ads
ވީޑިއޯ ރިޕޯޓް
ގައުމު ކުނިވެފައި: އީޕީއޭ ހެވިފައި!
ކޮވިޑް-19 އާއެކު ބޮޑު ގޭ ބަންދެެއްގައި ތިބުމަށް ފަހު ލިބުނު ލުއިތަކާއެކު ހަފުތާ ބަންދެއް އަންނައިރަށް ނައްޓާލަން ފެށީ މާލެ ކައިރީ ފިނޮޅުތަކަށެވެ. ކަމާއި ކަން ފަށާއި ރައްޓެހިންނާއި ގާތް ތިމާގެ އެންމެން އެކީ ދަތުރުގޮސް ނިކަން މަޖާ ނެގުމަށް ފަހު، އެ ގެންދާ ސާމާނުތައް ދޫކޮށްލަނީ އެއްކަލަ ހުދު ދޮންވެލި ފިނޮޅުތަކަށެވެ. އެ ބަޔަކު އުފައްދާ ކުންޏެއް އެތަނަކަށް ދޫކޮށްލާފައި މި އަންނަނީ ގޭ ދޮށަށް ވެމްކޯ މުވައްޒަކުން ކުނި ނަގަންދާ އުސޫލުން މި ކުނިތައް ވެސް ނަގަންދާނެ ކަމަށް ހީކޮށްބާއޭ ހިތަށް އަރަ އެވެ.

މީގެ މަހެއްހާ ދުވަސްކުރިން ވެސް ދެއްކީ ހަމަ މި ވާހަކަ އެވެ. އޭރު ސޯޝަލް މީޑިއާ އިން ފެނިގެންދިޔަ ފޮޓޯތަކަކުން ފެނިގެންދިޔައީ ދަތުރުދިޔަ ބަޔަކު ޕިކްނިކް ހަދާލުމަށް ހިފައިގެންދާ ޓެންޓާއި ކަރުދާސް ފޮއްޓާއި ފޮއްޗާއި ޖަންބޯ ބޭގާއި ޕްލާސްޓިކް ކޮތަޅާއި ޕްލާސްޓިކް ފުޅިތަކުން ފިނޮޅެއް ގޮނޑުކޮށްލާފައި ހުރި މަންޒަރެވެ. އެއް ފުންޏަކަށް ކުނިތައް އެޅުމަށް ފަހު މުޅި ތަން ގޮނޑުކޮށްލާފައި އޮތްއިރު އެފަދަ ފޮޓޯތަކެއް ސޯޝަލް މީޑިއާއަށް ހިއްސާކުރި މީހަކު ވަނީ އެތަނަށް ކުނި ބަލާއި ވެމްކޯ ލޮރީ ނުދާނެކަމާއި އެ ކުނިތައް ގެންދަން ޖެހޭނީ އެ ހިފައިގެން އެތަނަށް ދިޔަ ބައެއް ކަމަށް ބުނެ ފާޑުކިޔާފަ އެވެ. 

ކޮންމެ މީހަކު ބުންޏަސް ތެދެކެވެ. މަޖާ ނަގަން އޮތްހާ ސާމާނެއް ހިފައިގެން ގޮސް، އެތަނަށް ބާކީ ސާމާނު ފުންޏަކަށް ޖެހުމުން ދެން ފެނިގެންދަނީ އެހެން ބަޔަކު ވެސް ގޮސް ކުނި ފުންޏެއް ކަމަށް ހީކޮށް އެތަނަށް އެއްޗެހި އެެއްކުރާ މަންޒަރެވެ. މިހެން ގޮސް، އެއްކޮށްފައި ހުރި ކުނީގެ އުސްމިނުގައި ފަސް ވަރަކަށް ފޫޓު ހުރި މަންޒަރު ފެނުނެވެ. 

މި ފޮޓޯތަކެއް އާންމުވިތާ މަހެއް ފަހުން އަނެއްކާ ވެސް މި ވާހަކައެއް ތަކުރާރުކޮށް ދައްކަން މިޖެހުނީ ހަމަ އެއްވެސް ހައްލެއް ނުފެނުމުންނެވެ. މިފަހުން ވެސް މިގޮތަށް ފިނޮޅެއްގައި ކުނި ފުންޏެއް ޖަހާފައި ހުރި މަންޒަރު ހިތަށް އެރީ ހަމަ ދިވެހިން ހަމަ އެހާ ބޯގޯހީތޯ؟ އެވެ. އިންސާނެއްގެ ހިލަމެއް ނެތް ތަނެއްގައި ހިތަންމެ ބޮޑު ކުނި ފުންޏެއް އެއްކުރިޔަސް އެ ބަޔަކު ގޮސް ނުނަގާހާ ހިނދަކު ހަމަ އެ ކުނި ފުނި އެތަނުގައި ހުންނާނެ އެވެ. ނޫންނަމަ ވައިގަދަވެ މޫދަށް ކުނިބުނި ބުރާއި ކަނޑުގެ ދިރުންތަކަށް ވެސް އޭގެ ނުރަނގަޅު އަސަރުކުރާނެ އެވެ. 

މިހެން ބުންޏަސް ދޭތެރެއަކުން ކޮންމެވެސް ކުދި ބައެއްގެ ބޮލަށް އުނދަގޫވެގެން މި ބުނާ ކުނިތައް ނަގާއި ތަންތަން ސާފުކުރާ މަންޒަރު ފެނެ އެވެ. އެކަމަކު ހަމަ ކޮންމެ ފަހަރަކު ބަޔަކު ގޮސް ތަން ސާފުކުރަންދެން މިހެން ކުނިތައް ބެހެއްޓުމުން އެނގިގެންދަނީ ތިމާގެ ވެސް މުޑުދާރު ކަމެވެ. ހަމަ އެއްވެސް ގޮތެއް ފޮތެއް ވެސް ނެތްކަމެވެ. ހަމައެކަނި ގައިން ސާފުތާހިރުވުމަކީ ސާފު ތާހިރުވުންކަމަށް ދެކި އުޅޭނަމަ ދެން ތިމާގެ ވިސްނުމުގައި ވެސް ކޮންމެވެސް އުނިކަމެއް ހުރި ކަމަށް ގަބޫލުކުރަންޖެހެ އެވެ. 

ކުނި އަޅާ ތަނަކަށް ހަމައެކަނިވެފައި މިއޮތީ ފިނޮޅުތަކެއް ވެސް ނޫނެވެ. ވެރިރަށް މާލޭގެ ހަލަބޮލި މަގުތަކަށް ބަލާލި ނަމަވެސް އެ މަންޒަރު ފެނިގެންދެ އެވެ. ވަކި ވަގުތުތަކެއްގައި ވެމްކޯ އިން ކުނި ބަލައި އަންނަކަން އެނގޭއިރު ވެސް އެ ވަގުތު ފަހަނަ އަޅާއި ދިއުމުން އެއްކަލަ ކުނި ކޮތަޅު ބޭރަށް ނެރޭ މަންޒަރު ފެނެ އެވެ. ދެން ފެނިގެންދާނީ ބުޅާ، އެ ސޮރުމެންގެ ކޮއްތު ހޯދަން ނިކުމެ، މި ބުނާ ކޮތަޅު ހާވާއި، މަގަށް ކާނެ ސާމާނު އަޅާއި ހަޑިކޮށްފައި އޮންނަ މަންޒަރެވެ. އަނެއް ކޮޅުން ބަލާއިރު ގޭގެ ފަރުނީޗަރު ބަދަލުކޮށް، ގޭގައި ބާވެފައި ހުރި ސާމާނު ބޮނޑި ނެރެ މަގު މައްޗަށް ފުންޏަކަށް ޖަހާފައި ހުންނަ މަންޒަރު ފެނިގެންގޮސްދާނެ އެވެ. އެއީ ހިނގާބިނގާވެ އުޅޭ މީހުންނާއި ދުއްވާ އެއްޗެހި ދުއްވާ މީހުންނަށް ކިތަންމެ އުނދަގުލެއް ވިޔަސް ވަރިހަމަ އެވެ. ދެން ކޮންމެވެސް ބަޔަކު މައްސަލައެއް ޖައްސައިގެން ނޫން ގޮތަކަށް އެތަން ސާފުކުރުމުގެ ވިސްނުމެއް ވެސް ހަމަ ނާންނަނީ އެވެ. 

ކުނީގެ މި ވާހަކަތައް ދައްކާއިރު މީގެ ހަފްތާއެއް ކުރީގެ ހަނދާނެއް ވެސް އާކޮށްލާނަމެވެ. މައްޗަންގޯޅީ ދެވިނަ މަގުގައި ހުއްޓިލައިގެން މިހުރީ ބަޔަކު މީހުން އެ ސަރަހައްދުގައި ކުނި އެއްކޮށްފައި އޮތް "ގޮނޑަކުން" ޕިކަޕަށް ޓިނުތަކެއް އަރުވަމުންދިޔަ ވަގުތެއްގަ އެވެ. އިރުކޮޅަކުން ފެނިގެންދިޔައީ އެންވަޔަރަމަންޓަލް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އިން ޑިރެކްޓާ ޖެނަރަލް އިބްރާހީމް ނައީމް ސައިކަލެއްގައި އައިސް މަޑުކޮށްލެއްވި މަންޒަރެވެ. ކޮންމެއަކަސް، ހިތު ހުރި ގޮތަކަށް އެކި ތަންތަނަށް ކުނި އަޅާފައި އޮތް ތަނެއްގައި ހުންނަވާ ނައީމްބެ ވިދާޅުވި އެއްޗަކުން ވިސްނާލަން ޖެހުނެވެ. މީހުން ފެންނަ ތަނަކަށް ކުނި އަޅަމުންދާއިރު ވެސް ބަލަހައްޓައިގެން ހުންނަވަނީތޯ މީހަކު ސުވާލުކުރުމާއެކު ނައީމްބެ ވިދާޅުވީ "އަހަރެންގޭ ދޮރު މައްޗަށް ކުނި އަޅައިފިއްޔާ ލަޑާނެ" ކަމަށެވެ. 

މިއާއެކު އަހަރެންގެ ހިތުގައި އުފެދޭ ސުވާލަކީ ހުރިހާ ކަމެއްގެ ހައްލަކީ ވެސް ހަމަ އެ ވިދާޅުވާ "ލެޑުން" ތޯ؟ އެވެ. ވައްކަމެެއް ކުރިޔަސް ފޭރުނަސް ހަމަ ތަޅާލަނީ އެވެ. އަދި ކުނި އެޅީމާ ވެސް ހަމަ އެމީހެއްގެ ގައިގައި ތާޅާލައިގެން ނޫން ގޮތަކަށް މިކަމަށް ހައްލެއް ނުގެނެވެނީތޯ؟ އެވެ.

ކޮންމެއަކަސް ނައީމް މިގޮތަށް ވިދާޅުވުމަކީ ބަލައިގަންނަން ދަތި ކަމެކެވެ. ސަބަބަކީ އީޕީއޭގެ ޑިރެކްޓާ ޖެނަަރަލްގެ މަގާމާ ހަވާލުވުމަށް ފަހު، ހަމަ ކޮންމެ ތަނަކުން ފެނުނަސް ނައީމް ވާނީ ހަމަ ނައީމަށެވެ. އެއީ ސޯޓު ލައިގެން މޫދަށް އެރެން ދިޔަ ނަމަވެސް އޭނާގެ ޒިންމާ އާއި މަސްއޫލިއްޔަތަކަށް ކުޑަ ވެސް ބަދަލެއް އަންނާނެ ކަމަށް ގަބޫލެއް ނުކުރެވެ އެވެ. 

އަހަރެންގެ ނަޒަރުގައި ތަންތަނަށް ކުނި އެޅުމުން ނައީމް ވިދާޅުވާ ގޮތަށް އެ ކުނި އަޅާ މީހެއްގެ ގައިގައި "ލެޑުމަކީ" ހައްލެއް ނޫނެވެ. އޭގެ ބަދަލުގައި އެމީހެއްގެ ކުންޏަކާއި މެދު އެމީހަކު ޒިންމާވާން ދަސްކުރަން އެބަޖެހެ އެވެ. 

33%
ކަމުގޮސްފި
33%
އަޑުއެހިތާ މިހުރީ
33%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް