ads
ޔަހޫދީއަކު ކޮވިޑް ވެކްސިން ޖަހަނީ-- ފޮޓޯ: ރޮއިޓާޒް
އިޒްރޭލުން އަޅުވެތިކޮށްފައިވާ ފަލަސްތީނު މީހުންނަށް ކޮވިޑް ވެކްސިނެއް ނުދޭ!؟
ކޮވިޑް-19 ވެކްސިން ދިނުމުގައި އެންމެ ކުރީގައި އުޅޭ ގައުމަކީ އިޒްރޭލު ނަމަވެސް އިޒްރޭލުން ވެރިވެ ގަނެފައިވާ ގާޒާ އާއި ހުޅަނގު އައްސޭރީގައި އުޅޭ ފަލަސްތީނު ރައްޔިތުން ވެކްސިން ޕްރޮގްރާމުގައި މިހާތަނަށް ބައިވެރިކޮށްފައެއް ނުވެ އެވެ.

އިޒްރޭލުން މިހާތަނަށް ވަނީ އެގައުމުގެ އާބާދީގެ 10 ޕަސަންޓު މީހުންނަށް ވެކްސިން ދީފަ އެވެ. ނަމަވެސް އިޒްރޭލުގެ ބާރުގެ ދަށުގައިވާ ގާޒާ އާއި ހުޅަނގު އައްސޭރީގެ ފަލަސްތީނަށް ނިސްބަތްވާ އެންމެ މީހަކަށް ވެސް މިހާތަނަށް ވެކްސިން ދީފައެއް ނުވެ އެވެ.

ފައިޒާ އަދި ބަޔޯއެންޓެކްގެ ވެކްސިންތައް އިޒްރޭލުން އެކި ހިސާބުތަކަށް ފޮނުވަމުން ދާއިރު ހުޅަނގު އައްސޭރީގައި އެ ތަކެތި ފޮނުވަމުން ދަނީ ހަމައެކަނި ޔަހޫދީން އާބާދުވެފައިވާ ސަރަހައްދުތަކަށެވެ. ހުޅަނގު އައްސޭރީގައި ޖުމްލަ 2.7 މިލިއަން ފަލަސްތީނު މީހުން ދިރިއުޅެ އެވެ.

އެމީހުންނަށް ވެކްސިން ދޭނެ ކަމުގެ އެއްވެސް ޔަގީންކަމެއް އަދި ނެތެވެ. ނަމަވެސް ވެކްސިން ނުދޭނެ ކަމަށް ވެސް އިޒްރޭލު ސަރުކާރުން މިހާތަނަށް ބުނެފައެއް ނުވެ އެވެ. 

އިޒްރޭލުން ވެކްސިން ދިނުމުގެ ޕްރޮގްރާމް ފެށިތާ މިހާރު ދެ ހަފްތާ ވެފައި ވާއިރު، ދުވާލެއްގެ މައްޗަށް 150،000 މީހުންނަށް ދަނީ ވެކްސިން ދެމުންނެވެ. އިޒްރޭލުގެ އާބާދީގެ ނުވަ މިލިއަންގެ ތެރެއިން އެއް މިލިއަން މީހުންނަށް ވެކްސިން ދީ ނިމިއްޖެ އެވެ.

އިޒްރޭލުގެ ބާރުގެ ދަށުގައިވާ ސަރަހައްދުތަކުގައި އުޅޭ ފަލަސްތީނު މީހުންނަށް ވާނެ ގޮތެއް ނޭނގޭއިރު، ފަލަސްތީނުގެ ސަރުކާރުން ވެސް ދަނީ ވެކްސިން ހޯދުމުގެ މަސައްކަތް ކުރަމުންނެވެ. އެގޮތުން ކުރިއަށް އޮތް ދެ ހަފްތާ ތެރޭގައި ވެކްސިން ލިބޭތޯ މަސައްކަތް ކުރަމުންދާ ކަމަށް ދަ ގާޑިއަން ނޫހުގައި އޮފިޝަލަކާ ހަވާލަދީ ލިޔެފައި ވެއެވެ.

ފަލަސްތީނުގެ 20 ޕަސަންޓު މީހުންނަށް ވެކްސިން ފޯރުކޮށްދޭނެ ކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) އިން ކުރިން ބުނެފައި ވެއެވެ. އެކަމަކު އެ ވެކްސިންތައް ލިބޭނެ އިރެއް އަދި ނޭނގެ އެވެ. އަދި ފަލަސްތީނު ސަރުކާރުން ވެކްސިން ގަންނަން އެއްވެސް ބަޔަކާއެކު މިހާތަނަށް ސޮއިކޮށްފައެއް ނުވެ އެވެ.

ދަ ގާޑިއަން ނޫހުގައިވާ ގޮތުން އިޒްރޭލުގެ އެހީ މިކަމުގައި ލިބޭނެތޯ ބެލުމަށް މަޝްވަރާތައް ކުރެވެމުން އެބަދެ އެވެ. އެކަމަކު އެކަން ރަސްމީކޮށް ކަށަވަރުކޮށްދީފައި ނުވާއިރު، އެއްބަސްވުމަކަށް އާދެވޭނެ ކަމުގެ މާ ބޮޑު ޔަގީންކަމެއް ނެތެވެ. 

އިޒްރޭލުން ބުނެފައި ވަނީ ޔަހޫދީންނަށް ދިނުމަށް ފަހު އިތުރުވާ ވެކްސިން ފަލަސްތީނަށް ފޯރުކޮށްދެވިދާނެ ކަމަށެވެ. އަދި ހުޅަނގު އައްސޭރި އާއި ގާޒާ ކޮންޓްރޯ ކުރަނީ ޔަހޫދީން ކަމުގައިވީ ނަމަވެސް އެތަނުގައި އުޅޭ ފަލަސްތީނު މީހުންނަށް އެމީހުން ޒިންމާވާން ނުޖެހޭނެ ކަމަށް ބުނެފައި ވެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
100%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް