ads
މިނިސްޓަރު އިމްރާން އަބްދުﷲ-- ފޮޓޯ: ރައްޔިތުންގެ މަޖިލިސް
ފުލުހުންގެ ގާނޫނަށް އަމަލު ކުރަން ފެށުމުން ރަނގަޅު ބަދަލެއް ފެންނާނެ!
ދިވެހި ފުލުހުންގެ ހިދުމަތުގެ ބިލު ތަސްދީގުކޮށް، އެ ބިލް ގާނޫނަކަށް ބަދަލުވެ، އެ ގާނޫނަށް ރަނގަޅާށް އަމަލު ކުރެވެން ފެށުމުން ބަދަލު ފެންނަން ފަށާނެ ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.

މިނިސްޓަރު އިމްރާން ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ތިން މަސް މަހުން ފުލުހުންގެ ގާނޫނަށް އަމަލުކުރަން ފެށުމާއެކު، ރާއްޖޭގެ ދާހިލީ ހަމަޖެހުން ގާއިމުކޮށް، ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކޮށް، އަމާންކަން ގާއިމު ކުރުމަށް ފުލުހުންގެ ހިދުމަތަށް ގެންނަންވާ ބަދަލު ގެންނާނެ ކަމަށެވެ.

މި ބިލު ތަސްދީގުވެގެން ދިއުމަކީ ދިވެހި ފުލުހުންގެ ހިދުމަތުގެ ތަރައްގީޢަށް، ސަރުކާރާއި ރައްޔިތުންގެ މަޖިލީހުން ގުޅިގެން ކުރި މުހިއްމު މަސައްކަތެއްކަން އިމްރާން ފާހަގަ ކުރެއްވިއެވެ. އަދި ރާއްޖެއަކީ ފުރިހަމަ ޑިމޮކްރަޓިކް މުޖުތަމައުއަކަށް ހެދުމަށް ފުލުހުންގެ އިދާރާ ހަރުދަނާކޮށް، އިތުރަށް ތަރައްގީ ކުރުމަކީ ކޮންމެހެން ކުރުން މުހިއްމު ކަމެއް ކަމަށް މިނިސްޓަރު އިމްރާން ފާހަގަ ކުރެއްވިއެވެ.

އިއްޔެ ރައީސް ސޯލިހު ތަސްދީގު ކުރެއްވި މި ގާނޫނުގައި ފުލުހުންގެ ހިދުމަތް ފޯރުކޮށްދިނުމުގެ މައިގަނޑު އަސާސްތަކާއި އުސޫލުތަކާއި، ފުލުހުންގެ ހިދުމަތުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި، ބާރުތަކާއި، އެ ހިދުމަތާގުޅޭ އެނޫންވެސް ކަންކަން ބަޔާންކޮށްފައިވެއެވެ. 

މި ބިލުގެ މަގުސަދުތަކުގެ ތެރޭގައި ދިވެހި ފުލުހުންގެ ހިދުމަތުގެ އެންމެހައި ކަންކަމަކީ ގާނޫނުއަސާސީއާއި، ގާނޫނުއަސާސީގައި ބަޔާންކޮށްފައިވާ ދުސްތޫރީ ހަމަތަކާއި، އިންސާނީ ހައްގުތަކާއި ކަރާމަތަށް އިހްތިރާމުކުރުމާއެކު ގާނޫނުގެ ހުކޫމަތުގެ ތެރެއިން ދެވޭ ހިދުމަތެއްކަން ކަށަވަރުކުރުމާއި، ވަކިފަރާތަކަށް ޖެހުމެއްނެތި، އަދި ވަކި ނުފޫޒަކަށް ލެނބުމެއްނެތި، ހަމަހަމަކަމާއެކު ގާނޫނު ނަގަހައްޓައި އަދި ތަންފީޒުކުރުމާއި، އަމަންއާންމާއި، ދާހިލީ ސަލާމަތާއި ރައްކާތެރިކަމާ ގުޅޭގޮތުން ފުލުހުން ކުރަންޖެހޭ ކަންކަން ކުރުމުގެ ގާނޫނީ ބާރާއި އިހްތިޔާރު ފުލުހުންނަށް ފޯރުކޮށްދިނުން ހިމެނެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް