ads
ރައީސް އިބްރާހިމް މުހައްދު ސާލިހް
އެހީތައް އަވަސްކޮށްދިނުމަށް ރައީސް އެދިލައްވައިފި!
މޫސުމަށްއަންނަ ބަދަލުތަކުން ރައްކާތެރިވުމުގެ ގޮތުން ދުނިޔޭގެ ކުރިއަރާފައިވާ ގައުމުތަކުން ދެއްވާނެކަމަށް ވައުދުވި އެހީ ލަހެއްނެތި ފޯރުކޮށްދިނުމަށް ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު ވިދާޅުވެއްޖެއެވެ.

މިހާރު ކުރިއަށްދާ ކްލައިމެޓް އެމްބިޝަން ސަމިޓްގައި، މޫސުމަށްއަންނަ ބަދަލުތަކުން ރައްކާތެރިވުމުގެ ގޮތުން ދިވެހިރާއްޖޭގެ ފަރާތުން އަޅާނެ ފިޔަވަޅުތަކާއި ބެހޭގޮތުން، ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވާހަކަފުޅު ދައްކަވަމުން ވިދާޅުވީ ޖައްވަށް ދޫކުރެވޭ ވިހަގޭސް ނުވަތަ ގްރީން ހައުސް ގޭސް ބޭރުކުރުމުގައި، ދުނިޔޭގެ ނިސްބަތުން ދިވެހިރާއްޖެއަކީ އެންމެ ހިއްސާކުޑަ އެއް ގައުމުކަމުގައި ވިޔަސް، ދިވެހިރާއްޖެއަކީ މޫސުމަށްއަންނަ ބަދަލުތަކުގެ ސަބަބުން އެންމެ ނޭދެވޭ އަސަރުކުރާ ގައުމުކަން  ފާހަގަކުރެވިފައިވާ ކަމަށެވެ. 

އަދި ދިވެހިރާއްޖޭގެ ހިއްސާ ކުޑަނަމަވެސް، އެކަމުގައި ފަސް ނުޖެހޭނެ ކަމަށާއި، ކުދި ޖަޒީރާ ގައުމެއްގެ ގޮތުން ދައްކަމުން އަންނަ ނަމޫނާ އެންމެ ކުރީސަފުގައި އަބަދުވެސް ދައްކަމުންދާނެކަމަށް ވަނީ ވިދާޅުވެފައެވެ. އެގޮތުން، ދިވެހިރާއްޖެއަށް ލިބެމުންދާ އެހީތައް މިގޮތުގައި ލިބެމުންދާނަމަ، ދިވެހިރާއްޖެއިން ކުރިން ކަނޑައަޅާފައިވާ ޖައްވަށް ދޫކުރެވޭ ވިހަގޭސް މަދުކުރުމުގެ ލަނޑުދަނޑި ނުވަތަ ނޭޝަނަލް އެމިޝަން ރިޑަކްޝަން ޓާގެޓްގެ މިންވަރު، 2030 ގެ ނިޔަލަށް 26 އިންސައްތައަށް އިތުރު ކުރާނެކަމަށް ރައީސް ސޯލިހް ވިދާޅުވިއެވެ. އަދި މިފަދަ ބަދަލުތައް ގެނައުމަށް އިޖްތިމާއީ ގޮތުންނާއި އިގްތިސާދީ ގޮތުންނާއި އަދި ތިމާވެށީގެގޮތުން ބޮޑެތި ބަދަލުތަކެއް ގެންނަންޖެހޭނެކަން ރައީސް ފާހަގަކުރެއްވި އެވެ.

"ދުނިޔޭގެ ކުރިއަރާފައިވާ ގައުމުތަކުން ދެއްވާނެކަމަށް ވައުދުވި އެހީ ލަހެއްނެތި ފޯރުކޮށްދިނުމަށް ގޮވާލަން. އަދި މިފަދަ އެހީތައް ރާއްޖެއަށް ލިބިއްޖެނަމަ، 2030 ގެ ނިޔަލަށް ރާއްޖެއަކީ ކާބަން ނެޓްޒީރޯ ގައުމަކަށް ހެދުމުގެ އަމާޒުވެސް އެބައޮތް" އެމަނިކުފާނު ފާހަގަ ކުރެއްވިއެވެ.

ދިވެހިރާއްޖޭގެ އެންޑީސީ ތައްޔާރުކުރުމުގައި އެންވަޔަރަންމަންޓް މިނިސްޓްރީއިން ވަނީ ވަރަށް ފުޅާ ދާއިރާއެއްގައި ކަމާ ގުޅުންހުރި ހުރިހާ ފަރާތްތަކާއި މަޝްވަރާކޮށްފަ ކަމަށް އެ މިނިސްޓްރީން ބުނެއެވެ. އަދި ނޭޝަނަލް އެމިޝަން ރިޑަކްޝަން ޓާގެޓް ކަނޑައެޅުމުގައި އިއާދަކުރަނިވި ހަކަތައިގެ ދާއިރާގައި ހިނގަމުންދާ އަދި ކުރިމަގުގައި ހިންގަން ރޭވިފައިވާ މަޝްރޫއުތަކުގެ މައުލޫމާތުވެސް ހިމަނައި އަދި ރާއްޖެއަށް ގެނެވިދާނެ ފަދަ ޓެކްނޮލޮޖީތަކާއި ބެހޭގޮތުން ހެދިފައިވާ ދިރާސާތައްވެސް ވަނީ މުރާޖައާކުރެވިފައި ކަމަށް ވެސް އެ މިނިސްްޓްރީން މައުލޫމާތު ދެއެވެ.

ދިވެހިރާއްޖޭގެ މި "އެމިޝަން ރިޑަކްޝަން ޓާގެޓް" ކަނޑައެޅިފައިވަނީ މިފަދަ އެސަސްމެންޓްތައް ހެދުމަށް އެހެން ގައުމުތަކުގައިވެސް ބޭނުން ކުރާ އެމިޝަން ރިޑަކްޝަން އެސަސްމަންޓް މޮޑެލްއެއް ކަމަށްވާ ލީޕް (ލޯ އެމިޝަން އެނަލިސިސް ޕްލެޓްފޯމް) މެދުވެރިކޮށް ކުރެވުނު ދިރާސާތަކުގެ އަލީގައެވެ.

ކްލައިމެޓް އެމްބިޝަން ސަމިޓަކީ 2015 ގައި އެއްބަސްވެވުނު ޕެރިސް އެގްރީމެންޓަށް 5 އަހަރުވުން ފާހަގަކުރުމުގެ ގޮތުން ކުރިއަށްގެންދާ ބައްދަލުވުމެކެވެ. މިސަމިޓުގެ މައިގަނޑު މަގުސަދަކީ ކްލައިމެޓް އެމްބިޝަން އިތުރުކުރުމާއި އެކު ޕެރިސްއެގްރީމެންޓް ތަންފީޒު ކުރުމުގެ ގޮތުން އެކި ގައުމުތަކުން ކުރާނެ ކަންތައްތަކާއި މެދު މަޝްވަރާކުރުމުވެ. އެ ސަމިޓުގައި ދުނިޔޭގެ ވަރަށް ގިނަ ގައުމުތަކުގެ ވެރިން ބައިވެރިވެވަޑައިގަންނަވައެވެ.

ޕެރިސް އެގްރީމަންޓްގެ ދަށުން ކޮންމެ ގައުމަކުންވެސް، މޫސުމަށް އަންނަ ބަދަލުތައް ކުޑަކުރުމަށްޓަކައި ކުރުމަށް ގަސްދުކުރާ ކަންތައްތައް ހިމެނޭ ގޮތުގެ މަގު ޗާޓެއް ނުވަތަ ނޭޝަނަލީ ޑިޓާމައިންޑް ކޮންޓްރިބިއުޝަން (އެންޑީސީ) ވަނީ 2015 ގައި ހުށަހަޅާފައެވެ. އެންޑީސީގެ މައިގަނޑު ބޭނުމަކީ، މޫސުމަށް އަންނަ ބަދަލުތަކުގެ މައްސަލައަށް އެދެވޭ ހައްލެއް ހޯދުމަށްޓަކައި ހުރިހާ ގައުމުތަކުންވެސް ގުޅިގެން މަސައްކަތްކޮށް، މޫސުމަށް އަންނަ ބަދަލުތަކުގެ ނުރަގަޅު އަސަރުތަކުން ދުނިޔެ ސަލާމަތްކުރުމަށްޓަކައި ދުނިޔޭގެ ފިނިހޫނުމިން ދެ ޑިގްރީސެލްސިއަސް އަށް ވުރެދަށުގައި ބަހައްޓައި އަދި 1.5 ޑިގްރީއަށް ގެންދެވޭތޯ ގަދައަޅައި މަސައްކަތްކުރުމެވެ. 

ޕެރިސް އެގްރީމަންޓްގައި އެއްބަސްވެވިފައިވަނީ ކޮންމެ ފަސް އަހަރުން އެންޑީސީތައް މުރާޖައާކޮށް ހުށަހަޅަމުން ގެންދިއުމަށެވެ. އެގޮތުން މިއަހަރުގެ ނިޔަލަށް ވަރަށްގިނަ ގައުމުތަކުން އެންޑީސީތައް ހުށަހަޅާނެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް