ads
ފާރިސް މައުމޫން--
2018 ގައި ފާރިސް ހައްޔަރު ކުރި އަމުރަށް ބަދަލު ގެންނަންޖެހޭ ސަބަބެއް ނެތް: ހައިކޯޓު
ދެހާސް އަށާރަ ވަނަ އަހަރުގެ ޖެނުއަރީ 27 ވަނަ ދުވަހު ދިއްގަރު ދާއިރާގެ އޭރުގެ މެމްބަރު އަހުމަދު ފާރިސް މައުމޫން ހައްޔަރުކުރުމަށް ކްރިމިނަލް ކޯޓުން ނެރެފައިވާ އަމުރަށް ބަދަލެއް ގެންނަންޖެހޭ ސަބަބެއް ނެތް ކަމަށް ހައި ކޯޓުން ހުކުމް ކޮށްފި އެވެ.

ދެހާސް އަށާރަ ވަނަ އަހަރު ފާރިސް ހައްޔަރު ކުރުމަށް ކްރިމިނަލް ކޯޓުން އަމުރެއް ނެރުމުން ފާރިސްގެ ފަރާތުން އެ ހައްޔަރު އަމުރު އިސްތިއުނާފު ކުރި މައްސަލަ ހައިކޯޓުގައި ރަޖިސްޓްރީ ކޮށްފައިވަނީ 2018 މޭ 15 ވަނަ ދުވަހު އެވެ. ދެ އަހަރު ފަހުން އެ މައްސަލައިގައި ހައިކޯޓުން ހުކުމް ކޮށްފައިވަނީ މިއަދު އެވެ.

މިމައްސަލަ ބައްލަވާފައިވަނީ ފަނޑިޔާރު ފާތިމަތު ފަރްހީޒާ، ފަނޑިޔާރު އަބްދުﷲ ހަމިދު އަދި ފަނޑިޔާރު ހަސަން ޝަފީއު އެވެ.  

ކްރިމިނަލް ކޯޓުން ނެރުނު ހައްޔަރު އަމުރު ނެރެފައިވާގޮތް ޝަރުއީ އަދި ގާނޫނީ ހަމަތަކާ އެއްގޮތް ނުވާކަމަށް ބުނެ ފާރިސްގެ ފަރާތުން ހަތް ނުކުތާއެއް ހައިކޯޓުގައި ފާހަގަކޮށްފައިވެ އެވެ. 

ދެހާސް އަށާރަ ވަނަ އަހަރުގެ ޖެނުއަރީ 27 ވަނަ ދުވަހު ކްރިމިނަލް ކޯޓުން ފާރިސް ހަތް ދުވަހުގެ ތެރޭގައި ހައްޔަރުކުރުމަށް އަމުރު ނެރުނު އިރު، އިސްތިއުނާފުކުރުމަށް ހުށަހަޅާފައިވާ ފުރަތަމަ ނުކުތާއާއި ދެވަނަ ނުކުތާގައި މައިގަނޑު ގޮތެއްގައި ބަޔާންކުރާކަމަކީ، މިފަދަ އަމުރުތައް ނެރުމުގައި އަމަލުކުރަންޖެހޭ ގަވާއިދުތައް ނެތި އަދި އެފަދަ އަމުރުތައް ނެރުމުގައި ކޯޓުގެ ފަނޑިޔާރުންގެ މަޖިލީހުން ކަނޑައަޅާފައިވާ އުސޫލުތަކާއި ހިލާފަށް އަމުރުނެރުއްވާފައިވާކަމަށް ބުނާ ބުނުމެވެ.

އެ ނުކުތާއާއި ގުޅިގެން ހައިކޯޓުން ބުނެފައިވަނީ ޤާނޫނީ އުސޫލުތަކަށް ބަލާއިރު، ޝަރީއަތް ހިންގުމުގެ ކުރިއަށް އަންނަ އިޖުރާއީ ކޮންމެ އައިބަކީ އޭގެ ޒާތުގައި އެޝަރީއަތެއްގެ ނުވަތަ އެއަމުރެއްގެ ނުވަތަ އެނިންމުމެއްގެ ސައްހަކަން އެއްކޮށް ގެއްލިގެންދާކަމެއް ނޫން ކަމަށެވެ. އަދި އިޖުރާއަތަކާއި ހިލާފުވުމުން ނިކުންނަ ނަތީޖާ ބިނާވެގެންދާ ސަބަބުތަކެއް ހުންނާނެކަމާއި، އެގޮތުން ބެލިދާނެކަންތައްތަކުގެ ތެރޭގައި ޤާނޫނު ނުވަތަ ގަވާއިދުގައި އެއިޖުރާއަތު ކަނޑައެޅި މަޤްސަދާއި، ހާސިލުކުރަން ބޭނުންވާ ނަތީޖާއާއި، ހިލާފުވި އިޖުރާއަތު ފަހުން ރަނގަޅުކުރުމުގެ ފުރުސަތު އޮތް މިންވަރު ފަދަ ކަންތައްތައް ހިމެނޭކަމަށެވެ. 

އޭގެއިތުރުން ޖިނާއީ އިޖުރާއަތު ޤާނޫނުގެ 204 ވަނަ މާއްދާއަށް ބަލާއިރު، އެމާއްދާގައި ގަވާއިދު ހެދުމަށް ލާޒިމުކޮށްފައިވާ ކަންތައްތަކަކީ އަމުރު ނެރުމާ ގުޅޭ ކޯޓުގެ އިދާރީ އިންތިޒާމުތަކާއި ގުޅޭ ކަންތައްތައްކަމާއި، މިފަދަ ކަންތައްތަކާއި ގުޅިގެން ޤާނޫނުގައި ބުނާ މުއްދަތުގައި ގަވާއިދު ހެދިފައިވުން އެއީ އެންމެ ފުރިހަމަ ގޮތް ކަމުގައި ދެކޭކަމަށާއި، އެކަމަކު އެއީ ގަވާއިދު ނެތި ނެރުނު އަމުރެއް، ހަމައެކަނި އެސަބަބަށްޓަކައި، ބާތިލުވާންޖެހޭ ކަމެއްކަމުގައި ނުދެކޭކަމަށެވެ. 

މިމައްސަލައިގައި ހައިކޯޓުން ކުރި ހުކުމުގައި ބުނެފައިވަނީ ފާރިސް ހައްޔަރު ކުރުމަށް ކްރިމިނަލް ކޯޓުންނެރުނު އަމުރު އިސްތިއުނާފު ކުރުމަށް ފާރިސްގެ ފަރާތުން ހުށަހަޅާފައިވާ ނުކުތާތަކުގެ މައްޗަށް ރިއާޔަތްކޮށް އެ އަމުރަށް ބަދަލު ގެންނަންޖެހޭ ޝަރުއީ އަދި ގާނޫނީ ސަބަބެއް ނެތްކަމަށް ހުކުމް ކުރާކަމަށެވެ. 

މީގެ އިތުރުން 2017 ވަނަ އަހަރު ފާރިސް ހައްޔަރު ކޮށް ޝަރީއަތް ނިމެންދެން ބައްދުކުރި މައްސަލަ ހައިކޯޓުގައި އިސްތިއުނާފު ކޮށްފައިވާއިރު އެ މައްސަލަތަކުގައި އަދިވެސް ހުކުމެއް ކޮށްފައެއް ނުވެ އެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ފާރިސްގެ މައްޗަށް ގިނަ ދައުވާތަކެއް އުފުލާފައިވެ އެވެ. އޭގެތެރޭގައި ޓެރަރިޒަމްގެ ދައުވާ އާއި ރިޝްވަތު ދިނުމުގެ ދައުވާ ހިމެނެ އެވެ. އަދި އޭގެ އިތުރުން ޝަޚްސު އޮޅުވާލި ކަމަށް ބުނެ ފާރިސްގެ މައްޗަށް ޖަލު ހުކުމެއްވެސް އިއްވާފައިވެ އެވެ. އެ މައްސަލައިގައި އިއްވި ހަތަރު މަހާއި 24 ދުވަހުގެ ޖަލުހުކުމް ފަހުން ހައިކޯޓުން ވަނީ ބާތިލުކޮށްފަ އެވެ. ފާރިސްގެ މައްޗަށް މި ދައުވާތައް އޭރު އުފުލާފައިވަނީ ރައްޔިތުންގެ މަޖިލީހުގެ އޭރުގެ ރައީސް އަބްދުﷲ މަސީހުގެ އިތުބާރު ނެތްކަމުގެ މައްސަލައިގައި ފާރިސް އިސްކޮށް ހަރަކާތްތެރިވާން ފެށި ހިސާބުންނެވެ.

40%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
60%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް