ads
ހައިކޯޓުން ޓެގް އެޅުމުގެ އަމުރު ނެރުނީ ބުރާސްފަތި ދުވަހުކަމަށްވޭ--
ޑީއެންއޭއިން ބައްޕަ ސާބިތު ނުކުރުވޭނެ ކަމުގެ ހުކުމާއެކު ކަންބޮޑުވުން
ޒިނޭކޮށްގެން ލިބުނު ކުއްޖެއްގެ ބައްޕައަކީ ކާކުކަން ސާބިތު ކުރަން ޑީއެންއޭ ބަލައިނުގަނެވޭނެ ކަމަށް ހައި ކޯޓުން މިދިޔަ ބުރާސްފަތި ދުވަހު ކުރި ހުކުމަކާ ގުޅިގެން ބައެއް ފަރާތްތަކުން ކަންބޮޑުވުން ފާޅުކުރަމުން އެބަދެ އެވެ.

ހައި ކޯޓުން އެގޮތަށް ނިންމީ ދ. އަތޮޅު ރަށެއްގައި ދެ މީހަކު ޒިނޭކުރި މައްސަލައެއްގެ އިސްތިއުނާފު މަރުހަލާގަ އެވެ. މައްސަލާގައި ހިމެނޭ ފިރިހެން މީހާ ވަނީ ޒިނޭ ކުރި ކަމަށް އިންކާރުކޮށްފަ އެވެ. 

ނަމަވެސް އަންހެން މީހާ ދަރިފުޅު ވިހެއުމަށް ފަހު ބުނެފައި ވަނީ އެ ކުއްޖާގެ ބައްޕައަކީ އިންކާރު ކުރި ފިރިހެން މީހާ ކަމަށެވެ. އަދި ކުއްޖާގެ ޑީއެންއޭ ވަނީ ފިރިހެން މީހާއާ ދިމާވެފަ އެވެ.

އެކަމަކު ކޯޓުން ކުރި ހުކުމުގައި ބުނީ ޒިނޭގެ މައްސަލަތަކުގައި ބައްޕަ ސާބިތު ކުރަން ކޯޓަށް ޑީއެންއޭ ބަލައިނުގަނެވޭނެ ކަމަށާއި ފިރިހެން މީހާ އާއި ކުއްޖާގެ ޑީއެންއޭ ދިމާވި ނަމަވެސް އިސްލާމީ ޝަރީއަތުގައިވާ ގޮތުން އެއީ ޒިނޭ ސާބިތު ކުރެވޭނެ ހެއްކެއް ނޫން ކަމަށެވެ. 

"އިސްލާމީ ޝަރީޢަތުގައި ޑީއެންއޭ އެއްވެސް މައްސަލައެއްގެ ޙުއްޖަތެއް ނުވަތަ ޤަރީނާއެއްގެ ގޮތުގައި ބޭނުން ކުރެވޭނީ އޭގައި ޝަރުޢީ ގޮތުން މުހިންމު ޝަރުޠުތަކެއް ފުރިހަމަވެގެން ކަމުގައި މުސްލިމު ފިޤުހުވެރިން ބަޔާން ކޮށްފައިވެއެވެ. އެއިގެ ތެރޭގައި ޑީއެންއޭ ތަޙުލީލުގެ ނަތީޖާ ކީރިތި ޤުރުއާނާއި ނަބިއްޔާގެ ސުންނަތުގެ އަޞްލަކާ ކަނޑައެޅިގެން ޚިލާފުވެގެން ނުވާނެއެވެ. އެއީ ޝަރުޢީ ނުޞޫޞްތައް އިހުމާލުވެގެން ހިނގައިދާނެތީއެވެ." ޙުކުމުގައި ވެއެވެ.

ހައި ކޯޓުގެ ހުކުމުގައި ފާހަގަކޮށްފައިވާ ގޮތަށް ޒިނޭކޮށްގެން ލިބޭ ދަރިން ނިސްބަތްވާ ފިރިހެނަކު ހޯދުމަށް ޑީއެންއޭ ޓެސްޓު ހެދުމަކީ ހުއްދަ ނޫން ޙަރާމް ކަމެއް ކަމަށް ރާއްޖޭގެ އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލިހުން މީގެ ކުރިން ކަނޑައަޅާފައި ވެއެވެ. 

އެކަމާ ގުޅިގެން ސޯޝަލް މީޑިއާގައި ހިޔާލުފާޅުކުރަމުންދާ ބައެއް މީހުން ބުނެފައި ވަނީ މި ހުކުމަކީ ރާއްޖޭގައި އަންހެނުންގެ ހައްގުތައް ކުރިއެރުވުމުގައި ފަހަތަށް އެޅި ފިޔަވަޅެއް ކަމަށެވެ. 

ކުރީގެ ފޮރިން މިނިސްޓަރު އަހްމަދު ޝަހީދު ވިދާޅުވީ މިފަދަ ހުކުމެއްގެ ސަބަބުން ރޭޕް ކުރާ މީހުންނަށް ލިބެނީ ހިތްވަރެއް ކަމަށެވެ. މިކަން މިގޮތަށް ވިޔަ ނުދިނުމަށް އަންހެނުންނާއި އަންހެން ކުދިންގެ ހައްގުތައް ކަށަވަރު ކުރެވޭނެ ގާނޫނެއް މަޖިލީހުން ފާސްކުރަން ޖެހޭނެ ކަމަށް ޝަހީދު ވިދާޅުވި އެވެ.

ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ނައިބު ރައީސް އަދި އަންހެނުންގެ ކަންކަމާ ބެހޭ ކުރީގެ ޑެޕިއުޓީ މިނިސްޓަރު އަނީސާ އަހްމަދު ވިދާޅުވީ މި ހުކުމް ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރަން ޖެހޭނެ ކަމަށެވެ. އެހެން ނަމަވެސް ހުކުމް އިސްތިއުނާފް ކުރުމާ ގުޅޭ ގޮތުން ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ވަކި އެއްޗެއް ނުބުނެ އެވެ. 

ކަންބޮޑުވުން ފާޅުކުރި އިތުރު މީހަކު ބުނެފައި ވަނީ އިސްލާމީ ޝަރީއަތުގައި ބައްޕަ ސާބިތު ކުރަން ޑީއެންއޭ ބޭނުން ނުކުރެވޭނެ ކަމަށް ހައި ކޯޓުން ބުނާ ބުނުން ގަބޫލު ނުކުރެވޭ ކަމަށާއި އިޖްތިހާދަށް ބިނާކޮށް އިލްމުވެރިންގެ ވިސްނުން ތަފާތުވާ ހާލަތްތައް އަންނަމުންދާ ކަމަށެވެ.


މި ހުކުމާ ގުޅިގެން ބަޔެއް މީހުންގެ ކަންބޮޑުވުން ހުރިއިރު އެ ހުކުމަށް ތާއީދުކޮށް ވެސް ސޯޝަލް މީޑިއާގައި ބައެއް ފަރާތްތަކުން ހިޔާލުފާޅުކޮށްފައި ވެއެވެ. އެގޮތުން އެއް ބަޔަކު ބުނެފައި ވަނީ މި ހުކުމް ގުޅިފައި ވަނީ ބައްޕަ ސާބިތު ކުރުމާ ނޫން ކަމަށާއި، ގުޅިފައި ވަނީ ފިރިހެން މީހާ ޒިނޭކުރިތޯ ސާބިތު ކުރުމާ ކަމަށެވެ. 
0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
100%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް