މަޝްހޫރު ފިލްމީ ތަރި މަލީހާ ވަހީދު (މަލް)ގެ މައްޗަށް އުމުރު ދުވަހުގެ ޖަލު ހުކުމެއް އިއްވާފާނެ ދައުވާއެއް ދައުލަތުން އުފުލައިފި އެވެ.

Advertisement
މަޝްހޫރު ފިލްމީ ތަރި މަލީހާ ވަހީދު (މަލް)ގެ މައްޗަށް އުމުރު ދުވަހުގެ ޖަލު ހުކުމެއް އިއްވާފާނެ ދައުވާއެއް ދައުލަތުން އުފުލައިފި އެވެ.
ދައުލަތުން މަލްގެ މައްޗަށް މަސްތުވާތަކެތީގެ ބޮޑު ދައުވާއެއް އުފުލާފައި މިވަނީ މިދިޔަ އޯގަސްޓް މަހުގެ 27 ވަނަ ދުވަހު އޭނާ، އިތުރު އަންހެނާ އެކު އދ. މާމިގިއްޔަށް ކުރި ދަތުރުގައި މަލްގެ ދަބަހުން މަސްތުވާތަކެތި ފެނުނު މައްސަލައިގަ އެވެ.
މާމިގިލީ ބަންދަރު ސަރަހައްދުން މަލްއާ، ދެން ހުރި އަންހެން މީހާ ހުއްޓުވައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް ބަލައި ފާސްކުރިއިރު މި ދެމީހުން ގެންގުޅުނު ދަބަހުން މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި ޖޫސްޕެޓީ ކޮތަޅަކާއި މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި ޕެކެޓެއް ފެނިފައިވާ ކަމަށްވެސް ފުލުހުން ވަނީ މީގެކުރިން ބުނެފަ އެވެ.
މިމައްސަލަ ތަހުގީގުކޮށް ފުލުހުންގެ އިދާރާއިން ޕީޖީ އޮފީހަށް މައްސަލަ ފޮނުވުމުން މަލްގެ މައްޗަށް ދައުލަތުން އުފުލާފައިވަނީ ދެ ދައުވާ އެކެވެ. އެއީ ޑައިމޯފިން ޓްރެފިކް ކުރުމުގެ ދައުވާ އާއި، ކެނެބިސް ބޭނުން ކުރުމުގެ ދައުވާ އެވެ.
މަލްއާ އެކު ހައްޔަރުކުރި އަންހެން މީހާގެ މައްޗަށް ވެސް މި ދެ ދައުވާ ވަނީ އުފުލާފަ އެވެ.
މި ދެ ދައުވާގެ ތެރެއިން ޑައިމޯފިން ޓްރެފިކް ކުރުމުގެ ދައުވާ ސާބިތުވެއްޖެނަމަ އުމުރު ދުވަހުގެ ޖަލު ހުކުމެއް އިއްވާ، އެއްލައްކަ ރުފިޔާ އާއި ދިހަ މިލިއަން ރުފިޔާ އާއި ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރާނެ އެވެ. ކެނެބިސް ބޭނުން ކުރުމުގެ ދައުވާ ސާބިތުވެއްޖެނަމަ ތިން އަހަރު ދުވަހުގެ ޖަލު ހުކުމެއް ވެސް އޭނާގެ މައްޗަށް އިއްވާނެ އެވެ.
މަލްގެ މައްޗަށް ދައުލަތުން ކުރާ ދައުވާ ސާފު ކޮށްދިނުމަށް މިއަދު އޭނާ ކޯޓަށް ހާޒިރުކުރުމުން ވަނީ ދައުވާއަށް އިންކާރުކޮށްފަ އެވެ.
މަސްތުވާތަކެތީގެ މައްސަލައިގައި މަލް ހައްޔަރުކުރި ނަމަވެސް އޭނާ މިހާރު ހުރީ ދޫކޮށްލާފަ އެވެ. މިމައްސަލަ ފެންމަތިވި ފަހުން މަލް މުޅިންހެން ގެއްލިފައިވީ ނަމަވެސް މިދިޔަ ހުކުރު ދުވަހުގެ ރޭ ބޭއްވި ނުވަވަނަ ގައުމީ ފިލްމު އެވޯޑްސް ހަފްލާގައި މަލް ވަނީ ބައިވެރިވެފަ އެވެ.