ads
އޭސީސީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން--
ސިޔާސީ ޕާޓީތަކަށް ދޭ ފައިސާގެ އެންމެ މަތީ މިންވަރު ކަނޑައަޅަން ލަފާ ދީފި
އެކި ގޮތްގޮތުން ސިޔާސީ ޕާޓީތަކަށް ފައިސާ އާއި އެހީ ފޯރުކޮށްދެވޭނެ އެންމެ މަތީ މިންވަރު ކަނޑައެޅުމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ލަފާ ދީފި އެވެ.

ސިޔާސީ ޕާޓީތަކުގެ ގާނޫނުގެ 35 ވަނަ މާއްދާގެ (ހ) ގައިވާ ފަރާތްތަކުގެ ތެރެއިން ޕާޓީގެ މެންބަރުންނާއި، ހެޔޮ އެދޭ ފަރާތްތަކުންނާއި ވިޔަފާރީގެ މުއާމަލާތްތަކުންނާއި ދަރަނީގެ ގޮތުގައި ސިޔާސީ ޕާޓީތަކަށް ފައިސާ އާއި އެހީ ދެވޭނެ އެވެ. ނަމަވެސް ދެވޭނެ މަތީ މިންވަރެއް ކަނޑައަޅާފައެއް ނޯވެ އެވެ. 

ސިޔާސީ ޕާޓީތަކުގެ މާލީ ނިޒާމުގެ ނަޒާހަތްތެރިކަމާ ގުޅޭ ގޮތުން އެ ކޮމިޝަނުން ވަނީ ދިރާސާއެއް ތައްޔާރުކޮށްފަ އެވެ. އެ ދިރާސާ ރިޕޯޓުގައިވާ ގޮތުން ޕާޓީތައް ހިންގުމަށް ފައިސާ އާއި އެހީ ހޯދޭނެ ކަމަށް ސިޔާސީ ޕާޓީތަކުގެ ގާނޫނުގައި ބަޔާންވެފައި އޮތް ނަމަވެސް، ގާނޫނުން ކަނޑަޅާފައިވާ ފަރާތްތަކުގެ ކިބައިން ހޯދޭނެ ފައިސާ އާއި އެހީގެ މިންވަރާއި ބާވަތް ގާނޫނުގައި ކަނޑައެޅިފައި ނުވާ ކަމަށާއި ވަކި ލިމިޓެއް ނެތި ފައިސާގެ އެހީ ހޯދޭނެ ގޮތަށް ގާނޫނު އޮތުމަކީ ޕާޓީތަކުގެެ މެދުގައި ވާދަވެރިކަން ކުޑަވެ، ކޮރަޕްޝަނަށް މަގުފަހިވާނެ ކަމެއް ކަމަށް ފާހަގަކޮށްފައި ވެއެވެ.

އެކަން އިސްލާހު ކުރުމަށް ތިން ކަމެއް ރިޕޯޓުގައި ވަނީ ފާހަގަކޮށްފަ އެވެ. އެގޮތުން ޕާޓީގެ މެންބަރުންނާއި ހެޔޮ އެދޭ ފަރާތްތަކުން އަދި ވިޔަފާރީގެ މުއާމަލާތްތަކުންނާއި ދަރަނީގެ ގޮތުގައި ޕާޓީތަކަށް ފައިސާ އާއި އެހީ ދެވޭނެ މަތީ މިންވަރެއް ކަނޑައެޅުމަށް ވަނީ ހުށަހަޅައިފަ އެވެ.

އަދި ބިދޭސީ ފަރާތްތަކާއި ބައިނަލްއަގުވާމީ ޖަމާއަތްތަކާއި ނަން ހާމަކުރަން ބޭނުން ނުވާ ފަރާތްތަކުން ޕާޓީތަކަށް ގިނަވެގެން ދެވޭނެ ފައިސާގެ ނުވަތަ އެހީގެ މިންވަރެއް ގާނޫނުގައި ކަނޑައެޅުމަށް ވެސް ހުށަހަޅާފައި ވެއެވެ.

މީގެ އިތުރުން ކާކުކަން ނޭނގޭ ފަރާތްތަކާއި ދައުލަތުގެ އަދި ދައުލަތް ހިއްސާވާ ކުންފުނިތަކުން އަދި ބިދޭސީ ފަރާތްތަކުން ރާއްޖޭގައި ހިންގާ ސިޔާސީ ޕާޓީތަކަށް ފައިސާ އާއި އެހީތެރިކަން ފޯރުކޮށް ނުދެވޭނެ ކަމަށް ޕާޓީތަކާ ބެހޭ ގާނޫނުގައި ސަރީހަ ބަހުން ބަޔާން ކުރުމަށް ވެސް ހުށަހަޅާފައި ވެއެވެ.

ރިޕޯޓުގައި ފާހަގަކޮށްފައިވާ ގޮތުން، ދައުލަތުގެ އިދާރާތަކުންނާއި ކުންފުނިތަކުން ޕާޓީތަކަށާއި ޕާޓީތަކުގެ ކެންޑިޑޭޓުންނަށް ހަރަދުކުރާ ކަމުގެ 37 މައްސަލައެއް މިދިޔަ ފަސް އަހަރުގެ ތެރޭގައި އޭސީސީއަށް ހުށަހެޅިފައި ވެއެވެ. 

އިންތިހާބާ ބެހޭ އާންމު ގަވާއިދުގައި، ކެންޑިޑޭޓުންނަށް ސަރުކާރު ކުންފުނިތަކުން ދޭ އެހީ ބޭނުންކޮށްގެން ނުވާނެ ކަމަށް ބުނެފައިވީ ނަމަވެސް. އެކަން ގާނޫނުން މަނާކޮށްފައި ނޯންނާތީ، ޕާޓީތައް މެދުވެރިކޮށް ކުންފުނިތަކުން ކެންޑިޑޭޓުންނަށް ދޭ އެހީ ބޭނުން ކުރުމުގެ ފުރުސަތު އޮންނާނެ ކަމަށް ރިޕޯޓުގައި ފާހަގަކޮށްފައި ވެއެވެ.

އެހެންކަމުން އޭސީސީއިން ހުށަހަޅާފައިވަނީ، ސަރުކާރު ހިއްސާވާ ކުންފުނިތަކުން، ސިޔާސީ ޕާޓީތަކަށް ހަރަދު ނުކުރެވޭނެ ކަމަށް ޕާޓީތަކުގެ ގާނޫނުގައި ސަރީހަ ބަހުން ކަނޑައެޅުމަށެވެ. އަދި ޕާޓީތަކުގެ ގާނޫނުގެ 35 ވަނަ މާއްދާގައި، ބުނާ ދަރަންޏަށް ފައިސާ ނެގޭނެ ގޮތްތަކާއި، ދަރަންޏާ މެދު ޒިންމާވާނެ ފަރާތްތައް ތަފްސީލުކޮށް ބަޔާންކޮށް ޕާޓީތަކާއި ކެންޑިޑޭޓުންނަށް ދައުލަތުގެ ތަކެއްޗާއި ހިދުމަތް ދިނުމުގެ އުސޫލު އެކުލަވާލާ އެ ހުއްދަ ލިޔުމުން ހޯދަން ޖެހޭނެ ކަމަށް ކަނޑައަޅަން ވަނީ ހުށަހަޅައިފަ އެވެ.

މީގެ އިތުރުން ސިޔާސީ ޕަޓީތަކުގެ ދަފްތަރު ބަލަހައްޓާނެ ހަރުދަނާ ނިޒާމެއް ނެތް ކަމަށާއި، ޕާޓީތަކުގެ މެންބަރުންގެ އަދަދުގެ ސައްހަކަން ވެރިފައި ކުރެވޭނެ އިންތިޒާމެއް ނެތުމަކީ ސިޔާސީ ޕާޓީތަކަށް ފައިސާ ދިނުމުގައި ނަޒާހަތްތެރިކަމުގެ އަސާސްތަކާ ފުށުއަރާ ކަމެއް ކަމަށް ބުނެފައި ވެއެވެ.

އޭސީސީއިން ހުށަހަޅާފައިވަނީ އަހަރަކު ދެ ފަހަރު، ޕާޓީތަކުގެ ރަޖިސްޓްރީގައ ތިބި މެންބަރުންގެ އަދަދު ކަށަވަރުކޮށް، ގަވާއިދާ ހިލާފަށް ޕާޓީގައި މީހަކު ރަޖިސްޓްރީވުމަށް ހުށަހަޅާނަމަ ފިޔަވަޅު އަޅައި ޖޫރިމަނާ ކުރުމަށާއި ދައުލަތުގެ ބަޖެޓުން ޕާޓީތަކަށް އިނާޔަތްދޭއިރު ޕާޓީތަކުގެ ދަފްތަރުގެ ސައްހަކަން ޔަގީން ކުރުމަށެވެ.

އަދި ޕާޓީތަކުގެ މެންބަރުންނަށް ވުމަށް ހުށަހަޅާ ފޯމުތައް ވެރިފައިކޮށް ސައްހަކަން ކަށަވަރުކުރާނެ ނިޒާމެއް ގާއިމް ކުރަން ވެސް ހުށަހަޅާފައި ވެއެވެ.

މީގެ އިތުރުން ޕާޓީތަކުން ފައިސާ ހަރަދުކުރާނެ ގޮތުގެ ހަރުދަނާ އުސޫލެއް ނެތްކަން އޭސީސީއިން ފާހަގަކޮށްފައި ވެއެވެ. އެ ކޮމިޝަނުން ބުނެފައިވަނީ އެކަން އެހެން އޮތުމުގެ ސަބަބުން ޕާޓީތަކުން ފައިސާ ހަރަދުކުރަނީ އެންމެ އެދެވޭ ގޮތުގައިތޯ ޔަގީން ނުކުރެވޭނެ ކަމަށެވެ. އަދި އޭގެ ސަބަބުން ޕާޓީތަކުގެ މަގުސަދުތަކުގެ ތެރޭގައި ނުހިމެނޭ ކަންކަމަށް ހަރަދުކުރުމުގެ ފުރުސަތާއި ވޯޓު ގަތުން ފަދަ ކަންކަމަށް މަގުފަހިވާނެ ކަމަށް ފާހަގަކޮށްފައި ވެއެވެ.

އެހެންކަމުން ޕާޓީތަކުން ހަރަދު ކުރެވޭނެ ކަންކަން ގާނޫނުން ބަޔާންކޮށް، ކެންޑިޑޭޓުންނެކޭ އެއް ގޮތަށް ޕާޓީތަކަށް ވެސް ފައިސާ ހަރަދު ކުރެވޭނެ އެންމެ މަތީ އަދަދެއް ގާނޫނުގައި ކަނޑައަޅައި، ޕާޓީތަކާއި ކެންޑިޑޭޓުންގެ މާލީ ކަންތަކާ ގުޅޭ ޝަކުވާ ހުށަހެޅޭނެ ފަސޭހަ ނިޒާމެއް ގާއިމް ކުރުމަށް ވަނީ ހުށަހަޅައިފަ އެވެ.

އަދި ޕާޓީތަކުން މާލީ ރިޕޯޓުތައް ހުށަހަޅަމުން ނުދިޔުމާއި، މާލީ ކަންތަކުގެ ދެފުށް ފެންނަ މިންވަރު ކުޑަކަން ފާހަގަކޮށް ބުނެފައިވަނީ، ޕާޓީތަކާއި ކެންޑޑޭޓުންނާއި ޕާޓީތަކުގެ އިސް ފަރާތްތަކުން މާލީ ބަޔާން ހުށަހެޅުން ލާޒިމް ކުރަން ހުށަހަޅާ ކަމަށެވެ. އަދި އެ މައުލޫމާތު ފަސޭހައިން ފެންނަ ގޮތަށް އާންމުކުރަން ވެސް ހުށަހަޅާފައި ވެއެވެ.

50%
ކަމުގޮސްފި
25%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
25%
ވަރަށް ސަލާމް
ކޮމެންޓްސް