ads
ފޮޓޯ: ފޮރިން މިނިސްޓްރީ
ރާއްޖެއާއި އެސްވަތީނީއާ ދެމެދު ޑިޕްލޮމެޓިކް ގުޅުން ގާއިމްކޮށްފި
ރާއްޖެއާއި ކިންގްޑަމް އޮފް އެސްވަތީނީއާ ދެމެދު ރަސްމީކޮށް ޑިޕްލޮމެޓިކް ގުޅުން ގާއިމްކޮށްފި އެވެ.

ނިއުޔޯކްގައި ހުންނަ އދ.އަށް ދިވެހިރާއްޖެއިން ކަނޑައަޅާފައި ހުންނަ ދާއިމީ މިޝަންގައި ރޭ ބޭއްވި ރަސްމިއްޔާތެއްގައި، ދިވެހިރާއްޖެއާއި އެސްވަތީނީގެ ދެމެދުގައި ޑިޕްލޮމެޓިކް ގުޅުން ގާއިމްކުރުމާ ބެހޭ ޖޮއިންޓް ކޮމިއުނިކޭގައި ސޮއިކުރެއްވީ ދިވެހިރާއްޖޭގެ ފަރާތުން އދ އަށް ކަނޑައަޅާފައި ހުންނަވާ ދާއިމީ މަންދޫބު ތިލްމީޒާ ހުސެން އެވެ. އަދި އެސްވަތީނީގެ ފަރާތުން ސޮއިކުރެއްވީ އެސްވަތީނީއިން އދއަށް ކަނޑައަޅާފައި ހުންނަވާ ދާއިމީ މަންދޫބު މެލޫސީ މާރޓިން މަސޫކޫ އެވެ. 

ރަސްމީކޮށް ޑިޕްލޮމެޓިކް ގުޅުން ގާއިމްކުރުމާއެކު ދެ ގައުމުގެ މެދުގައި އެކި ދާއިރާތަކުން ގުޅުން ބަދަހިކޮށް، ބައިނަލްއަގްވާމީ މަސްރަހުގައި އެކުގައި މަސައްކަތްކުރުމަށް މަގު ފަހިވެގެންދާނެކަމަށް ފޮރިން މިނިސްޓްރީން ބުނެ އެވެ.

ފޮރިން މިނިސްޓްރީން ބުނީ ދެ ގައުމުގެ ދެމެދުގައި އޮންނަ ގުޅުމަށް އިހްތިރާމްކުރާ އަދި އޭގެ އަގު ވަޒަންކުރާ ގައުމުތަކާއެކު ގުޅުން ގާއިމްކުރުމަކީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ސޯލިހުގެ ހާރިޖީ ސިޔާސަތުގެ ތެރޭގައި އިސްކަމެއް ދެއްވާ އެއް ކަންތަކެވެ. 

އެސްވަތީނީއާއެކު ޑިޕްލޮމެޓިކް ގުޅުން ގާއިމްކުރުމުން، ދިވެހިރާއްޖެއިން ޑިޕްލޮމެޓިކް ގުޅުން ގާއިމްކޮށްފައިވާ ގައުމުތަކުގެ ޢަދަދަކީ މިހާރު 175 އެވެ. 

އެސްވަތީނީ އަކީ އެފްރިކާގެ ދެކުނުގައި، މޮޒަމްބީކް އާއި ދެކުނު އެފްރިކާ އާއި އިންވެގެން އޮންނަ، 1.1 މިލިއަން މީހުންގެ އާބާދީއެއްގެ ގައުމެކެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް