ads
ބަލިވި މީހަކު ހޮސްޕިޓަލަށް ގެންދަނީ--
އިންޑިއާގެ ގޮތް ނޭނގޭ ބަލި: ޖަވާބު ނެތް ގިނަ ސުވާލުތަކެއް!
ދެކުނު އިންޑިއާގެ އަންދްރަ ޕްރަދޭޝް ސްޓޭޓުގެ އެލޫރޫ އަވަށުގައި ގޮތް ނޭނގޭ ބައްޔެއްގެ ސަބަބުން މީހުން ބަލިވާން ފެށިތާ ހަފްތާއެއް ފަހުން، އެ ބަލި ދިމާވާ ސަބަބު މިހާތަނަށް ވެސް ސައިންސްވެރިންނަށް ހޯދިފައެއް ނުވެ އެވެ.

ޑިސެމްބަރު 6 ވަނަ ދުވަހުން ފެށިގެން ފިޓު ޖެހުމާއި، މޭ ނުބައި ކުރުމާއި، ހޭ ނެތުން ފަދަ ކަންކަން ދިމާވެ އެކަކު މަރުވެ 600 އަށް ވުރެ ގިނަ މީހުންނަށް ވަނީ ފަރުވާ ދޭން ޖެހިފަ އެވެ.

އެ ބަލީގެ ސިއްރު ދެނެގަތުމަށް އިންޑިއާގެ ސިއްހީ އިދާރާތަކާއި ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) އިން މަސައްކަތް ކުރަމުން ދާއިރު، އަދިވެސް ގިނައީ ޖަވާބު ހޯދިފައި ނުވާ ސުވާލުތަކެވެ.

އެގޮތުން ފެނުގައި އަދި ވައިގައި ދަގަނޑުގެ ބާވަތެއް ކަމަށްވާ ލެޑް ފެނިފައެއް ނުވާއިރު ބަލި މީހުންގެ ލެއިން އޭތި ފެނުނު ސަބަބެއް ދެނެގަނެވިފައެއް ނުވެ އެވެ. އަދި ލެޑް އާއި ނިކެލް އިންސާނުންގެ ހަށިގަނޑުގެ ތެރެއަށް އެތެރެވި ގޮތް ވެސް ހޯދިފައެއް ނުވެ އެވެ.

ލެޑްގެ ސަބަބުން ވިހަވެއްޖެ ނަމަ ބޮޑުވަރު ވަނީ ކުޑަކުދިންނަށެވެ. ނަމަވެސް މި ބަލީގައި ކުޑަކުދިންނާއި އެއް ވަރަށް ބޮޑެތި މީހުންނަށް ވެސް ވަނީ އަސަރުކޮށްފަ އެވެ. އަދި ކުޑަކުދިންނަށް ވަކިން ހާއްސަކޮށް ބޮޑުވަރުވެފައެއް ނުވެ އެވެ. 

ފިޓު ޖެހުމަކީ ސިކުނޑިއަށް އަސަރު ކުރާ ކަމަކަށް ވާތީ މި ބަލީގެ ސަބަބުން ފިޓު ޖެހުމަކީ ކަންބޮޑުވުމެކެވެ. ލެޑް އާއި ނިކެލްއިން އާއްމު ގޮތެއްގައި ފިޓު ޖެހުމަށް މަގުފަހިއެއް ނުވެ އެވެ. އެހެންވެ ބަލިވި މީހުން ފިޓު ޖެހެންވީ ސަބަބެއް ވެސް ނޭނގެ އެވެ.

މިއީ ފެނާއި، ވައި ފަދަ އެއްޗެއް ތަގައްޔަރުވެގެން ޖެހޭ ބައްޔެއް ނޫން ކަމަށް ސައިންސްވެރިން ގަބޫލުކުރެ އެވެ. އެކަމަކު މިހާތަނަށް ކުރި ޓެސްޓުތަކުން އެއްވެސް އިންފެކްޝަނެއް ފެނިފައެއް ނުވެ އެވެ. އެހެން ނަމަވެސް ބޮޑަށް ބުރަވެވެނީ މުޅިން އާ ވައިރަހެއްގެ ސަބަބުން ޖެހޭ ބައްޔެއް ކަމަށެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް