ads
ޕީޖީ ހުސައިން ޝަމީމް-- ފޮޓޯ: ސީއެންއެމް
"ވާނުވާ" ބަންދުގެ ހަގީގީ ވެކްސިނަކީ އަވަހަށް މައްސަލައިގެ ޝަރީއަތް ހިންގުން: ޝަމީމް
"ވާނުވާ" ބަންދުގެ ހަގީގީ ވެކްސިނަކީ އަވަހަށް މައްސަލައިގެ ޝަރީއަތް ހިންގުން ކަމަށް ޕްރޮސެކިއުޓާ ޖެނަރަލް ހުސެއިން ޝަމީމް ވިދާޅުވެއްޖެ އެވެ.

ޝަމީމް މިހެން ވިދާޅުވެފައި ވަނީ "ވާނުވާ ބަންދުގެ ހަގީގީ ވެކްސިން" ގެ ނަމުގައި އޭނާގެ ބްލޮގްގައި ލިޔުއްވި ލިޔުމެއްގަ އެވެ. 

އެ ލިޔުން ފައްޓަވަމުން ޝަމީމް ވިދާޅުވީ ރާއްޖޭގެ ޖިނާއީ އަދުލުގެ ނިޒާމުގައި އެންމެ ބޮޑަށް ދެކެވޭ އެއް ވާހަކައަކީ، ޝަރީއަތް ނިމެންދެން މީހުން ބަންދުގައި ބޭތިއްބުމަށް ކޯޓުން ކުރާ “ވާނުވާ” އަމުރެއްގެ ވާހަކަ ކަމަށާއި އަދި އެކަމަކީ ވަރަށް ކަންބޮޑުވާ ކަމެއް ކަމަށެވެ.

އެގޮތުން ޕީޖީގެ މަގާމަށް އައްޔަންވުމުގެ ކުރިން ވެސް އަދި ފަހުން ވެސް ވާނުވާ އަށް ހައްލު ގެނެވޭތޯ އެކި ފޯރަމްތަކުގައި އެކި ގޮތްގޮތަށް މަސައްކަތްކުރެވިފައިވާކަން ފާހަގަކޮށް ލިޔުމުގައި ވަނީ ޝަރީއަތް ނިމެންދެން ބަންދުކުރަން ގާނޫނު ހުއްދަކުރަނީ ވެސް ވަރަށް ނާދިރު ހާލަތުތަކުގައި، އެމީހެއްގެ ފަރާތުން ހަގީގަތުގައިވެސް މުޖްތަމައަށް ނުރައްކާވާ މީހުންނަށް ކަމަށެވެ. 

"އެކަމަށް ވަކި މިންގަނޑެއް ގާނޫނު ތަންފީޒުކުރާ އިދާރާތަކުން ގެންގުޅެއެވެ. އަޅުގަނޑު މަޤާމާ ޙަވާލުވިފަހުން، މިދެންނެވި މިންގަނޑު އަދި އިތުރަށް ވާނީ ހަރުކަށި ކޮށްފައެވެ. މިހާރު ބަންދުގައި ތިބޭނީ ކޮންމެހެން ބަންދުގައި ތިބެންޖެހޭކަމަށް ފެންނަ މީހުންނެވެ. މިސާލަކަށް، މީހުން މެރިކަމަށް ތުހުމަތުވާ މީހުންނާއި ކުޑަކުދިންނަށް ޖިންސީ ގޯނާކުރި ކަމަށް ތުހުމަތުވާ މީހުންނާއި ބޮޑެތި ޢަދަދުތަކުން ޑްރަގް ޓްރެފިކްކުރާކަމަށް ތުހުމަތުވާ މީހުންނެވެ،" އެ ލިޔުމުގައިވެ އެވެ.

ޝަމީމް ވިދާޅުވީ ވާނުވާގެ މައްސަލަ ދެނެގަތުމަށްޓަކައި އެކަން އުފެދިގެން އައި ގޮތް ދެނެގަންނަންޖެހޭކަމަށާއި މީހެއްގެ ބަންދު، ވާނުވާއަކަށްވަނީ، އެމީހެއްގެ ޝަރީއަތް ފެށޭނެ ދުވަހެއް، ނިމޭނެ ދުވަހެއް ނޭނގި، ޝަރީއަތް ޝެޑިއުލްކުރާނެ ދުވަހެއްވެސް ނޭނގި ހުންނާތީ ކަމަށެވެ. 

ޖިނާއީ އިޖުރާއަތުގެ ގާނޫނު ތަސައްވަރު ކުރަނީ ކޮންމެ ކަމަކަށްވެސް ވަކި މުއްދަތުތަކެއް އޮތުމުން ކަމަށާއި އެގޮތުން، މީހަކު ހައްޔަރުކުރާ ދުވަހުން ފެށިގެން އެމީހެއްގެ މައްސަލަ ތަހްގީގު ނިންމާ ޕީޖީ އޮފީހަށް ފޮނުވާނެ މުއްދަތެއް ގާނޫނުގައި އެބަ އޮތް ކަމަށާއި އެ މައްސަލައެއްގައި ދައުވާއެއް ކުރާނަމަ، ކުރަންޖެހޭނެ މުއްދަތެއް އެބަ އޮތްކަމަށާއި ބަންދުގައި ހުރި މީހަކު ނަމަ، 30 ދުވަސް، ބަންދުން ވީއްލިފައި ހުރިނަމަ، 45 ދުވަސް ކަމަށް ޕީޖީ ވިދާޅުވެ އެވެ.

ޝަމީމް ވިދާޅުވީ ވާނުވާގެ މައްސަލަ ހައްލުކޮށް، ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 116 ވަނަ މާއްދާގެ (ހ) ގައި ބުނާ ތާވަލާ އެއްގޮތަށް ޝަރީއަތް ހިންގުމަށްޓަކައި، އެންމެ އުފެއްދުންތެރި ޙައްލެއްކަމަށް ދުނިޔޭގެ އެހެން ޤައުމުތަކުގައި ކުރާ ކަމަކީ ދެމިގެންދާ ގޮތަށް އަޑުއެހުންތައް ކުރިއަށް ގެންދިއުން ކަމަށެވެ. އެމައްސަލައެއްގެ ޝަރީޢަތް ފެށުމުގެ ކުރިން، ދެފަރާތުން ތައްޔާރުވާން އެކަށީގެންވާ މުއްދަތެއް ދިނުމަށްފަހު ޝަރީޢަތް ފަށާނީ ކަމަށް ވިދާޅުވެ ޝަމީމް ވަނީ ޝަރީޢަތް ފެށުމަށްފަހު، އެމައްސަލައެއްގެ ޝަރީޢަތުގެ އަޑުއެހުންތައް ނިމެންދެން ޝަރީޢަތް ކުރިއަށް ގެންދާނީ ކަމަށް ވިދާޅުވެފަ އެވެ. 

ޝަމީމް ވިދާޅުވީ "ވާނުވާ" ބަންދުގެ ހަގީގީ ވެކްސިނަކީ އަވަހަށް މައްސަލައިގެ ޝަރީއަތް ހިންގުން ކަމަށާއި ޖިނާއީ އިޖުރާއަތުގެ ގާނޫނު ތަސައްވަރު ކުރާ ގޮތަކީވެސް އެއީ ކަމަށާއި އަދި އެވާހަކަ، ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 116 ވަނަ މާއްދާގައި ވެސް އޮތީ އެގޮތަށް ކަމަށެވެ. ޝަމީމް ވިދާޅުވި ގޮތުގައި ގާނޫނު ތަންފީޒުވާން ފެށުމުން ވާނުވާވުމުގެ ފުރުސަތެއް ވެސް ނޯންނާނެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް