ads
ކުޑަކުދިންގެ ހިޔާ--
ހިޔާގައި ކުދިންނަށް އަނިޔާކުރި މައްސައިގައި 6 މީހަކަށް ދައުވާ ކޮށްފި
ކުޑަކުދިންގެ ހިޔާގައި އެތަނުގެ ކުދިންނަށް ޖިސްމާނީ ގޮތުންނާއި ނަފްސާނީ ގޮތުން އަސަރުކުރުވާ ގޮތަށް އަދި އެކުދިންގެ ކަރާމާތަށް ގެއްލުންވާގޮތަށް އަމަލުކޮށްފައިވާ ކަމަށް ތުހުމަތުކުރެވޭ މައްސަލައިގައި ހަ މީހަކަށް ދައުވާ ކޮށްފި އެވެ.

ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން ބުނެފައިވަނީ، 2017 ވަނަ އަހަރާއި 2018 ވަނަ އަހަރު ތެރޭގައި ދައުލަތުގެ ބެލުމުގެ ދަށުގައި ވިލިމާލޭގައި ހުންނަ "ކުޑަކުދިންގެ ހިޔާގައި" ބަލަހައްޓަމުންދާ އުމުރުން 18 އަހަރު ނުފުރޭ ކުދިންތަކަކަށް އެތަނުގައި މަސައްކަތްކުރި މުވައްޒަފުންތަކެއްގެ ފަރާތުން ޖިސްމާނީ ގޮތުންނާއި ނަފްސާނީ ގޮތުން އަސަރުކުރުވާ ގޮތަށް އަދި އެކުދިންގެ ކަރާމާތަށް ގެއްލުންވާގޮތަށް އަމަލުކޮށްފައިވާ ކަމަށް ތުހުމަތުކުރެވޭ މައްސަލާގައި ދައުވާ ކުރުމަށް ޑިސެމްބަރު ނުވަ ވަނަ ދުވަހު ކްރިމިނަލް ކޯޓަށް ހުށަހަޅާފައިވާ ކަމަށެވެ. 

މި މައްސަލައަކީ ރައީސުލްޖުމްހޫރިއްޔާ އުފައްދަވާފައިވާ ކުޑަކުދިންނަށް ކުރާ އަނިޔާތަކުގެ މައްސަލަތައް ބަލާ ކޮމިޝަނުން ޕީޖީގެ ސަމާލުކަމަށް ގެނެސްފައިވާ މައްސަލައެއް ކަމަށް އެ އޮފީހުން މައުލޫމާތުދެ އެވެ.

ދައުވާ ކޮށްފައިވާ ފަރާތްތަކާއި ކޮށްފައިވާ ދައުވާ:

  1. މުހައްމަދު ޝަރީފް، ކ. މާލެ، ވ. ސަމާހިޔާ - ގައިގާ އަތްލުމުގެ ދައުވާ
  2. ހުސައިން އަހުމަދު، ކ. މާލެ، ވ. ފަންސި - ގާނޫނު ހިންގުމަށް ހުރަސްއެޅުމާއި ދައުލަތުގެ އެހެނިހެން މަސައްކަތްތަކަށް ހުރަސްއެޅުމުގެ ދައުވާ
  3. އަލީ އަހްސަން، ކ. މާލެ، ވ. ރިއޯ - ގާނޫނު ހިންގުމަށް ހުރަސް އެޅުމާއި ދައުލަތުގެ އެހެނިހެން މަސައްކަތްތަކަށް ހުރަސް އެޅުމުގެ ދެ ދައުވާ، ގައިގާ އަތްލުމުގެ ތިން ދައުވާ
  4. ނަޖީހް އަހުމަދު، ކ. މާލެ، މއ. އަކިރިފުށި ދެކުނުބައި - ގާނޫނު ހިންގުމަށް ހުރަސް އެޅުމާއި ދައުލަތުގެ އެހެނިހެން މަސައްކަތްތަކަށް ހުރަސް އެޅުމުގެ ދެ ދައުވާ، ގައިގާ އަތްލުމުގެ ދެ ދައުވާ
  5. އަހުމަދު ވަނޫދު، ކ. މާލެ، ހ. ފޯސީޒަން - ގައިގާ އަތްލުމުގެ ހަ ދައުވާ، ގާނޫނު ހިންގުމަށް ހުރަސް އެޅުމާއި ދައުލަތުގެ އެހެނިހެން މަސައްކަތްތަކަށް ހުރަސްއެޅުމުގެ ދެ ދައުވާ
  6. ހުސައިން ހަމްދޫން، ކ. މާލެ، ވ. އާސްމާން މަންޒިން - ބިރުދެއްކުމުގެ ދައުވާ، ގައިގާ އަތްލުމުގެ ދައުވާ

މި މައްސަލާގައި މިހާތަނަށް ދައުވާ ހުށަހަޅާފައިވާ މީހުންނާއި، މި މައްސަލާގައި ޝާމިލްވާ އިތުރު މީހުން ކޮށްފައިވާކަމަށް ތުހުމަތުކުރެވޭ އިތުރު ޖިނާއީ ކުށުގެ މައްސަލަތައް ތަހުޤީޤުކުރުމުގެ މަސައްކަތް ތަހުގީގީ އިދާރާތަކުން ކުރަމުން ގެންދާކަމަށް ޕީޖީ އޮފީހުން މައުލޫމާތު ދީފައިވެ އެވެ. އަދި އެމައްސަލަތައް ނިމި، ޕީޖީ އޮފީހަށް ލިޔުންތައް ލިބުމުން، ހެއްކާއި ޤަރީނާގެ މައްޗަށް ބަލައި، އެ މައްސަލަތަކުގައިވެސް ދައުވާ ކުރަންޖެހޭކަމަށް ފެންނަ މީހުންގެ މައްޗަށް ދައުވާކުރުމުގެ ކަންކަންކުރިއަށް ގެންދާނެ ކަމަށް ވެސް ޕީޖީ އޮފީހުން މައުލޫމާތުދީފައިވެ އެވެ. 

50%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
50%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް