ads
ފަސްކުރި ދޯނި--
މަސްދޯނި ހައިޖެކްކުރި މައްސަލާގައި 26 މީހަކަށް ދައުވާކޮށްފި
ލ. އަތޮޅު އެތެރެވަރި ވަޑިނޮޅު ކަނޑުގައި އޮތް ފަސްކުރި ކިޔާ މަސްދޯންޏަކަށް ތޫނު އެއްޗެހި ހިފައިގެން އެރި މައްސަލާގައި 26 މީހަކަށް ދައުވާ ކުރުމަށް ލ. ގަމު މެޖިސްޓްރޭޓް ކޯޓަށް ހުށަހަޅައިފި އެވެ.

ޕީޖީ އޮފީހުގެ މީޑިއާ އޮފިޝަލް އަދި ޕަބްލިކް ޕްރޮސެކިއުޓާ އަހުމަދު ޝަފީއު މިއަދު ވިދާޅުވީ އެ މީހުންގެ މައްޗަށް އުފުލީ ބިރުދެއްކުމުގެ ކުށުގެ ދައުވާ ކަމަށެވެ.

ލ. އަތޮޅު ވަޑިނޮޅު ކައިރީގައި އޮތް މަސް ދޯންޏަށް ކަތިވަޅި އާއި ދަގަނޑު ހިފައިގެން އެރީ ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރުގެ ރިޗްކްލަބް މޯލްޑިވްސް އިން އިންސްޓޯލްމަންޓަށް ގަނެފައިވާ މަސް ދޯންޏަކަށް ގަވައިދުން ފައިސާ ނުދައްކާ ކަމަށް ބުނެ، ދޯނި އަތުލުމަށެވެ. އެ މައްސަލައިގައި ތުހުމަތު ކުރެވޭ ބަޔަކު ހައްޔަރުކުރި ނަމަވެސް ބަންދުގެ މުއްދަތު އިތުރުކުރަން ގެންދިއުމުން އެ މީހުން ދޫކޮށްލީ އެވެ.

ރިޗް ކްލަބަށް ދޯނި ވިއްކީ މަހުން މަހަށް ބަހާލައިގެން ހަތް މިލިއަން ރުފިޔާ ދޯނީގެ ވެރިފަރާތަށް ދައްކާ ގޮތަށެވެ. ނަމަވެސް އެ ކުންފުނިން ދެއްކީ ހަތް ލައްކަ ރުފިޔާ ކަމަށްވެ އެވެ. ނަމަވެސް އެ ވާހަކަތައް ޖާބިރު ދޮގުކުރައްވަ އެވެ.

މަސް ދޯނި، އޭގެ ވެރިފަރާތާ ހަވާލުކުރަން ރިޗް ކްލަބް މޯލްޑިވްސްގެ މައްޗަށް ގަން މެޖިސްޓްރޭޓް ކޯޓުން ވަނީ ވަގުތީ އަމުރެއް ނެރެފަ އެވެ. އެ އަމުރުގައި ވަނީ، ދޯނީގެ މައްސަލަ ވަކިގޮތަކަށް ނިމުމުގެ ކުރިން ފަސްކުރި ދޯނީގެ ވެރިފަރާތުގެ ހުއްދަނެތި އެއްވެސް މީހަކު އެ އުޅަނދަށް އަރައި ފޭބުމާއި ދޯނީގައި ތިންވަނަ ފަރާތެއް ތިބުމަކީ އޭގެ ވެރިފަރާތަށް އިއާދަނުކުރެވޭ ބޮޑު ގެއްލުންތަކެއް ކުރިމަތިވާނެ ކަމެއް ކަމަށް ޝަރީއަތަށް ފެންނަ ކަމަށެވެ. އެހެންވެ ޝަރީއަތުން ވަކި ގޮތެއް ކަނޑައަޅަންދެން ފަސްކުރި ދޯންޏާއި އެ ދޯނީގައި ހުރި ތަކެތި ވަގުތުން ހަވާލުކުރަން ރިޗްކްލަބް މޯލްޑިވްސްގެ މައްޗަށް އަމުރުކޮށްފައި ވެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
100%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް