ads
ކްރިމިނަލް ކޯޓް--
ފުއްގިރި މައްސަލަ: ސަންއިން މަނީ ލޯންޑަރިންގެ ދައުވާއަށް އިންކާރުކޮށްފި
މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) ގެ ހިޔާނާތުގެ މައްސަލައިގައި ސަން އިންވެސްޓްމަންޓް ކުންފުނީގެ މައްޗަށް ކޮށްފައިވާ މަނީ ލޯންޑްރިންގެ ދައުވާއަށް އެކުންފުނިން އިންކާރުކޮށްފި އެވެ.

ސަން ކޮންސްޓްރަކްޝަން ކުންފުނީގެ ފަރާތުން ދައުވާއަށް އިންކާރުކޮށްފައި ވަނީ މިއަދު ކްރިމިނަލް ކޯޓުގައި ދައުވާއަށް ޖަވާބުދާރީވުމަށް ބޭއްވި އިބްތިދާއީ އަޑުއެހުމުގަ އެވެ. 

ސަން ކޮންސްޓްރަކްޝަންއިން ދައުވާއަށް އިންކާރު ކުރުމުން މިއަދު ކުރިއަށް ގެންގޮސްފައި ވަނީ ޝަރީއަތުގެ ކުރިން ދެ ފަރާތުން ހެކި ހުށަހެޅުމުގެ މަރުހަލާ އެވެ. 

އެގޮތުން މައްސަލަ ބައްލަވާ ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަހުމަދު ޝަކީލު ވަނީ ޝަރީއަތުގެ ކުރިން ހުށަހެޅުމެއް އޮތްނަމަ، ދައުލަތަށާއި، ސަން ކޮންސްޓަރަކްޝަން ކުންފުންޏަށް 15 ދުވަހުގެ މުހުލަތެއް ދެއްވާފަ އެވެ. 

ހަމަ މި މައްސަލާގައި ސަން އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑްގެ މައްޗަށް ވެސް ދައުވާކޮށްފައިވެ އެވެ. އެގޮތުން މި މައްސަލާގައި އެންމެ ފަހުން ބޭއްވި އަޑުއެހުމުގައި ސަން އިންވެސްޓްމަންޓުގެ ފަރާތުން ވަނީ ދިފާއީ ހެކި ހުށަހަޅާފަ އެވެ. އަދި އޭގެ ކުރިން ބޭއްވި އަޑުއެހުމުގައި ދައުލަތުގެ ފަރާތުން ވަނީ ހެކި ހުށަހަޅާފަ އެވެ.

ދައުލަތުން ހެކިންގެ ގޮތުގައި ހުށަހެޅި ލިސްޓުގައި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބާއި އެމްއެމްޕީއާރުސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޒިޔަތުގެ އިތުރުން ވެސް ބަޔަކު ހިމެނެ އެވެ. 

ރ. ފުއްގިރި މައްސަލައިގެ ތަފްސީލު:

ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން މީގެ ކުރިން ބުނެފައި ވަނީ ޓޫރިޒަމް މިނިސްޓްރީ އާއި އެމްއެމްޕީއާރްސީ މެދުވެރިކޮށް ޓޫރިސްޓު ރިސޯޓެއްގެ ގޮތުގައި ތަރައްގީ ކުރުމަށްޓަކައި ރ. ފުއްގިރި ކުއްޔަށް ދޫކުރުމުގެ މުއާމަލާތާއި ގުޅިގެން ކުރީގެ ރައީސް އަބްދުﷲ ޔާމީން މަގާމުގެ ނުފޫޒު ބޭނުންކޮށްގެން، ކ. މާލެ، މއ. ކުރިކީލަހިޔާ، އަހުމަދު ކްރިކް ރިޟާ މެދުވެރިކޮށް ރިޝްވަތުގެ ގޮތުގައި އެއް މިލިއަން އެއް ލައްކަ ސަތާރަ ހާސް ޑޮލަރު ހޯދާފައިވާ ކަމަށެވެ. 

މީގެ އިތުރުން ރިޝްވަތުގެ ގޮތުގައި ހޯދާފައިވާ ފައިސާ ސަން ކޮންސްޓްރަކްޝަން އެންޑް އިންޖިނިއަރިން ޕްރައިވެޓް ލިމިޓެޑާއި ސަން އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑް ބޭނުންކޮށްގެން ލޯންޑާ ކުރުމަށްޓަކައި މަސައްކަތްކޮށްފައިވާ ކަމަށް ވެސް ޕީޖީން ބުނެފައި ވެއެވެ. 

މި މައްސަލައިގައި ޕީޖީން ދައުވާކޮށްފައި ވަނީ ކުރީގެ ރައީސް ޔާމީންގެ މައްޗަށާއި، އަހުމަދު ކްރިކް ރިޟާގެ މައްޗަށާއި، ސަން ކޮންސްޓްރަކްޝަން އެންޑް އިންޖިނިއަރިން ޕްރައިވެޓް ލިމިޓެޑާއި ސަން އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑްގެ މައްޗަށެވެ. 

ރައީސް ޔާމީންގެ މައްޗަށް މި މައްސަލައިގައި ކުރަނީ ރިޝްވަތު ގަބޫލުކުރުމުގެ ދައުވާ އާއި މަނީ ލޯންޑްރިންގެ ކުށުގެ ދައުވާ އެވެ. އަހުމަދު ކްރިކް ރިޟާގެ މައްޗަށް ކުރަނީ ރިޝްވަތު ދިނުމުގައި މެދުވެރިއަކަށްވުމުގެ ކުށުގެ ދައުވާ އާއި މަނީ ލޯންޑްރިންގެ ކުށުގެ ދައުވާ އެވެ. 

ސަން ކޮންސްޓްރަކްޝަން އެންޑް އިންޖިނިއަރިން ޕްރައިވެޓް ލިމިޓެޑާއި ސަން އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑްގެ މައްޗަށް ކުރަނީ މަނީ ލޯންޑްރިންގެ ކުށުގެ ދައުވާ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް