ads
ހުޅުމާލެ------ ފޮޓޯ:ޓްރެވަލް ލޮގް
ހުޅުމާލެ ސާފުކުރުމަށް ރައްޔިތުން ނުކުތުމަށް އެދެފި
"ސާފު ހުޅުމާލެ" ނަމުގައި ހޮނިހިރު ދުވަހު ބާއްވާ ހަރަކާތުގައި ބައިވެރިވެ، ހުޅުމާލޭ ސާފުކުރުމަށް ހުރިހާ ރައްޔިތުން ނިކުތުމަށް އެޗްޑީސީން އެދެފި އެެވެ.

ހުޅުމާލެ ސާފުކުރުމުގެ ޕްރޮގްރާމެއް މި މަހުގެ 19 ވަނަ ދުވަހު ބާއްވަން ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ނިންމައިފި އެވެ. އެ ހަރަކާތް ކުރިއަށް ގެންދިޔުމަށް ނިންމާފައިވަނީ ހޮނިހިރު ދުވަހުގެ ހަވީރު 16:00 އިން 18:00 އަށެވެ. 

އެޗްޑީސީން ވަނީ އެ ހަރަކާތުގައި ބައިވެރިވުމަށް އެދި ހުޅުމާލޭގެ އެންމެހާ ރައްޔިތުންނަށް ދައުވަތު އަރުވާފައެވެ. 

"އަޅުގަންޑުމެންގެ އިލްތިމާސްއަކީ ވީހާވެސް ގިނަ ބޭފުޅުން ކަނޑައެޅިފައިވާ ސަރަހައްދުތަކަށް ނިކުމެ އެއްބައިވަންތަ ކަމާއެކު މަގުތައް ސާފުކުރުމެވެ. އަދި މިކަމުގައި އެޗްޕީއޭގެ މިންގަނޑުތަކާ އެއްގޮތަށް އަމަލުކުރުމަށްވެސް އިލްތިމާސްކުރަމެވެ." އެޗްޑީސީން ބުނެއެވެ

"ސާފު ހުޅުމާލެ" ނަމުގައި ބާއްވާ އެ ޕްރޮގްރާމް ބޭއްވުމުގެ މަގްސަދަކީ ތިމާވެށި ސާފުކޮށް ބޭއްވުމަށް ބާރުއަޅައި، ހުޅުމާލޭގައި ކުނި ގިނަވެފައިވާ ސަރަހައްދުތައް ދެނެގަނެ އެ ތަންތަން ސާފުކުރުމުގެ އިތުރުން، ރައްޔިތުންގެ މެދުގައި ތިމާވެށި ސާފުކުރުމުގެ ލޯބި އާލާކުރުވުން ކަމަށް އެޗްޑީސީން ބުނެއެވެ. 

އެ ޕްރޮގްރާމްގައި އެޗްޑީސީގެ މުވައްޒަފުންގެ އިތުރުން ހުޅުމާލެގައި ހަރަކާތްތެރިވަމުންދާ ސަރުކާރުގެ ގިނަ މުއައްސަސާތަކާއި، އެންޖީއޯތައް އަދި ކުންފުނިތަށް ބައިވެރިވުމަށް ހަމަޖެހިފައިވާ އިރު، އެ ޕްރޮގްރާމް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ އެޗްޕީއޭގެ އުސޫލުތަކާއި އެއްގޮތަށް 15 މީހުންގެ ގްރޫޕްތަކަށް ބަހާލައިގެންނެވެ.

19 ވަނަ ދުވަހު ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މި ޕްރޮގްރާމް ފެށުމަށް ހަމަޖެހިފައިވަނީ އެ ދުވަހުގެ ހަވީރު 4:00 ގައި ހުޅުމާލޭ ރުއްގަނޑު 1 ސަރަހައްދުންނެވެ. ހަވީރު ހަތަރަކުން ހަޔަކަށް އެ ޕްރޮގްރާމް ކުރިއަށްދާ އިރު، ހުޅުމާލޭގައި އާންމުކޮށް ކުނި ގިނަވާ 40 ސަރަހައްދެއް ސާފުކުރުމަށް ވަނީ ހަމަޖެހިފަ އެވެ.

"ސާފު ހުޅުމާލެ" ނަމުގައި ބާއްވާ މި ޕްރޮގްރާމް ކޮންމެ އަހަރަކުވެސް ބޭއްވުމަށް ހަމަޖެހިފައިވާ އިރު މި ޕްރޮގްރާމްގެ ދަށުން ހުޅުމާލޭގެ އެކި ސަރަހައްދުތައް ސާފުކޮށް، ހުޅުމާލެއަކީ ސާފު ތަނަކަށް ހެދުމަށް އިތުރު ހަރަކާތްތަކެއް ބާއްވާ އާންމުން ހޭލުންތެރިކުރުވަން ރޭވިފައިވާ ކަމަށް އެޗްޑީސީން ބުނެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް