެ ގޮތުން، ސީއެންއެންއާއެކު ފެށި ކެމްޕެއިން އިތުރަށް ފުޅާކޮށްފި އެވެ.

އެ ކެމްޕެއިނުގެ ދަށުން ޗުއްޓީ ހޭދަކުރަން އާ މަންޒިލްތައް ހޯދަމުން އަންނަ ފަތުރުވެރިންނަށް ރާއްޖެއަކީ އެންމެ ރައްކާތެރި މާހައުލުގެ ގޮތުގައި އިޝްތިހާރުކުރަމުން އަންނައިރު ސީއެންއެންއާއެކު އެ ކެމްޕެއިން ފެށީ ރާއްޖޭގެ ބޯޑަރު ހުޅުވާލުމާ ދިމާކޮށެވެ.

އެ ކެމްޕެއިންގެ ދަށުން ރާއްޖޭގެ ފަތުރުވެރިކަމުގެ އިތުރުން ރާއްޖޭގެ ޑައިވަރުންނާއި އަދި ޝެފުންގެ އިތުރުން ހުނަރުވެރިންގެ ހަރަކާތްތައް ވެސް ދައްކާލަމުން އަންނައިރު މިނިސްޓްރީގެ އިންޓަވިއުތައް ވެސް ދަނީ ދައްކާލަމުންނެވެ.

ރާއްޖޭގެ ބޯޑަރު ހުޅުވާލުމާއެކު އެމްއެމްޕީއާރުސީން ސީއެންއެންއާއެކު ތިން މަސް ދުވަހަށް ކެމްޕެއިން ފެށި އެވެ.

އެގޮތުން ރާއްޖޭގައި ތިބި މަސައްކަތްތެރިންގެ ހުނަރުތައް މުޅި ދުނިޔެއަށް ދައްކާލުމުގެ އިތުރުން އެމީހުންގެ ތަޖުރިބާތައް ވެސް މި ކެމްޕެއިންގެ ތެރެއިން ހިއްސާކުރެވިގެންދާނެ ކަމަށް އެމްއެމްޕީއާރުސީން ބުނެފައިވެ އެވެ. 

އެކެމްޕެއިނުގެ އަމާޒަކަށް ވެގެންދާނީ، ރާއްޖޭގައި ތިބި ތަޖުރިބާކާރު ދިވެހި މަސައްކަތްތެރިންގެ ހުނަރާއި، ރަށްތަކުގެ ގުދުރަތީ ރީތިކަން ދައްކައިދިނުން ކަމަށާއި ރާއްޖެއަކީ ވަކި ވަކި ރަށްތަކެއްގެ ގޮތުގައި އުފެދިފައި އޮންނަ ޖަޒީރާ ގައުމެއް ކަމުން، ދަތުރުވެރިންނަށް ލިބޭ ރައްކާތެރިކަން ކެމްޕޭންގެ ތެރެއިން ބުނެދޭނެކަމަށް އެމްއެމްޕީއާރުސީގެ ޑިރެކްޓަރު ތައްޔިބު މުހައްމަދު ވިދާޅުވި އެވެ. 

ދަތުރުކުރުމަށް އާ މަންޒިލެއް ހޯދައި ރާއްޖެ "ރީޑިސްކަވާ" ކުރަން ޝައުގުވެރިވާ ފަރާތްތަކަށް މި ކެމްޕެއިންގެ ތެރެއިން ރާއްޖެއާ ގުޅޭ ޝައުގުވެރި މައުލޫމާތުތަކެއް ލިބިގެންދާނެ ކަމަށް ވެސް ވިދާޅުވި އެވެ. 

ކޮވިޑް-19 ގެ ސަބަބުން ހުރަސްތަކެއް ދިމާވި ނަމަވެސް އެމްއެމްޕީއާރުސީން އަންނަނީ ޑިޖިޓަލް މީޑިއާ އާއި އޮންލައިން ޕްލެޓްފޯމުތަކުގައި މެދުކެޑުމެއްނެތި ރާއްޖޭގެ ފަތުރުވެރިކަން އިޝްތިހާރުކުރަމުންނެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް