ads
ހިޔާ ފްލެޓުތަކުގެ ނަރުދަމާގެ މަސައްކަތް ކުރުން--
ހިޔާ ފްލެޓްގެ ނަރުދަމާގެ މަސައްކަތް މިމަހު ނިމޭނެ
ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ތަރައްގީކޮށްފައިވާ ހިޔާ ފްލެޓްތަކުގެ ނަރުދަމާގެ މަސައްކަތް މިމަހުގެ ނިޔަލަށް ނިންމާލެވޭނެ ކަމަށް މާލޭ ވޯޓާ އެންޑް ސްވަރޭޖް ކޮމްޕެނީ (އެމްޑަބްލިއުއެސްސީ) އިން ބުނެފި އެވެ.

އެމްޑަބްލިއުއެސްސީގެ މެނޭޖިން ޑިރެކްޓަރު ހަސަން ޝާހް އެކަން ހާމަކުރައްވާފައިވަނީ ދައުލަތުގެ މީޑިއާގެ ޕްރޮގްރާމެއްގައި ވާހަކަ ދައްކަވަމުންނެވެ. އެ ފްލެޓްތަކަށް ބޭނުންވާ ނަރުދަމާ ކަނެކްޝަންތައް ގުޅުމުގެ މަަސައްކަތް އެެކުންފުނިން ފެށީ ސެޕްޓެމްބަރު މަހުގެ ތެރޭގަ އެވެ. 

އެމްޑީ ޝާހް ވިދާޅުވީ ހިޔާ ފްލެޓްތަކުގެ އެޕާޓްމަންޓްތަކަށް ބޭނުންވާ ނަރުދަމާ ކަނެކްޝަންގެ ބޮޑު ބައެއް މިހާރު ވަނީ ނިމިފައި ކަމަށެވެ. އެގޮތުން އަންނަ އަހަރުގެ ފެބްރުއަރީ މަހަށް އެ މަސައްކަތް ނިންމާލެވޭނެ ކަމަށް ކުރިން އެ ކުންފުނީގެ ފަރާތުން ލަފާކުރި ނަމަވެސް މަސައްކަތްކުރިއަށްދާ ގޮތަށް ބަލާއިރު މިމަހުގެ ނިޔަލަށް ފްލެޓްތަކަށް ނަރުދަމާ ގުޅުމުގެ މަސައްކަތް އެއްކޮށް ނިންމާލެވޭނެ ކަމަށް އުއްމީދުކުރައްވާ ކަމަށް ޝާހް ވިދާޅުވި އެވެ.

ޝާހް ވިދާޅުވި ގޮތުގައި ނަރުދަމާ ގުޅުމުގެ 80 އިންސައްތަ މަސައްކަތް މިހާރު ވަނީ ނިމިފަ އެވެ.

އޭގެ އިތުރުން ޝާހް ވިދާޅުވީ، ހިޔާ މަޝްރޫއުގެ ދަށުން ތަރައްގީކޮށްފައިވާ ފްލެޓްތަކަށް އެކުންފުނީގެ ފަރާތުން ފެނުގެ ހިދުމަތް ފޯރުކޮށްދިނުމަށް ހަމަޖެހިފައި ވަނީ އެތަން މެއިންޓެނެންސްކުރާ ފަރާތުން ހަދާފައިވާ ބޮޑެތި ފެން ތާންގީތަކެއް މެދުވެރިކޮށް ކަމަށެވެ. އެގޮތުން އެތާންގީތަކާއި ހިސާބަށް އެކުންފުނިން އަޅަން ޖެހޭ ނެޓްވޯކް އަޅާ ނިމިފައިވާ ކަމަށް ވެސް ޝާހް ވިދާޅުވި އެވެ.

ޗައިނާ ސްޓޭޓް ކޮންސްޓްރަކްޝަން އިންޖިނިއަރިން ކޯޕަރޭޝަން (ސީއެސްސީއީ) އިން ފްލެޓް އެޅުމުގެ މަސައްކަތްކުރަމުން އަންނައިރު އެއީ 434 މިލިއަން ޑޮލަރުގެ މަޝްރޫއުއެކެވެ. 

މި މަސް ނިމުމުގެ ކުރިން ހިޔާ މަޝްރޫއުގެ ދަށުން ފްލެޓް ލިބުނު މީހުންގެ ދާއިމީ ލިސްޓު އިއުލާންކުރެވޭނެތޯ ބެލުމުގެ މަސައްކަތް ފްލެޓް ކޮމިޓީން ކުރަމުން އަންނައިރު ފްލެޓް ކޮމިޓީން މިހާރު ވަނީ ސިވިލް ސާވިސް މުވައްޒަފުންނަށް ހާއްސަ ކުރި ފްލެޓްތަކުގެ ވަގުތީ ލިސްޓް ފިޔަވައި ހުރިހާ ކެޓަގަރީއެއްގެ ލިސްޓު އާންމުކޮށްފަ އެވެ. 

މިފަހުން ވަނީ ދިރިއުޅުމުގެ ހާލަތު ބަޔަކަށް ޕޮއިންޓް ދިން ގޮތާއި މެދު ސޯޝަލް މީޑިއާގައި ދެބަސްވުން ބޮޑުވެ، ޕޮއިންޓްދިން ގޮތުގެ އުސޫލު ވެސް އާންމުކޮށްފަ އެވެ. އެގޮތުން ދިރިއުޅުމުގެ ހާލަތުގެ ބަޔަށް އިންސާފުވެރިކަމާއި ހަމަހަމަކަމާއެކު ޕޮއިންޓް ދިނުމަށް ހާއްސަ މިންގަނޑެއް އެކުލަވާލާފައި ވަނީ، ޕްލޭނިން އެންޑް ހައުސިން މިނިސްޓްރީ ފަންނީ ލަފަޔާއެކު ކަމަށް ފްލެޓް ކޮމިޓީން ބުނެ އެވެ.

އެ ކޮމިޓީން ބުނީ ދިރިއުޅުމުގެ ހާލަތު ދެނެގަތުމަށް އެކުލަވައިލާފައިވާ މިންގަނޑުގައި ހިމެނޭ މައުލޫމާތު ކުރިން ހާމަކޮށްފައި ނުވަނީ، އެ މައުލޫމާތަކީ ކުރިން ހާމަކޮށްފިނަމަ، އެންމެ އިންސާފުވެރިކަމާއެކު ޕޮއިންޓް ދިނުމަށް ހުރަސްއެޅޭނެ މައުލޫމާތެއްކަމަށް ކޮމިޓީއަށް ފެންނާތީ ކަމަށެވެ. 

50%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
50%
ވަރަށް ސަލާމް
ކޮމެންޓްސް